އަފްރާޝީމް މަރާލުމުގައި ޔާމީން، އެމްޑީޕީ، ޕީޕީއެމްގެ އަތެއް ނެތް: ރިޕޯޓު

މަރު ކޮމިޝަންގެ މެމްބަރުން --- ސަން ފައިލް ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގައި ސިޔާސީ އެއްވެސް މީހެއްގެ އަތެއް ވާކަމުގެ ހެއްކެއް ނެތް ކަމަށް މަރު ކޮމިޝަނުން މައްސަލަ ތަހުގީގުކޮށް އެކުލަވާލި ތަހުގީގު ރިޕޯޓުގައި ބުނެފިއެވެ.

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގެ ތަހުގީގު ރިޕޯޓު ކަމާ ގުޅުން ހުރި އިދާރާތަކަށް ރައީސް އޮފީހުން ފޮނުވީ ނިމިދިޔަ ހަފްތާގެ ތެރޭގައެވެ. އެ ރިޕޯޓު މިއަދު ރައީސް އޮފީހުން ވަނީ އާންމުކޮށްފައެވެ.

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ ކުރިން އެތައް ފަހަރަކު މިސްކިއްތަކާއި އަދި އެހެނިހެން ގޮތްތޮތުންވެސް ވަނީ ހަމަލާދޭން މަސައްކަތްކޮށްފަ އެވެ. އަފްރާޝީމް އަވަހާރަކޮށްލީ ޓީވީއެމްގެ ދީނީ ޕްރޮގްރާމެއް ނިންމާފައި، އޭނާ ދިރިއުޅުއްވި ހ. ފުންވިލުގެއަށް ވަތްތަނުން އެގޭ ސިޑި ދަށުންނެވެ.

އަފްރާޝީމް މަރާލި އިރު ދިރިއުޅުއްވި ހ. ފުންވިލުގެ

އެ މައްސަލައިގައި ފުލުހުން ކުރި ތަހުގީގުގަށްފަހު ބުނެފައި ވަނީ އެއީ ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް، ހަތަރު މިލިއަން ރުފިޔާ ދީގެން ކުރުވި ކަމެއް ކަމަށެވެ. މައްސަލައިގައި ގަސްދުގައި މީހަކު މެރުމުގެ ދައުވާ ސާބިތުވެ، މަރަން ހުކުމް ކޮށްފައި ވަނީ ހ. ލޮބީ ހުސައިން ހުމާމުގެ މައްޗަށެވެ.

މަރު ކޮމިޝަނުން މައްސަލަ ބަލަން ފެށީ މައްސަލާގައި ފުލުހުން މިހާތަނަށް ކޮށްފައިވާ ތަހުގީގުން ޑރ. އަފްރާޝީމް އަވަހާރަކޮށްލަން ބޭނުންވި ސަބަބު ހޯދިފައި ނުވާތީވެ އެކަން ހޯދުމަށާއި އެކަމަށް ހަރަދުކުރި މީހުން ހޯދުމަށެވެ.

އެގޮތުން ކޮމިޝަނަށް ލިބެންހުރި ހެއްކާއި ގަރީނާތަކުގެ އަލީގައި ތަހުގީގު ކުރިއަށް ގެންގޮސްފައިވަނީ މައިގަނޑު ހަތަރު މިސްރާބަކަށް އަމާޒުކޮށްގެން އޭގެ ތެރެއިން ހަގީގަތަކީ ކޮބައިކަން ދެނެގަތުމަށެވެ. އެ ހަތަރު މިސްރާބަކީ:

  1. އޭރު އޮތް ސަރުކާރާ އިދިކޮޅު ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ސިޔާސީ މަގްސަދަކަށް ކުރި ކަމެއްތޯ ބެލުން
  2. އަމިއްލަ ޕާޓީގެ އެތެރޭގެ ސިޔާސީ ވާދަވެރިކަމުގެ ސަބަބުން ކުރި ކަމެއްތޯ ބެލުން
  3. 2013ގެ ރިޔާސީ އިންތިހާބު އޭރުގެ އިދިކޮޅު ސިޔާސީ ފަރާތްތަކަށް ކާމިޔާބުވިޔަ ނުދިނުމުގެ މަގްސަދުގައި ކުރިކަމެއްތޯ ބެލުން
  4. ދީނީ ގޮތުން ހިޔާލު ތަފާތުވުން

ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައި ވަނީ ޑރ. އަފްރާޝީމް މަރާލީ ސިޔާސީ ބަޔަކު ސިޔާސީ މަގްސަދެއްގައި ކަމަށް އޭރު އޮތް ސަރުކާރަށް ނިސްބަތްވާ ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއި ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވިނަމަވެސް އެކަމަށް ބާރުލިބޭ ހެއްކެއް ނެތް ކަމަށެވެ.

ދެހާސް ތޭރަވަނަ އަހަރު އޮތް ރިޔާސީ އިންތިހާބުގެ ޕީޕީއެމްގެ ރިޔާސީ ޓިކެޓް އަބްދުﷲ ޔާމީންއަށް ދިނުމުގެ ބަދަލުގައި ރިޔާސީ ޓިކެޓް ޑރ. އަފްރާޝީމް އަލީއަށް ދިނުމަށް އެ ޕާޓީގެ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބޭނުންފުޅުވާތީވެ، ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލާފައިވަނީ އަބްދުﷲ ޔާމީންގެ ފަރާތުން ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.

އެ ތުހުމަތުގެ އެއްވެސް ހަގީގަތެއް އޮތްތޯ ބެލުމަށް ކޮމިޝަނުން ވަނީ ޕީޕީއެމްގެ އެތެރޭގައި ސިޔާސީ ވާދަވެރިކަން އޮތްގޮތް ބަލައި ތަހުގީގުކޮށްފައެވެ. ނަމަވެސް ކޮމިޝަނުން ބެލިބެލުމުން އެ ތުހުމަތަށް ބާރުލިބޭ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ނެތްކަން އެނގިފައިވާކަމަށް ރިޕޯޓުގައިވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް. އެމަނިކުފާނާ ޑރ. އަފްރާޝީމްގެ މަރާ ގުޅުމެއް ނެތް ކަމަށް މަރު ކޮމިޝަނުގެ ރިޕޯޓުގައި ވަނީ ބުނެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލާފައިވަނީ އަބްދުﷲ ޔާމީންގެ ފަރާތުން ކަމަށް ބައެއް ފަރާތްތަކުން ކުރާ ތުހުމަތާ ގުޅޭގޮތުން ކޮމިޝަނުން ބެލިބެލުމުން އެނގުނީ، މި ތުހުމަތަށް ބާރުލިބޭ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ނެތް ކަމެވެ." ރިޕޯޓުގައިވެއެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމް ކޮމިޝަނަށް ދީފައިވާ ބަޔާނުގައި ވިދާޅުވެފައި ވަނީ އަފްރާޝީމް އަވަހާރަކޮށްލެވުނީ ބާރު ހޯއްދަވަން އުޅުއްވާތީއޭ ނުވަތަ ރިޔާސީ ޓިކެޓް ހޯއްދަވަން އުޅުއްވާތީއޭ ބުނާ ބުނުމަކީ ހަގީގަތެއް ކަމަށް ނުފެންނަ ކަމަށެވެ. ސަބަބަކީ ރިޔާސީ ޓިކެޓް ހޯއްދަވަން އަފްރާޝީމް އުޅުއްވި ކަމަށް ފާހަގަކުރެވިފައި ނުވާތީއެވެ.

އޭގެ އިތުރުން ޑރ. އަފްރާޝީމްގެ އެންމެ ގާތް އެކުވެރިޔާ ކަމުގައިވާ މއ. ޝޭޑީކެބިން ހަސަން ތައުފީގު ކޮމިޝަނަށް ދެއްވި ބަޔާނުގައި ޑރ.އަފްރާޝީމް އަކީ ވެރިކަމަށް ކުރިމަތި ލައްވަން އުޅުއްވި، އެކަމަށް ޝައުގުވެރިކަން ހުންނެވި ބޭފުޅެއް ނޫން ކަމަށް ވަނީ ވިދާޅުވެފައެވެ.

"ސަބަބަކީ ޑރ. އަފްރާޝީމް އަލީއަކީ އެފަދަ ކަމެއް ކުރުމަށް ބޭނުންވާ ތަނަވަސްކަން ހުރި ބޭފުޅަކަށް ނުވެފައި، ކޮންމެ މަހެއްގެވެސް ފަހު ފަނަރަވަނަ ދުވަހާއި ހަމައިން ފައިސާގެ އެހީތެރިކަން ބޭނުންވެގެން އެކިފަހަރު މަތިން އަޅުގަނޑަށް ގުޅުއްވާފައި ވާތީއެވެ. މިގޮތުން އެކި ފަހަރު އެކި ކަންކަމުގައި އަޅުގަނޑު ޑރ. އަފްރާޝީމް އަލީއަށް މާލީގޮތުން އެހީތެރިވެދީފައި ވާނެއެވެ. އަދި އަޅުގަނޑާއިއެކު ބޭރުގައި އުޅުއްވާ ވަގުތުތަކުގައިވެސް ސިޔާސީ މީހުންގެ ފަރާތުން ޑރ. އަފްރާޝީމް އަލީއަށް އެއްވެސް އުނދަގުލެއް ދިމާވެފައެއް ނުވެއެވެ." ހަސަން ތައުފީގުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައިވަނީ ރައީސް މުހައްމަދު ނަޝީދަށް 2013 ގެ އިންތިހާބު ކާމިޔާބުކުރުމަށް ހުރަސް އެޅުމަށްޓަކައި ނުވަތަ އެމްޑީޕީއަށް އޭރުގެ ސަރުކާރުން ނުވަތަ އޭރުގެ ސަރުކާރަށް ނިސްބަތްވާ ބަޔަކު ރާވައިގެން ނުވަތަ ރައީސް މުހަންމަދު ނަޝީދުއާ ވާދަވެރި ސިޔާސީ ފަރާތަކުން ރާވައިގެންކަމަށް ބުނާ ބުނުމަށް ބާރުދޭ އެއްވެސް ހެއްކެއް ނެތްކަމަށްވެސް ރިޕޯޓުގައިވެއެވެ.

ކުރީގެ ރައީސް، މުހައްމަދު ނަޝީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނަމަވެސް ޑރ. އަފްރާޝީމް އަވަހާރަކޮށްލުމާއެކު، އެކަމަކީ އެމްޑީޕީގެ ބަޔަކު ކުރިކަމެއްކަމަށް ދެއްކުމަށް އޭރުގެ ސަރުކާރުންނާއި، ސަރުކާރަށް ނިސްބަތްވާ ސިޔާސީ މީހުން ދިވެހި ރައްޔިތުންނަށާއި ބައިނަލްއަގްވާމީ މުޖްތަމައަށް އެގޮތަށް ވިސްނައި ދިނުމަށް މަސައްކަތްކޮށްފައިވާކަން އެނގޭ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ރިޕޯޓުގައި ބުނެފައި ވަނީ ޑރ. އަފްރާޝީމްއަކީ ޕީޕީއެމްގެ ދީނީ ގޮފީގެ ރައީސްގެ ހައިސިއްޔަތުންނާއި ޕީޕީއެމް ޕާލަމަންޓްރީ ގްރޫޕުގެ މެމްބަރެއްގެ ހައިސިއްޔަތުން އެމްޑީީޕީއަށް ފާޑުވިދާޅުވަމުން ވަޑައިގެންނެވި ބޭފުޅެއް ކަމުގައިވީ ނަމަވެސް، އަދި އޭނާ ދައްކަވަމުން ގެންދެވި ދީނީ އަދި ސިޔާސީ ވާހަކަތަކަކީ އޭނާ ނޫނަސް ގިނަ އަދަދެއްގެ އިދިކޮޅު އެހެން ސިޔާސީ މީހުން ވެސް އެމްޑީޕީ ސަރުކާރާ ދެކޮޅަށް ނުވަތަ ރައީސް ނަޝީދާ ދެކޮޅަށް ދައްކަމުން ގެންދިޔަ ވާހަކަތަކެއް ކަމަށްވާތީވެ، ޑރ.އަފްރާޝީމް ދެއްކެވި ވާހަކަތަކަކީ އޭގެ ސަބަބުން ވަކިން ތަފާތު ގޮތެއްގައި ނުވަތަ ވަކިން ހާއްސަކޮށް އެމްޑީޕީގެ ސިޔާސީ ކުރިމަގަށް ހުރަސް އެޅޭ ވާހަކަތަކެއް ކަމަކަށް އަންދާޒާނުކުރެވޭ ކަމަށެވެ.

އަދި އެކަމުގެ ސަބަބުން އެމްޑީީޕީއަށް ތާއީދުކުރާ ފަރާތަކުން ޑރ. އަފްރާޝީމް މަރާލަން ބޭނުންވެދާނޭ ކަމަށް ގަބޫލުކުރެވޭ ސަބަބެއް ނެތް ކަމަށެވެ.

އަދި ސިޔާސީ ބޭނުމެއްގައި ނުވަތަ އެނޫންވެސް ބޭނުމަކު، ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގައި އެމްޑީީޕީން ނުވަތަ އެމްޑީީޕީއަށް ނިސްބަތްވާ މީހަކު ސިޔާސީ ބޭނުމެއްގައި އެއްވެސް އަމަލެއް ކުރިކަމުގެ ހެއްކެއް ނުވަތަ އެއްވެސް ބާވަތެއްގެ އެހީތެރިކަމެއް ފޯރުވައިދިންކަމުގެ ހެއްކެއް ނެތްކަމަށްވެސް ރިޕޯޓުގައިވެއެވެ.

ރިޕޯޓުގައި ބުނެފައި ވަނީ ކޮމިޝަނަށް ލިބިފައިވާ ހެއްކާއި ގަރީނާއަށް ބަލާއިރު، ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައިވަނީ ރާއްޖޭގައި ހިންގަމުންގެންދާ ޖިހާދީ ފިކުރުގެ ޖަމާއަތުން ރާވައިގެންކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

އަޒްލިފް ރައޫފް: އަފްރާޝީމް އަވަހާރަކޮށްލުމުގެ އެންމެ އިސް މީހަކީ އޭނާ ކަމަށް މަރު ކޮމިޝަންގެ ރިޕޯޓުގައި ވޭ -- ފައިލް ފޮޓޯ

ތަހުގީގަށް ފާހަގަކުރެވުނު ކަންކަމަށް ބަލާއިރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ޖިހާދީ ފިކުރުގެ ޖަމާއަތް ހިންގުމުގައި އިސްވެތިބީ މާލެ ދަފްތަރު ނަމްބަރު 471 މުހައްމަދު މަޒީދު އަދި ތ. އޮމަދޫ އަތިރީގޭ ސާމިތު މުހައްމަދެވެ. އަދި އަފްރާޝީމް އަވަހާރަކޮށްލުމުގެ އެންމެ އިސް މީހަކީ ހ. ހިލްޓަން އަޒްލިފް ރައުފްކަމަށް ތަހުގީގު ރިޕޯޓުގައި ވަނީ ބުނެފައެވެ.

ޖިހާދީ ފިކުރުގެ އެ ޖަމާއަތުން ޑރ އަފްރާޝީމާ މެދު ހިތްހަމަނުޖެހުންތައް ހުރީ ކީއްވެގެންކަންވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މަރުވެފައި ތިބޭ މީހުންނަށް ނަދުރު ބުނުމާއި، އަންހެންމީހާގެ އައުރައަކީ ކޮބައިކަމާމެދު ޑރ. އަފްރާޝީމް ދެކެވަޑައިގެންނެވި ގޮތަކީ އިލްމުވެރިންގެ މެދުގައި ހިތްހަމަނުޖެހުން އޮތް ކަމެއްގެ ގޮތުގައި ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

comment ކޮމެންޓް