ހީލިއަމް ފުޅިއާ އެކު ހިލޭ ފުއްޕާހަން ލިބޭ ޕްރޮމޯޝަނެއް މޯލްޑިވް ގޭސް އިން ފަށައިފި

މޯލްޑިވް ގޭސް އިން އިއްޔެ ފަށާފައިވާ ހާއްސަ ޕްރޮމޯޝަންގެ ތެރެއިން --- ފޮޓޯ : މޯލްޑިވް ގޭސް

ހިލޭ ފުއްޕާހަމާ އެކު ހީލިއަމް ގޭސް ލިބޭ ހާއްސަ ޕްރޮމޯޝަނެއް މޯލްޑިވް ގޭސް އިން ފަށައިފި އެވެ.

މޯލްޑިވް ގޭސް އިން އިއްޔެ ފެށި އެ ޕްރޮމޯޝަންގެ ދަށުން ހީލިއަމް ގޭސް ފުޅި ގަންނަ ކޮންމެ ފަރާތަކަށް 50 ފުއްޕާހަމުގެ ޕެކެއް ލިބޭނެ އެވެ.

މޯލްޑިވް ގޭސް އިން ބުނެފައިވާ ގޮތުގައި އެ ޕްރޮމޯޝަންގެ ދަށުން ދެ ސައިޒެއްގެ ހީލިއަމް ފުޅިން ޑިސްކައުންޓު ލިބިގެންދާނެ އެވެ. ޑިސްކައުންޓު ލިބިގެންދާނީ ހަތަރު ކިލޯގެ ފުޅިއާއި 45 ލީޓަރުގެ ފުޅީންނެވެ.

އެގޮތުން އެ ޕްރޮމޯޝަންގެ ދަށުން ހަތަރު ކިލޯގެ ފުޅި މިހާރު 1،000 ރުފިޔާއަށް ލިބޭނެ އެވެ. އަދި 45 ލީޓަރުގެ ފުޅި 7،000 ރުފިޔާއަށް ލިބިގެންދާނެ ކަމަށް ވެސް މޯލްޑިވް ގޭސް އިން ބުނެ އެވެ.

މޯލްޑިވް ގޭސް އިން ބުނެފައިވަނީ ކުޑަ ހީލިއަމް ގޭސް ފުޅިން 50 ފުއްޕާހަމަށް ވައި ޖަހާލެވޭނެ ކަމަށެވެ. އަދި ބޮޑު ފުޅިން 470 ފުއްޕާހަމަށް ވައި ޖަހާލެވޭނެ ކަމަށް ވެސް ވަނީ މޯލްޑިވް ގޭސް އިން ބުނެފަ އެވެ.

އެ ޕްރޮމޯޝަންގެ ދަށުން މޯލްޑިވް ގޭސް އިން ވަނީ ސޯޝަލް މީޑިއާގައި ހާއްސަ ކެމްޕެއިނެއް ވެސް ފަށާފަ އެވެ. އެގޮތުން ހާއްސަ ހޭޝްޓެގެއް ބޭނުންކޮށް ފޮޓޯ ޝެއާކޮށް ހިލޭ ހީލިއަމް ގޭސް ފުޅިއެއް ހޯދުމުގެ ފުރުސަތު އެ ޕްރޮމޯޝަނުން ލިބިގެންދާނެ އެވެ.

comment ކޮމެންޓް