ކޯޓާ ދޫކުރާނީ ޖޮބްސެންޓަރުގައި ރަޖިސްޓްރީވާ ކުންފުނިތަކަށް އެކަނި: މިނިސްޓަރު

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު -- ސަން ފޮޓޯ :އަހުމަދު އަވްޝަން އިލްޔާސް

އަލަށް އިފްތިތާހުކުރި ޖޮބްސެންޓަރ ޕޯޓަލްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށް އެކަނި ބިދޭސީން ކޯޓާ ދޫކުރާ ގޮތަށް އެ އުސޫލަށް ބަދަލު ގެންނަވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ޖޮބްސެންޓަރ ޕޯޓަލް އިފްތިތާހު ކުރުމަށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ، އެ ޕޯޓަލްގެ ސަބަބުން ވަޒީފާގެ ބާޒާރުގައި ދިވެހިންނަށް ހުރި ފުރުސަތު އިތުރުވެގެންދާނެ ކަމަށާއި އެކަން ކާމިޔާބު ކުރުމަށްޓަކައި ބައެއް ބަދަލުތައް ގެންނަވާނެ ކަމަށެވެ.

"ވަޒީފާ ދޭ ފަރާތްތަކުން މީގައި (ޕޯޓަލްގައި) ލިސްޓު ކުރުމަކަށް، ރަޖިސްޓްރީ ކުރުމަކަށް އަޅުގަނޑުމެން މަޖުބޫރެއް ނުކުރާނަން. އެހެން ނަމަވެސް ކުރިއަށް އޮތް ތާނގައި އަޅުގަނޑުމެން (ބޭރު މުވައްޒަފުން ދިނުމުގައި، ކޯޓާ ދިނުމުގައި، ވޯކް ޕާމިޓް ދިނުމުގައި) ޕޯޓަލްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް ނޫނީ ވޯކް ޕާމިޓް އިޝޫއެއް ނުކުރާނަން." މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ ބަދަލާއެކު ޖޮބްސެންޓަރގައި ލިސްޓުކޮށްފައިވާ ވަޒީފާތަކަށް ބިދޭސީން ގެނެވޭނީ އެ ވަޒީފާތަކަށް ޝަރުތު ހަމަވާ ދިވެއްސަކު ނެތް ކަމަށް ވާނަމަ އެވެ.

މި ބަދަލާ މެދު ބައެއް ވަޒީފާ ދޭ ފަރާތްތަކުން ހިތްހަމަ ނުޖެހިދާނެ ކަމަށާއި، ނަމަވެސް މިއީ ރާއްޖޭގެ އިޤްތިސާދަށާއި ހުރިހާ ފަރާތްތަކަށް ވެސް އެންމެ ފައިދާވާނެ ގޮތަށް ވިސްނައިގެން ކުރައްވަން ރާވާފައިވާ ކަމެއް ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިގެންނަ ބަދަލުތަކުގެ ތެރޭގައި ބައެއް ކަންކަމުގައި ކުރިއަށް ވުރެ ދަތިވެދާނެ. އުސޫލުތަކެއްގެ ތެރެއިން ކަންކަން ކުރަން ފެށީމާ ދަތިވާ ފަރާތްތަކެއް ވެސް ހުންނާނެ އަދި ފަސޭހަ ވާ ފަރާތްތަކެއް ވެސް ހުންނާނެ. ހަމައެއާއެކު އިޤްތިސާދަށް އަންނަ ބަދަލުތަކަށާއި އަޅުގަނޑުމެން މިގެންނަ ބަދަލުތަކަށް ބަލައިގެން ވިޔަފާރިތަކަށް ފަސޭހަ ވާނެ ގޮތްތައް ވެސް އަޅުގަނޑުމެން ބަލާނަން." މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން ކުރިއަށް އޮތް ތަނުގައި ޓްރޭޑް ޔޫނިއަންތަކެއް އަންނާނެ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.

އަލަށް ތައާރަފުކުރި ޖޮބްސެންޓަރ ޕޯޓަލްއަކީ ވަޒީފާ ހޯދާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތައް ގުޅުވާލަދޭ ގޮތަށް ފަރުމާކޮށްފައިވާ ޕޯޓަލްއެކެވެ.

comment ކޮމެންޓް