ދެކުދިން މަރުވީ ވިހެއުމުގެ ކުރިން: އައިޖީއެމްއެޗު

އިއްޔެ އައިޖީއެމްއެޗްގައި މަރުވެފައި ވަނީ ދެކުދިން ކަމަށާއި ދެކުދިން ވެސް މަރުވެފައި ވަނީ ވިހެއުމުގެ ކުރިން ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އައިޖީއެމްއެޗް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިއްޔެ އާއި ރޭ އެ ހޮސްޕިޓަލުގައި ވިއްސި ކުދިންގެ ތެރެއިން ދެކުއްޖަކު ނިޔާވެފައިވާ ކަމަށެވެ.

"މި ދެކުދިން ވެސް ނިޔާވެފައިވާ ކަމަށް ބެލެވެނީ ވިހެއުމުގެ ކުރީންނެވެ." އައިޖީއެމްއެޗްގެ ބަޔާނުގައިވެ އެވެ.

އައިޖީއެމްއެޗްގެ ބަޔާނުގައި ބުނެފައި ވަނީ މިފަދަ ޕްރިނޭޓަލް (ވިހެއުމުގެ ކުރިން) މަރުގެ ފުރިހަމަ ތަހުގީގެއް އަބަދުވެސް އެ ހޮސްޕިޓަލުން ކުރިއަށްގެންދާ ކަމަށާއި ޕްރިނޭޓަލް އަދި ޕޯސްޓްނޭޓަލް (ވިހެއުމަށް ފަހު) ކޮންމެ މަރަކީ ވެސް ހޮސްޕިޓަލުގެ ތެރޭގައި ތަހުގީގު ކުރުމުގެ އިތުރުން ހެލްތު މިނިސްޓްރީގެ ކަމާބެހޭ ކޮމިޓީން ވެސް ހަމަޖެހިފައިވާ އުސޫލުތަކުގެ ދަށުން ބަލަމުން އަންނަ ކަމެއް ކަމަށެވެ.

އައިޖީއެމްއެޗް އިން ބުނީ ކޮންމެ މަރެއްގެ ތަފްސީލު ވެސް އާއިލާއިން ބޭނުން ވެއްޖެ ނަމަ އާއިލާ އާއި ހިއްސާކުރަމުން ގެންދާނެ ކަމަށެވެ.

"ހޮސްޕިޓަލުގައި ފުރާނައެއް އަޅުގަނޑުމެންނާ ވަކިވާ ކޮންމެ ފަހަރަކީ ހޮސްޕިޓަލުގެ ހުރިހާ މުވައްޒަފުންނަށް ވެސް އެކަމުގެ ފުން ހިތާމައެއް އިހްސާސް ކުރުވާ ކަމެކެވެ." ހޮސްޕިޓަލުގެ ބަޔާނުގައިވެ އެވެ.

އައިޖީއެމްއެޗް އިން ބުނީ ރޭ ނިޔާވި ދެކުދިންގެ އާއިލާއަށް ކުރިމަތިވެފައިވާ ހިތާމައިގައި އެ ހޮސްޕިޓަލުން ބައިވެރިވާ ކަމަށެވެ.

comment ކޮމެންޓް