ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ބެންޗުން ގާޒީ އަލީ ރަޝީދު ނެގުމަށް އިދިކޮޅުން ގޮވާލައިފި

ޕީޕީއެމް/ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން --- ފޮޓޯ: ޕިޕީއެން

ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ރަޝީދުގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅާފައި ވަނިކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގެ މައްސަލަ ބައްލަވާ ބެންޗުގައި އެ ގާޒީ އިންނެވުމާ ގުޅިގެން އިދިކޮޅުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޕީޕީއެމް، ޕީއެންސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ގާޒީ އަލީ ރަޝީދުގެ ސުލޫކީ މައްސަލައެއް ހުށަހެޅިފައިވުމުގެ އިތުރުން، އޭނާއަކީ ރައީސް ޔާމީނާ ޒާތީ ހަސަދައެއް އޮންނަ ބޭފުޅެއް ކަމަށެވެ.

އެގޮތުން މީގެ ކުރިން "ރައީސް ޔާމީން ހަމަ ކޮންމެހެން ވެސް ޖަލަށް ލާންޖެހޭނޭ" ކަމަށާއި ރައީސް ޔާމީން ވެރިކަމުގައި ހިންގާފައި ހުރި ތަރައްގީގެ ޕޮރޮޖެކްޓްތައް ފެނި ރުޅިއަރާކަމަށް ގާޒީ އަލީ ރަޝީދު ވިދާޅުވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އިދިކޮޅުން ބުނެ އެވެ.

"ސުލޫކީ މައްސަލައެއް އޮއްވައި އޭނާ ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ބެންޗުގައި ހިމެނުމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ ބައެއް ކަހަލަ ސުލޫކީ މައްސަލަތަކަކީ ހާއްސަ ގޮތެއްގައި މި ސަރުކާރުން ވަރަށް އަވަހަށް ފިޔަވަޅު އަޅަމުން ގެންދާ މައްސަލަތަކެއް ކަމަށެވެ. ގާޒީ ރަޝީދުގެ މައްސަލަ ނުބަލާ ލަސްވާ ކަމަށް ބުނެ ވެސް ޕީޕީއެމް، ޕީއެންސީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޖޭއެސްސީގައި ތިއްބަވާ ބޭފުޅުންނާ ގުޅުން ހުރި ނުވަތަ ގުޅުމެއް އޮތް ކަމަށް ލަފާކުރެވޭ މައްސަލައެއް އަތުވެއްޖެ ނަމަ 24 ގަޑިއިރުގެ ތެރޭގައި އެބޭފުޅަކާ ދޭތެރޭ ފިޔަވަޅު އަޅުއްވަމުން ގެންދަވާ ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭ ގޮތުގައި އަލީ ރަޝީދާ ގުޅޭ ސުލޫކީ މައްސަލައެއް އަމިއްލަ ފަރާތަކުން ހުށަހަޅާފައި އޮންނަތާ ހަފްތާއެއް މިވަނީ. މި ބެންޗު އެކުލަވާލުމާ އެކު އެކީހެން އަމިއްލަ ފަރާތަކުން ވަނީ އެ މައްސަލަ ހުށަހަޅާފައި. އެހެން ނަމަވެސް މިހާތަނަށް އައި އިރު ޖޭއެސްސީއަކުން އެއާ ދޭތެރޭ ފިޔަވަޅު އަޅާފައެއް ނުވޭ. އެހެންވީމާ އަޅުގަނޑުމެން މިއަދު ގޮވާލަން ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ބެންޗުގައި އަލީ ރަޝީދު ނުހިމެނުމަށް،" އަދުރޭ ވިދާޅުވި އެވެ.

އެހެންކަމުން ޖޭއެސްސީގެ "ކުއްލި ބައްދަލުވުމެއް" ބާއްވައިގެން ގާޒީ އަލީ ރަޝީދު އެ ބެންޗުން ނެގުމަށް އިދިކޮޅުން ވަނީ ގޮވާލައިފަ އެވެ. އަދި އެއީ އެންމެ މަތީ މަސްލަހަތު ހުރި ގޮތް ކަމަށް ވެސް އިދިކޮޅުން ވަނީ ބުނެފަ އެވެ.

އިދިކޮޅުން ބުނެފައި ވަނީ ގާޒީ ރަޝީދު އިންނަވާ ބެންޗަކުން އިންސާފުވެރި ނިންމުމެއް ނިންމާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

ރައީސް ޔާމީންގެ މައްސަލަ މީގެ ކުރިން ބައްލަވަމުން ގެންދެވީ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް އެވެ. އެ މައްސަލާގައި ހުކުމް އިއްވަން ތައްޔާރުވެފައި ވަނިކޮށް، މި މަހުގެ ފަސް ވަނަ ދުވަހުގެ ހެނދުނު ޖުޑިޝަލް ސާވިސް ކޮމިޝަނުން ވަނީ ހައިލަމް ސަސްޕެންޑުކޮށްފަ އެވެ.

ޖޭއެސްސީއިން ހައިލަމް ސަސްޕެންޑު ކުރީ، ރަައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހާފައި ހުންނަ މަންޒަރު ފެންނަ ކާޓޫނަކާ އެކު ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމުން އޭނާގެ ސުލޫކީ މައްސަލައެއް ބަލަން ނިންމި މައްސަލައެއްގަ އެވެ.

އޭގެ އިތުރުން، ކުރީގެ މެމްބަރު އަލްހާން ފަހުމީ އަތުން ދެ ލައްކަ ރުފިޔާ ހައިލަމް ނެގި މައްސަަލައެއްވެސް ޖޭއެސްސީއިން ދަނީ ބަލަމުންނެވެ.

ހައިލަމް ސަސްޕެންޑު ކުރުމާ ގުޅިގެން ރައީސް ޔާމީންގެ ވަކީލުން ތުހުމަތު ކުރެއްވީ، ޖޭއެސްސީއިން ހުކުމަށް ނުފޫޒު ފޯރުވަން އުޅޭ ކަމަށެވެ. އަދި އެ ފަހުން ދެ ފަހަރެއްގެ މަތިން ރައީސް ޔާމީންގެ މައްސަލަ ބެންޗަކުން ބަލައިދިނުމަށް އެދި ވަކީލުން ކްރިމިނަލް ކޯޓަށް ސިޓީލި އެވެ.

އެއާ އެކު އެ މައްސަލަ ބައްލަވަން ބެންޗެއް ވަނީ އެކުލަވާލައިފަ އެވެ. އެ ބެންޗުގައި ގާޒީ ރަޝީދުގެ އިތުރުން ދެން ހިމެނިވަޑައިގަންނަވަނީ ގާޒީ އަހުމަދު ޝަކީލާއި ގާޒީ މުހައްމަދު ސަމީރާއި ގާޒީ އަލީ އާދަމް އަދި ގާޒީ ހުސެއިން ފާއިޒް ރަޝާދެވެ.

comment ކޮމެންޓް