ޝަހީމްގެ ރައްދު: ދިނީ ތެދު މައުލޫމާތު، އެ އުޅެނީ ހަގީގީ ގާތިލުން ފޮރުވަން

ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު --- ސަން ފައިލް ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަދި ދީނީ އިލްމުވެރިޔާ ޑރ އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި މަރު ކޮމިޝަނުން ކުރިއަށް ގެންދިޔަ ތަހުގީގުގަށް ދީފައިވާނީ ތެދު މައުލޫމާތު ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގެ ތަހުގީގު ރިޕޯޓުގެ ހުލާސާއެއް މިއަދު ރައްޔިތުންގެ މަޖިލީހުގައި ވަނީ އިއްވައިފައެވެ. އެ ރިޕޯޓުގައި ޑރ. ޝަހީމް ކޮމިޝަނުގެ ތަހުގީގަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނެފައިވެއެވެ.

އެގޮތުން "ޑރ. އަފްރާޝީމް ރުޖޫއަވެ މީޑިއާގައި އިއުލާނުކޮށްފި ނަމަ، އެ މެސެޖު ފޮނުވި ބަޔަކު ޑރ. އަފްރާޝީމް ދެކެ ލޯބިވާނެ" ކަމަށް ބުނެ ޑރ. ޝަހީމަށް ލިބިވަޑައިގެންނެވި މެސެޖު ފޮނުވި މީހެއް ހަނދާން ނެތް ކަމަށާއި، 1 އޮކްޓޫބަރު 2012 ވަނަ ދުވަހު ޑރ. އަފްރާޝީމް އިސްލާމިކް މިނިސްޓްރީއަށް ވަޑައިގެންނެވީ ޑރ. ޝަހީމް އެދިވަޑައިގެން ނޫން ކަމަށާއި އަދި އެ ރޭ ޓީވީއެމްއިން ގެނެސްދިން ޕްރޮގްރާމަށް އަރާވަޑައިގަންނަން ޑރ. އަފްރާޝީމް ބޭނުންފުޅުވެވަޑައިގެންނެވި ސަބަބު އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ޑރ. ޝަހީމް ކޮމިޝަނަށް ދެއްވީ ދޮގު މައުލޫމާތު ކަމަށް ރިޕޯޓުގައިވެއެވެ.

ރިޕޯޓުގައި ހުރި ވާހަކަތަކާ ގުޅިގެން ޑރ. ޝަހީމް މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ޑރ. އަފްރާޝީމްގެ މަރާ މައުސޫމް މީހުންނާ ގުޅުވަނީ ހަގީގީ ގާތިލުން ފޮރުން ކަމަށެވެ. އަދި އަނިޔާވެރި އަމަލެއް ކޮށްފައި ނުވާނެ ކަމަށާއި، ކޮމިޝަނަށް ދެއްވީ ތެދު މައުލޫމާތު ކަމަށް ވިދާޅުވިއެވެ.

"އަނިޔާވެރި އަމަލުތަކުން އަޅުގަނޑު ބަރީއަވެވަޑައިގެންވާކަން މާތްﷲ ދެނެވޮޑިގެންވާނެ. ޓީވީ ޕްރޮގްރާމާ ބެހޭގޮތުން މަރު ކޮމިޝަނަށް ދީފަ ވާނީ ތެދު މައުލޫމާތު،" ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ ކުރިން އެތައް ފަހަރަކު މިސްކިތްތަކާއި އަދި އެހެނިހެން ގޮތްތޮތުންވެސް ވަނީ ހަމަލާދޭން މަސައްކަތްކޮށްފައެވެ. އަފްރާޝީމް އަވަހާރަކޮށްލީ ޓީވީއެމްއިން ގެނެސްދިން ޕްރޮގްރާމް ނިންމާފައި، އޭނާ ދިރިއުޅުއްވި ހ. ފުންވިލުގެއަށް ވަތްތަނުން އެގޭ ސިޑި ދަށުންނެވެ.

ޑރ. އަފްރާޝިމް އަވަހާރަކޮށްލި ފަހުން ޖެހިގެން އައި ދުވަހުގެ ހެނދުނު ޑރ. ޝަހީމް ރާއްޖެއިން ފުރާވަޑައިގެންފައިވާ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެދުވަހު ހެނދުނު މާލެއިން ގަތަރަށް ދާން ފުރި ފްލައިޓަކުން ނުވަ ދިވެއްސަކު ދަތުރުކުރި ކަމަށާއި އެމީހުންނަކީ ދަފްތަރު ނަމްބަރު 471 މުހައްމަދު މަޒީދު އާއި ތ. އޮމަދޫ އަތިރީގޭ ސާމިތު މުހައްމަދު އިސްވެ ތިބެގެން ހިންގާ ޖިހާދީ ފިކުރުގެ ޖަމާއަތުން ތަމްރީނުކޮށް، މި ޖަމާއަތުން މާލޭގައި ހިންގާފައިވާ އެކިއެކި ހަރަކާތްތަކުގައި ބައިވެރިވެފައިވާ މީހުން ކަމަށް ރިޕޯޓުގައިވެއެވެ. އެމީހުން ދަތުރުކުރީ ސީރިއާއާއި ސޫދާނަށެވެ.

"އިއްޒަތެރި މެމްބަރުން، ދޭއް އޮކްޓޫބަރުގައި ދެން ފުރާވަޑައިގެންނެވި އަނެއް ބޭފުޅަކީ ޑރ. ޝަހީމް،" ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވިއެވެ.

ތަހުގީގަށް ފާހަގަކުރެވުނު ކަންކަމަށް ބަލާއިރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ޖިހާދީ ފިކުރުގެ ޖަމާއަތް ހިންގުމުގައި އިސްވެތިބީ މަޒީދު އަދި ސާމިތު އެވެ. އަދި އަފްރާޝީމް އަވަހާރަކޮށްލުމުގެ އެންމެ އިސް މީހަކީ ހ. ހިލްޓަން އަޒްލިފް ރައުފް ކަމަށް ތަހުގީގު ރިޕޯޓުގައި ވަނީ ބުނެފައެވެ.

ޖިހާދީ ފިކުރުގެ އެ ޖަމާއަތުން ޑރ އަފްރާޝީމާ މެދު ހިތްހަމަނުޖެހުންތައް ހުރީ ކީއްވެގެންކަންވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން މަރުވެފައި ތިބޭ މީހުންނަށް ނަދުރު ބުނުމާއި، އަންހެންމީހާގެ އައުރައަކީ ކޮބައިކަމާމެދު ޑރ. އަފްރާޝީމް ދެކެވަޑައިގެންނެވި ގޮތަކީ އިލްމުވެރިންގެ މެދުގައި ހިތްހަމަނުޖެހުން އޮތް ކަމެއްގެ ގޮތުގައި ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

comment ކޮމެންޓް