އަފްރާޝީމްގެ މަރުގެ ރިޕޯޓްގެ ހޯދުންތައް މަޖިލީޙުން މިއަދު އާންމު ކުރަނީ

ވަރަށް އަނިޔާވެރި ގޮތަކަށް 2012 ވަނަ އަހަރު ގަތުލުކޮށްލި ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ އޭރުގެ މެންބަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅޭ ގޮތުން ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓްގެ މުހިންމު ހޯދުންތައް މިއަދު ރައްޔިތުން މަޖިލީހުން އާންމު ކުރަން ނިންމައިފި އެވެ.

ރައްޔިތުން މަޖިލީހުގެ ރަސްމީ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ބުނީ މިއަދު ބާއްވާ މަޖިލީހުގެ ޖަލްސާގައި ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅޭ ގޮތުން ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓްގެ ހުލާސާއެއް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު މަޖިލީހުގެ ޖަލްސާ ފެށުމުގެ ގޮތުގެ އިއްވަވާނެ ކަމަށެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާ ފަށާނީ ހެނދުނު 9:00ގަ އެވެ.

ޑރ. އަފްރާޝީމް އަލީ ގަތުލުކޮށްލުމާ ގުޅޭ ހޯދުންތަކުގެ ރިޕޯޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހާ ހިއްސާކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ހަމަ އެ ދުވަހު އެ ރިޕޯޓް ވަނީ ފުލުހުންނާއި، ޕްރޮސިކިއުޓާ ޖެނެރަލްއާ ވެސް ހިއްސާ ކުރައްވައިފަ އެވެ.

އެ ރިޕޯޓްގެ ބައެއް މުހިންމު ހޯދުންތައް މިހާރުވެސް މީޑިއާއަށް އާންމުވެފައިވާ އިރު، އެ ރިޕޯޓްގައިވާ ގޮތުގައި ޑރ. އަފްރާޝީމް އަވަހާރަކޮށްލީ ދީނީ ގޮތުން އެމަނިކުފާނާ ހިޔާލު ތަފާތު ބަޔަކު ރާވައިގެން އެވެ. އަދި އެމަނިކުފާނު ގަތުލުކޮށްލި ރޭ އެކަން ހިންގި ދެމީހުން ކަމަށްވާ ހުސެއިން ހުމާމް އާއި، އަލީ ޝާން (ސަޓޯ)ގެ އިތުރުން އެހެން ބަޔަކު ވެސް އެގޭގެ ސިޑި މަތީގައި ހަރަކާތްތެރިވި އެވެ.

comment ކޮމެންޓް