އަފްރާޝީމްގެ މަރުގެ ތަހުގީގު ރިޕޯޓު ސަރުކާރުން އާންމުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލި މައްސަލައިގައި މަރު ކޮމިޝަނުން ކުރި ތަހުގީގަށް ފަހު، އެކުވަލާލި ރިޕޯޓް ރައީސް އޮފީހުން މިއަދު އާންމުކޮށްފިއެވެ.

ޑރ. އަފްރާޝީމްގެ މަރުގެ މައްސަލަ ބެލުމަށް ކޮމިޝަނާ ހަވާލުވެފައިވަނީ މައްސަލާގައި ފުލުހުން މިހާތަނަށް ކޮށްފައިވާ ތަހުގީގުން އެކަން އެ ބަޔަކު، އެކަން ކުރަން ބޭނުންވި ސަބަބު ހޯދިފައި ނުވާތީވެ އެކަން ރޭވި މީހުންނާއި އެކަން އެ ބަޔަކު ކުރަން ބޭނުންވި ސަބަބު ހޯދުމަށާއި އެކަމަށް ހަރަދުކުރި ފަރާތްތައް ހޯދުމަށެވެ.

މަރު ކޮމިޝަނުން ތައްޔާރުކުރި 121 ސޮފްހާގެ ތަހުގީގު ރިޕޯޓު މިހާރު ވަނީ ރައީސް އޮފީހުގެ ވެބްސައިޓުގައި އާންމުކޮށްފައެވެ.

އެ ރިޕޯޓުގައި ފާހަގަކޮށްފައި ވަނީ ޑރ .އަފްރާޝީމް މަރާލީ ސިޔާސީ ބަޔަކު ސިޔާސީ މަގްސަދެއްގައި ކަމަށް އޭރު އޮތް ސަރުކާރަށް ނިސްބަތްވާ ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއި އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވި ނަމަވެސް އެކަމަށް ބާރުލިބޭ ހެއްކެއް ނެތް ކަމަށެވެ.

އަދި ޑރ. އަފްރާޝީމް އަވަހާރަކޮށްލީ ރާއްޖޭގައި ހިންގާ ޖިހާދީ ފިކުރުގެ ޖަމާއަތަކުން ހިންގާ ރާވައިގެން ކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.

ތަހުގީގަށް ފާހަގަކުރެވުނު ކަންކަމަށް ބަލާއިރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ޖިހާދީ ފިކުރުގެ ޖަމާއަތް ހިންގުމުގައި އިސްވެތިބީ މާލެ ދަފްތަރު ނަމްބަރު 471 މުހައްމަދު މަޒީދު އަދި ތ. އޮމަދޫ އަތިރީގޭ ސާމިތު މުހައްމަދުއެވެ. އަދި އަފްރާޝީމް އަވަހާރަކޮށްލުމުގެ އެންމެ އިސް މީހަކީ ހ. ހިލްޓަން އަޒްލިފް ރައުފް ކަމަށް ތަހުގީގު ރިޕޯޓުގައި ވަނީ ބުނެފައެވެ.

ޑރ. އަފްރާޝީމާ ގުޅޭގޮތުން މީހުންގެ މެދުގައި ރުޅިވެރިކަން އުފައްދަން މަސައްކަތް ކުރާ ގިނަ ބައެއްގެ ވާހަކަ ތަހުގީގު ރިޕޯޓުގައި ހިމަނާފައިވެ އެވެ. އޭގެތެރޭގައި ސަލަފް ޖަމާއަތުގެ ވާހަކަ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެކިއެކި ފަހަރު މަތިން ޑރ. އަފްރާޝީމަށް ދުއްތުރާކޮށް ގޯނާ ކޮށްފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ. އަދި އެ ރިޕޯޓުގައި ވާގިތުން ބައެއް އިލްމުވެރިން ޑރ އަފްރާޝީމަށް ނިސްބަތްކޮށް "ތައުބާވެއްޖެ ނަމަ ރަނގަޅުވާނެ ކަމަށް" މިފަދައިން ބުނެފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ.

ޖިހާދީ ފިކުރުގެ އެ ޖަމާއަތުން ޑރ އަފްރާޝީމާ މެދު ހިތްހަމަނުޖެހުންތައް ހުރީ ކީއްވެގެންކަންވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން މަރުވެފައި ތިބޭ މީހުންނަށް ނަދުރު ބުނުމާއި، އަންހެންމީހާގެ އައުރައަކީ ކޮބައިކަމާމެދު ޑރ. އަފްރާޝީމް ދެކެވަޑައިގެންނެވި ގޮތަކީ އިލްމުވެރިންގެ މެދުގައި ހިތްހަމަނުޖެހުން އޮތް ކަމެއްގެ ގޮތުގައި ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ ކުރިން އެތައް ފަހަރަކު މިސްކިއްތަކާއި އަދި އެހެނިހެން ގޮތްތޮތުންވެސް ވަނީ ހަމަލާދޭން މަސައްކަތްކޮށްފަ އެވެ. އަފްރާޝީމް އަވަހާރަކޮށްލީ 2012 އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހު ޓީވީއެމްގެ ދީނީ ޕްރޮގްރާމެއް ނިންމާފައި، އޭނާ ދިރިއުޅުއްވި ހ. ފުންވިލުގެއަށް ވަތްތަނުން އެގޭ ސިޑި ދަށުންނެވެ.

comment ކޮމެންޓް