ރައީސް ޔާމީންގެ މައްސަލަ އަލުން ނުބަލައި މި މަހު 28ގައި ހުކުމް އިއްވަނީ

ޝަރީއަތުގެ މަޖިލީހަށް ރައީސް ޔާމީން ހާޒިރުވަނީ --- ސަންފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަކުރި ކަމުގެ ދައުވާގެ މައްސަލަ ކްރިމިނަލް ކޯޓުން އަލުން ނުބަލައި ހުކުމް އިއްވަން ނިންމައިފި އެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކުރި މައްސަލަ ކުރިން ބެއްލެވި އެ ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑް ކުރުމުން، ދެން އެ މައްސަލަ އަލުން ބަލާނީތޯ ނުވަތަ ކުރިން ގޮސްފައި އޮތް ހިސާބުން ފަށާނީތޯ އޮތީ ސުވާލު އުފެދިފައެވެ. ހައިލަމްގެ ސަސްޕެންޝަނަށް ފަހު ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަ ބަލަން ފަސް ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލާފަ އެވެ.

އެ ބެންޗުން ފުރަތަމަ ފަހަރަށް މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި އެ ކޯޓް ހިންގެވުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު ވަނީ މައްސަލަ ކުރިއަށް ގެންދާނެ ގޮތަކާ މެދު ދެ ހަސްމުންގެ ބަސް ހޯދައިފަ އެވެ. ޕީޖީގެ ފަރާތުން ވަކީލާ އައިޝަތު މުހައްމަދު ވިދާޅުވީ، މައްސަލަ ކޮންމެ ގޮތަކަށް ކުރިއަށް ގެންދިޔުމަކީވެސް ޝަރީއަތަށް ލިބިގެންވާ އިހުތިޔާރެއް ކަމުން ޝަރީއަތުން ނިންމާ ގޮތަކަށް ކުރިއަށްދާނެ ކަަމަށެވެ.

އެކަމަކު، ރައީސް ޔާމީންގެ ފަރާތުން އެމަނިކުފާނުގެ ވަކީލު އަލީ ޝާން އެދިވަޑައިގަތީ މައްސަލަ އިބްތިދާއީ އަޑުއެހުމުން ފަށައިގެން އަލުން ކުރިއަށް ގެންދިޔުމަށެވެ.

ގާޒީ އަލީ ރަޝީދު ވިދާޅުވީ، ގާޒީންގެ ބެންޗުން މައްސަލަ ކުރިއަށްގެންދާނެ ގޮތަކާ މެދު ވަރަށް ބޮޑަށް މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ބެންޗުން ނިންމާފައިވަނީ މައްސަލަ ހުއްޓާލިއިރު، ގޮސްފައި އޮތް ހިސާބުން ކުރިއަށް ގެންދިއުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. މިހާރު މައްސަލައިގައި ހެކިބަސްވެސް ނަގާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި މައްސަލަ ކުރިއަށްދިޔަ ގޮތުގެ ޓްރާންސްކްރިޕްޓުތަކާއި ވީޑިއޯތައް ހުރިހާ ގާޒީންނަށް ލިބިފައިވާކަން ފާހަގަކުރެއްވި އެވެ.

ޖިނާއީ އިޖުރާއަތު ގާނޫނުގެ 152 ވަނަ މާއްދާގައި ބުނެފައި ވަނީ، މައްސަލަ ބަލާ ގާޒީ ބަދަލުވެއްޖެ ނަމަ، އެ މައްސަލައެއް އަލުން ބެލުމަށްވެސް ފަނޑިޔާރަށް ނިންމިދާނެ ކަމަށާއި ނުވަތަ މައްސަލަ ނިންމާފައި އޮތް ހިސާބުން ކުރިއަށް ގެންދަންވެސް ނިންމި ދާނެ ކަމަށެވެ.

ރައީސް ޔާމީންގެ ވަކީލު ޝާން މިއަދުގެ އަޑުއެހުމުގައި ވަނީ މައްސަލަައިން ގާޒީ އަލީ ރަޝީދު ތަނާޒުލުވެވަޑައިގަތުމަށް އެދިވަޑައިގެންފަ އެވެ. އެއީ ގާޒީ އަލީ ރަޝީދު މީޑިއާއަށް މުޅި މައްސަލައިގެ ވަށައިގެންވާ ކަމަކާ ގުޅިގެން މައުލޫމާތު ދީފައިވާތީ ކަމަށް ބުނެއެވެ. ޝާން ވިދާޅުވި ގޮތުގައި އެކަމަކީ ފަނޑިޔާރުންގެ ގާނޫނޫގެ 29 ވަނަ މާއްދާގެ 11 ވަނަ ނަމްބަރާ ހިލާފު ކަމެެކެވެ.

ފަނޑިޔާރުންގެ ގާނޫނުގެ 29 ވަނަ މާއްދާގެ 11 ވަނަ ނަމްބަރުގައި ވަނީ، ފަނޑިޔާރަކު ބަލަމުންދާ މައްސަލައަކާގުޅޭގޮތުން، ނުވަތަ އޭނާ މަސައްކަތްކުރަމުންދާ ކޯޓަކާގުޅޭގޮތުން، ސިޔާސީ ފަރާތްތަކުން ނުވަތަ މީޑިއާގެ ފަރާތަކުން ދައްކަމުންދާ ވާހަކައަކަށް ރައްދުދިނުމަށްޓަކައި، މީޑިއާގައި ނުވަތަ މީޑިއާގެ ވަސީލަތެއް މެދުވެރިކޮށް ފަނޑިޔާރަކު ސީދާ ރައްދު ދީގެން ނުވާ ކަމަށެވެ. އަދި، މީޑިއާގައި އުފެދޭ މައްސަލަތަކަށް ކޯޓުގެ ކަމާބެހޭ މުވައްޒަފަކު މެދުވެރިކޮށް ޖަވާބުދާރީ ވެގެން ނުވާނެ ކަމަށެވެ.

ޝާނު ވިދާޅުވި ގޮތުގައި ގާޒީ އަލީ ރަޝީދުގެ އަމަލުގެ ސަބަބުން ރައީސް ޔާމީނަށް އޭނާގެ ފަރާތުން އަދުލު އިންސާފު ލިބޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި ގާޒީ އަލީ ރަޝީދު އަމިއްލަފުޅަށް ތަނާޒުލުވުމަށް ނުވަތަ ގާޒީންގެ ބެންޗުން ގާޒީ އަލީ ރަޝީދު މައްސަލައިން ވަކި ކުރަން ނިންމަން ޝާން އެދިވަޑައިގެންނެވި އެވެ.

އެކަމަށް ބާރުދީ ރައީސް ޔާމީން ޝަރީއަތުގެ މަޖިލީހުގައި ބުނެފައި ވަނީ އެމަނިކުފާނުގެ މައްސަލަ ފެށުނީއްސުރެ އެމަނިކުފާނަށް ބޭއިންސާފާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ މައްޗަށް ދައުވާކޮށްފައިވާ މައްސަލަ ނޫން މައްސަަލައެއްގައި އެމަނިކުފާނު ޖަލު ބަންދު ކުރަން ކޯޓުން ނިންމާފައިވާ ކަމަށާއި، އަދި އެމަނިކުފާނުގެ އެކައުންޓުތައްވެސް ފްރީޒުކޮށްފައިވާކަން ފާހަގަ ކުރެއްވި އެވެ. އަދި ގާޒީ އަލީ ރަޝީދުގެ އަމަލުތައް ހުރި ގޮތުން ހިތް ނުތަނަވަސްވާ ކަންތައްތަކެއް ހުރިކަމަށް ވިދާޅުވެ، ތަނާޒުލުވުމަށް އެދިވަޑައިގެންނެވި އެވެ.

ގާޒީ އަލީ ރަޝީދު ބެންޗުން ވަކިވުމާ މެދު ގޮތެއް ނިންމުމަށް މަޝްވަރާ ކުރުމަށް ގާޒީންގެ ބެންޗުން 15 ވަރަކަށް މިނެޓުގެ ބްރޭކެއް ނެގިއެވެ. ބެންޗުން ނިންމީ ގާޒީ އަލީ ރަޝީދު ތަނާޒުލުވާން ނުޖެހޭ ކަމަށެވެ. ސަބަބަކީ އޭނާ ސިޔާސީ މީހަކަށް ރައްުދު ނުދޭތީއާއި، މީޑިއާގައި ދެއްކި ވާހަކައަކަށް ރައްދު ނުދޭތީއެވެ. އަދި ކޯޓުގެ މުވައްޒަފަކު ލައްވައި ޖަވާބުދާރީވެފައި ނުވާތީއެވެ.

ގާޒީ އަލީ ރަޝީދު މީޑިއާއާ ވާހަކަ ދެއްކެވީ ގާޒީ އަހުމަދު ހައިލްމްގެ ބަޔާނެއްގައި ވިދާޅުވި އެއްޗަކާ ގުޅޭ ގޮތުންނެވެ. ހައިލަމް ވިދާޅުވީ، ގާޒީ އަލީ ރަޝީދަށްވެސް ނުފޫޒު ފޯރާ ވަރު އެނގިވަޑައިގަންނަވާނެ ކަމަށެވެ. އެކަން މީޑިއާގައި އަލީ ރަޝީދު ދޮގު ކުރެއްވިއެވެ.

މިއަދުގެ ޝަރީއަތް ނިންމާލަމުން ބެންޗުން އިއުލާން ކުރީ، މި މަހުގެ 28 ވަނަ ދުވަހުގެ 13:30ގައި އެ މައްސަލައިގެ ހުކުމް އިއްވުމުގެ މަޖިލިސް ބާއްވާނެ ކަމަށެވެ.

comment ކޮމެންޓް