އަފްރާޝީމްގެ ތަހުގީގު: ދޮގު މައުލޫމާތު ދިނުމާއި އެހެންވެސް ތުހުމަތުތަކެއް ޝަހީމަށް

ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު -- ސަން ފައިލް ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަދި ދީނީ އިލްމުވެރިޔާ ޑރ އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި މަރު ކޮމިޝަނުން ކުރިއަށް ގެންދިޔަ ތަހުގީގުގަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދޮގު މައުލޫމާތު ދެއްވާފައިވާ ކަމަށް އެ ކޮމިޝަނުގެ ރިޕޯޓުގައި ބުނެފިއެވެ.

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގެ ތަހުގީގު ރިޕޯޓު ކަމާ ގުޅުން ހުރި އިދާރާތަކަށް ފޮނުވީ ނިމިދިޔަ ހަފްތާގެ ތެރޭގައެވެ.

އެ ރިޕޯޓުގެ ހުލާސާއެއް މިއަދު ރައްޔިތުންގެ މަޖިލީހުގައި ވަނީ އިއްވައިފައެވެ. އެ ރިޕޯޓު އިއްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި އޭރުގެ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމަށް ލިބިވަޑައިގެންނެވި މެސެޖެއްގެ ވާހަކަ ހިމެނެއެވެ.

އެގޮތުން "ޑރ. އަފްރާޝީމް ރުޖޫއަވެ މީޑިއާގައި އިއުލާނުކޮށްފި ނަމަ، އެ މެސެޖު ފޮނުވި ބަޔަކު ޑރ. އަފްރާޝީމް ދެކެ ލޯބިވާނެ" ކަމަށް ބުނެ ޑރ. ޝަހީމަށް ވަނީ މެސެޖެއް ލިބިފައެވެ. އަދި އެ މެސެޖު ޑރ. ޝަހީމް ވަނީ ޑރ. އަފްރާޝީމަށް ފޯވާޑް ކޮށްފައެވެ.

އެހެންކަމުން ޑރ. ޝަހީމަށް އެ މެސެޖު ފޮނުވީ ކޮން ފަރާތަކުން ކަން ސާފު ކުރުމަށް ކޮމިޝަނުން އެދިފައިވާނެ ކަމަށާއި ނަމަވެސް އެ މެސެޖު ފޮނުވީ ކާކުކަން ހަނދުމަފުޅުގައި ނެތް ކަމަށް ވިދާޅުވެ އެ މެސެޖު ޑރ. ޝަހީމަށް ފޮނުވި ފަރާތެއް އެބޭފުޅާ ކޮމިޝަނަށް ސާފުކޮށްދީފައި ނުވާކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ކޮމިޝަންގެ ރިޕޯޓުގައި ބުނެފައި ވަނީ 28 ޖުލައި 2019 ގައި ޑރ. ޝަހީމް ކޮމިޝަނަށް ލިޔުމުން ފޮނުވާފައިވާ މައުލޫމާތުގައި 1 އޮކްޓޫބަރު 2012 ވަނަ ދުވަހު ޑރ. އަފްރާޝީމް، ޑރ. ޝަހީމް އާއި ބައްދަލު ކުރައްވަން އިސްލާމިކް މިނިސްޓްރީއަށް ވަޑައިގެންނެވީ އެއްވެސް ވަރަކަށް ޑރ. ޝަހީމް އެދިވަޑައިގެން ނޫން ކަމަށް ވިދާޅުވި ނަމަވެސް، ދެފަރާތުގެ ދެމެދުގައި އެދުވަހު އެސްއެމްއެސް އިން ބަދަލުކުރެވިފައިވާ މެސެޖުތަކަށް ބަލާއިރު އެދުވަހު މެންދުރު އެކެއް ޖަހާއިރަށް އިސްލާމިކް މިނިސްޓްރީއަށް ޑރ. އަފްރާޝީމް ވަޑައިގަތުމަށް ދެންނެވީ މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު އެނގެން އޮންނަ ކަމަށެވެ.

އަދި އޮކްޓޫބަރު އެއްވަނަ ދުވަހުގެރޭ ޓީވީއެމް އިން ގެނެސްދިން ޕްރޮގްރާމަށް ސީދާ އެރުމަށް އެދިލެއްވީ އޭނާއަށް އެ ޕްރޮގްރާމަށް އެރޭނެކަމުގެ ޔަގީންކަން ކޮން ފަރާތަކުން ދީގެން ކަމެއް އެއްގޮތަކަށް ވެސް ނޭނގޭ ކަމަށް ޑރ. ޝަހީމް ވިދާޅުވި ނަމަވެސް ޑރ. އަފްރާޝީމް ޓީވީ މޯލްޑިވްސްގެ ޕްރޮގްރާމަށް އެރުމުގެ ވާހަކަ އޭގެ ކުރިން ވެސް އެދެބޭފުޅުންގެ ދެމެދުގައި ދެކެވިފައިވާ ކަމާއި އެ ރޭގެ ޕްރޮގްރާމަށް އެރުމަށް ހުށަހެޅުއްވީ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކަން ވެސް އެނގޭ ކަމަށެވެ.

އެ ޕްރޮގްރާމަށް އަރަން ޑރ. އަފްރާޝީމް ބޭނުންވެވަޑައިގަތީ ކީއްވެގެންކަން ނޭނގޭ ކަމަށް ޑރ. ޝަހީމް ވިދާޅުވި ނަމަވެސް އެއީ ކުރިން ޑރ. އަފްރާޝީމް ދެއްކެވި ވާހަކަ ތަކަކާއި ގުޅިގެން މައާފަށް އެދުމަށް ނުވަތަ ތައުބާވެ އެކަން އާންމުކޮށް އިއުލާނު ކުރުމަށް ކަން ޑރ. ޝަހީމަށް އެނގިވަޑައިގެންފައި ވާކަމާއި، އަދި އެރޭގެ ޕްރޮގްރާމަށް އެރޭ ގޮތަށް ހަމަނުޖެހިއްޖެ ނަމަ، އެ ބޭނުމަށް އިސްލާމިކް މިނިސްޓްރީގައި ނިއުސް ކޮންފަރެންސެއް ބާއްވައިދެއްވަން ޑރ. ޝަހީމް ހުށަހަޅުއްވާފައިވާކަން ވެސް ދެފަރާތުގެ ދެމެދުގައި ބަދަލުކޮށްފައިވާ މެސެޖުތަކުން ސާފުވާ ކަމަށް ރިޕޯޓުގައިވެއެވެ.

"ވީމާ އެ ޕްރޮގްރާމަށް އެރޭ އެރޭނެ ކަމުގެ ޔަގީންކަމެއް ދެވޭނެ ފަރާތެއް ނުހުންނާނެ ކަމަށާއި އެރެއަށް ސީދާ އެ ޕްރޮގްރާމަށް ޑރ. އަފްރާޝީމް އަރަން ބޭނުންވީ ކީއްވެގެންކަމެއް ނޭނގޭ ކަމަށް ވިދާޅުވެ ޑރ. ޝަހީމް ކޮމިޝަނަށް ދެއްވާފައިވާ މައުލޫމާތަކީ ތެދު މައުލޫމާތެއް ނޫން ކަން އެނގެއެވެ،" ކޮމިޝަނުގެ ރިޕޯޓުގައިވެއެވެ.

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ ކުރިން އެތައް ފަހަރަކު މިސްކިތްތަކާއި އަދި އެހެނިހެން ގޮތްތޮތުންވެސް ވަނީ ހަމަލާދޭން މަސައްކަތްކޮށްފަ އެވެ. އަފްރާޝީމް އަވަހާރަކޮށްލީ އެ ޕްރޮގްރާމް ނިންމާފައި، އޭނާ ދިރިއުޅުއްވި ހ. ފުންވިލުގެއަށް ވަތްތަނުން އެގޭ ސިޑި ދަށުންނެވެ.

ޑރ. އަފްރާޝިމް އަވަހާރަކޮށްލި ފަހުން ޖެހިގެން އައި ދުވަހުގެ ހެނދުނު ޑރ. ޝަހީމް ރާއްޖެއިން ފުރާވަޑައިގެންފައިވާ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެދުވަހު ހެނދުނު މާލެއިން ގަތަރަށް ދާން ފުރި ފްލައިޓަކުން ނުވަ ދިވެއްސަކު ދަތުރުކުރި ކަމަށާއި އެމީހުންނަކީ ދަފްތަރު ނަމްބަރު 471 މުހައްމަދު މަޒީދު އާއި ތ. އޮމަދޫ އަތިރީގޭ ސާމިތު މުހައްމަދު އިސްވެ ތިބެގެން ހިންގާ ޖިހާދީ ފިކުރުގެ ޖަމާއަތުން ތަމްރީނުކޮށް، މި ޖަމާއަތުން މާލޭގައި ހިންގާފައިވާ އެކިއެކި ހަރަކާތްތަކުގައި ބައިވެރިވެފައިވާ މީހުން ކަމަށް ރިޕޯޓުގައިވެއެވެ. އެމީހުން ދަތުރުކުރީ ސީރިއާ އާއި ސޫދާނަށެވެ.

"އިއްޒަތެރި މެމްބަރުން، ދޭއް އޮކްޓޫބަރުގައި ދެން ފުރާވަޑައިގެންނެވި އަނެއް ބޭފުޅަކީ ޑރ. ޝަހީމް،" ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވިއެވެ.

ތަހުގީގަށް ފާހަގަކުރެވުނު ކަންކަމަށް ބަލާއިރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ޖިހާދީ ފިކުރުގެ ޖަމާއަތް ހިންގުމުގައި އިސްވެތިބީ މަޒީދު އަދި ސާމިތު އެވެ. އަދި އަފްރާޝީމް އަވަހާރަކޮށްލުމުގެ އެންމެ އިސް މީހަކީ ހ. ހިލްޓަން އަޒްލިފް ރައުފް ކަމަށް ތަހުގީގު ރިޕޯޓުގައި ވަނީ ބުނެފައެވެ.

ޖިހާދީ ފިކުރުގެ ޖަމާއަތަކުން ރާވާ ހިންގައިގެން ޑރ އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމަށް މަރު ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައިވާއިރު އެ ކޮމިޝަނުން މީގެ ކުރިން ނެރުނު ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މަރުގެ ތަހުގީގު ރިޕޯޓުގައިވެސް ބުނެފައިވަނީ ހަމަ އެފަދައިންނެވެ. އަދި ރިލްވާން މަރާލުމުގައި ހަރަކާތްތެރިވި ޖަމާއަތުގެ އިސް ލީޑަރުންގެ ގޮތުގައިވެސް ތިބީ މާލެ ދަފްތަރު ނަމްބަރު 471 މުހައްމަދު މަޒީދު އަދި ތ. އޮމަދޫ އަތިރީގޭ ސާމިތު މުހައްމަދު ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ޑރ. އަފްރާޝީމާ ގުޅޭގޮތުން މީހުންގެ މެދުގައި ރުޅިވެރިކަން އުފައްދަން މަސައްކަތް ކުރާ ގިނަ ބައެއްގެ ވާހަކަ ތަހުގީގު ރިޕޯޓުގައި ހިމަނާފައިވެ އެވެ. އޭގެތެރޭގައި ސަލަފް ޖަމާއަތުގެ ވާހަކަ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެކިއެކި ފަހަރު މަތިން ޑރ. އަފްރާޝީމަށް ދުއްތުރާކޮށް ގޯނާ ކޮށްފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ. އަދި އެ ރިޕޯޓުގައި ވާގިތުން ބައެއް އިލްމުވެރިން ޑރ އަފްރާޝީމަށް ނިސްބަތްކޮށް "ތައުބާވެއްޖެ ނަމަ ރަނގަޅުވާނެ ކަމަށް" މިފަދައިން ބުނެފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ.

ޖިހާދީ ފިކުރުގެ އެ ޖަމާއަތުން ޑރ އަފްރާޝީމާ މެދު ހިތްހަމަނުޖެހުންތައް ހުރީ ކީއްވެގެންކަންވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން މަރުވެފައި ތިބޭ މީހުންނަށް ނަދުރު ބުނުމާއި، އަންހެންމީހާގެ އައުރައަކީ ކޮބައިކަމާމެދު ޑރ. އަފްރާޝީމް ދެކެވަޑައިގެންނެވި ގޮތަކީ އިލްމުވެރިންގެ މެދުގައި ހިތްހަމަނުޖެހުން އޮތް ކަމެއްގެ ގޮތުގައި ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

comment ކޮމެންޓް