އަފްރާޝީމް އަވަހާރަކޮށްލީ ޖިހާދީ ފިކުރުގެ ޖަމާއަތުން ހިންގާ ރާވައިގެން: ރިޕޯޓު

ޑރ އަފްރާޝީމް އަލީ ---

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަދި ދީނީ އިލްމުވެރިޔާ ޑރ އަފްރާޝީމް އަލީ އަވަހާރަކޮށްލީ ރާއްޖޭގައި ހިންގާ ޖިހާދީ ފިކުރުގެ ޖަމާއަތަކުން ހިންގާ ރާވައިގެން ކަމަށް ގެއްލުވާލާފައިވާ މީހުންނާއި ގޮތްނޭންގޭ މަރުތަކުގެ މައްސަލަތައް ބަލާ ކޮމިޝަނުގެ ރިޕޯޓުގައި ބުނެފިއެވެ.

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގެ ތަހުގީގު ރިޕޯޓު ކަމާ ގުޅުން ހުރި އިދާރާތަކަށް ރައީސް އޮފީހުން ފޮނުވީ ނިމިދިޔަ ހަފްތާގެ ތެރޭގައެވެ. އެ ރިޕޯޓުގައި ހުރި ކަންކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ޖަލްސާގައި ދަނީ އާންމު ކުރައްވަމުންނެވެ.

ތަހުގީގަށް ފާހަގަކުރެވުނު ކަންކަމަށް ބަލާއިރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ޖިހާދީ ފިކުރުގެ ޖަމާއަތް ހިންގުމުގައި އިސްވެތިބީ މާލެ ދަފްތަރު ނަމްބަރު 471 މުހައްމަދު މަޒީދު އަދި ތ. އޮމަދޫ އަތިރީގޭ ސާމިތު މުހައްމަދު އެވެ. އަދި އަފްރާޝީމް އަވަހާރަކޮށްލުމުގެ އެންމެ އިސް މީހަކީ ހ. ހިލްޓަން އަޒްލިފް ރައުފް ކަމަށް ތަހުގީގު ރިޕޯޓުގައި ވަނީ ބުނެފައެވެ.

"މި ކޮމިޝަނަށް ލިބިފައިވާ ހެއްކާއި ގަރީނާތަކަށް ބަލާއި ޑރ. އަފްރާޝީމް އަލީ މަރާލުމުގެ މަސައްކަތުގައި ހެ.ހިލްޓަން އަޒްލިފް ރައޫފްއާއި، ހ. ލޮބީ ހުސައިން ހުމާމް އަހުމަދާއި، ހ. ހިކޯސްޓް އަލީ ޝާން އާއި 18 އަހަރުނުފުރޭ ކުޑަކުއްޖެއްގެ އިތުރުން އެހެން ބަޔަކު އެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށް ބެލެވުނު ނަމަވެސް އެމީހުން ޑރ އަފްރާޝީމްގެ މަރަށް ފަހު ރާއްޖޭން ބޭރަށް ހަނގުރާމައަށް ގޮސްފައިވާތީވެ މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ދަތިތަކެއް ވާކަން ފާހަގަ ކުރެވޭ." ކޮމިޝަނުގެ ތަހުގީގު ރިޕޯޓުގައި ބުނެފައިވެ އެވެ.

ޖިހާދީ ފިކުރުގެ ޖަމާއަތަކުން ރާވާ ހިންގައިގެން ޑރ އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމަށް މަރު ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައިވާއިރު އެ ކޮމިޝަނުން މީގެ ކުރިން ނެރުނު ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މަރުގެ ތަހުގީގު ރިޕޯޓުގައިވެސް ބުނެފައިވަނީ ހަމަ އެފަދައިންނެވެ. އަދި ރިލްވާން މަރާލުމުގައި ހަރަކާތްތެރިވި ޖަމާއަތުގެ އިސް ލީޑަރުންގެ ގޮތުގައިވެސް ތިބީ މާލެ ދަފްތަރު ނަމްބަރު 471 މުހައްމަދު މަޒީދު އަދި ތ. އޮމަދޫ އަތިރީގޭ ސާމިތު މުހައްމަދު ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ޑރ. އަފްރާޝީމާ ގުޅޭގޮތުން މީހުންގެ މެދުގައި ރުޅިވެރިކަން އުފައްދަން މަސައްކަތް ކުރާ ގިނަ ބައެއްގެ ވާހަކަ ތަހުގީގު ރިޕޯޓުގައި ހިމަނާފައިވެ އެވެ. އޭގެތެރޭގައި ސަލަފް ޖަމާއަތުގެ ވާހަކަ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެކިއެކި ފަހަރު މަތިން ޑރ. އަފްރާޝީމަށް ދުއްތުރާކޮށް ގޯނާ ކޮށްފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ. އަދި އެ ރިޕޯޓުގައި ވާގިތުން ބައެއް އިލްމުވެރިން ޑރ އަފްރާޝީމަށް ނިސްބަތްކޮށް "ތައުބާވެއްޖެ ނަމަ ރަނގަޅުވާނެ ކަމަށް" މިފަދައިން ބުނެފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ.

ޖިހާދީ ފިކުރުގެ އެ ޖަމާއަތުން ޑރ އަފްރާޝީމާ މެދު ހިތްހަމަނުޖެހުންތައް ހުރީ ކީއްވެގެންކަންވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން މަރުވެފައި ތިބޭ މީހުންނަށް ނަދުރު ބުނުމާއި، އަންހެންމީހާގެ އައުރައަކީ ކޮބައިކަމާމެދު ޑރ. އަފްރާޝީމް ދެކެވަޑައިގެންނެވި ގޮތަކީ އިލްމުވެރިންގެ މެދުގައި ހިތްހަމަނުޖެހުން އޮތް ކަމެއްގެ ގޮތުގައި ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

"ޑރ. އަފްރާޝީމް މަރާލާފައިވަނީ ވަކި ހާއްސަވާހަކަތަކެއް ދައްކާތީ ކަމުގައި ރިޕޯޓުގައި ބަޔާންވޭ. އެވާހަކަތަކުގެ ތެރޭގައި ޑރ. އަފްރާޝީމް ވިދާޅުވީ ދީނީ އިލްމުވެރިއެއްގެ މެދުގައި ކަމަކާއި މެދު ހިޔާލުތަފާތުވުން އުފެދިއްޖެ ނަމަ އެއީ ކަނޑައެޅިގެން ވާޖިބު ބިދުއަ އަދި ކަނޑައެޅިގެން ދީނުން ބޭރުވާ ވަރުގެ މައްސަލައެއްގެ ގޮތުގައި ކަނޑަނޭޅޭނޭ ކަމަށާއި އެފަދަ މައްސަލަތަކަކީ ކަނޑައަޅައިގެން ވަކިގޮތެއް ނިންމޭނޭ މައްސަލަތަކެއް ނޫން ކަމަށެވެ. އެހެން ކަމުން އެފަދަ މައްސަލަކުގައި މުސްލިމު އަހުން އެއްބަޔަކު އަނެއް ބަޔަކަށް ޖަދަލުކޮށް އެއްޗިހި ގޮވާ ހެދުމަކީ އެއްގޮތަކަށްވެސް ކަމެއް ނޫނެވެ." މަރު ކޮމިޝަނުގެ ރިޕޯޓުގެ ހުލާސާ މަޖިލީހުގައި އިއްވަވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ ކުރިން އެތައް ފަހަރަކު މިސްކިއްތަކާއި އަދި އެހެނިހެން ގޮތްތޮތުންވެސް ވަނީ ހަމަލާދޭން މަސައްކަތްކޮށްފަ އެވެ. އަފްރާޝީމް އަވަހާރަކޮށްލީ ޓީވީއެމްގެ ދީނީ ޕްރޮގްރާމެއް ނިންމާފައި، އޭނާ ދިރިއުޅުއްވި ހ. ފުންވިލުގެއަށް ވަތްތަނުން އެގޭ ސިޑި ދަށުންނެވެ.

comment ކޮމެންޓް