އަދީބާ ގުޅުވައި ނާޒިމް ދިނީ ދޮގު ބަޔާނެއް: އާއިލާ

މީގެ ކުރިން މާލޭގައި ބޭއްވި ހަރަކާތެއްގައި އަދީބު ---- ސަން ފައިލް ފޮޓޯ

ގެއްލުވާލާފައިވާ މީހުންނާއި ގޮތްނޭނގޭ މަރުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ ގުޅުވައި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހްމަދު ނާޒިމް ދެއްވާފަައިވާ ބަޔާނަކީ ދޮގު ބަޔާނެއްކަމަށް އަދީބުގެ އާއިލާއިން ބުނެފިއެވެ.

ދީނީ އިލްމުވެރިޔާ އަދި އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ ތަހުގީގަށް މަރު ކޮމިޝަނަށް ނާޒިމް ދެއްވި ބަޔާނުގައި އަދީބަށް ވަނީ ސީރިއަސް ތުހުމަތުތަކެއް ކުރައްވާފައެވެ.

އެކަމާ ގުޅޭގޮތުން އަދީބުގެ އާއިލާއިން މިރޭ ނެރުނު ނޫސްބަޔާނުގައި ބުނީ، ނާޒިމްގެ ބަޔާނަކީ، އަދީބާ މެދު ނަފްރަތު އުފެއްދުމަށް ދީފައިވާ ބަޔާނެއްކަމަށް ދެކޭ ކަމަށެވެ. އަދި އެ ބަޔާންތަކުގައި އަދީބާ ގުޅުވައި ދައްކާފައި ހުރި ވާހަކަތަކަކީ ސާބިތު ނުހިފޭ ދޮގު ވާހަކަތަކެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

"އަދީބަކީ، ރައީސް ނަޝީދަށް އެއްވެސް އިރެއްގައި ގެއްލުމެއް ދޭން އުޅުނު ފަރާތެއް ނޫނެވެ. އަދި ރާއްޖެ ޓީވީއާ ބެހޭ ގޮތުން އެސްއެމްއެސްއެއް ފޮނުވި ވާހަކައަކީވެސް ދޮގު ވާހަކައެއް،" ބަޔާނުގައި ބުނެފައިވެއެވެ.

ނާޒިމް ދެއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 2013 ގައި ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތް ހެދުމަށްޓަކައި އެމަނިކުފާނު އިންނަވާ އުޅަނދެއްގައި ބޮމެއް ގޮއްވާލުމަށް އަދީބު ރޭވި ކަަމަށެވެ. އަދި ރާއްޖެޓީވީ ރޯކޮށްލި ދުވަހު އަދީބު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މެސެޖްކޮށް "މިޝަން އެކޮމްޕްލިޝްޑް" އޭ ވިދާޅުވި ކަމަށެވެ.

އަދީބުގެ އާއިލާއިން ނެރުނު ނޫސް ބަޔާނުގައި ބުނީ، ކޮމިޝަންގެ ތަހުގީގު ރިޕޯޓުން އެނގުނު އެއް ކަމަކީ ޑރ. އަފްރާޝީމްގެ މަރާ އަދީބާ ގުޅުވައި، އަދީބަށް ކުރި ތުހުމަތުތަކަކީވެސް ދޮގު ތުހުމަތުތަކެއްކަން ހާމަވެފައިވާ ކަމަށެވެ.

އަދި ސިޔާސީ މަންފާ ހޯދުމަށް އަދީބުގެ ނަން ބޭނުން ނުކުރުމަށާއި، އެކި މައްސަލަތަކުގައި އެކި މީހުން ސިޔާސީ ގޮތުން ގުރުބާންކުރާ ކަންބަޅިއަކަށް އަދީބު ނުހެދުމަށްވެސް އާއިލާއިން އިލްތިމާސްކުރިއެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުން ޑރ. އަފްރާޝީމް މަރާލީ ސިޔާސީ ބަޔަކު އަޑީގައި ތިބެ ސިޔާސީ ބޭނުމެއްގައެވެ. ނަމަވެސް މަރުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުގެ ރިޕޯޓުން އެނގޭ ގޮތުގައި އެ މަރަކީ ދީނީ ހިޔާލު ތަފާތުވުންތަކާ ހެދި، ހައްދުފަހަނައެޅި ޖިހާދީ ޖަމާއަތަކުން ފަންޑުކޮށްގެން ކުރި ކަމެއް ކަމަށެވެ.

comment ކޮމެންޓް