ޑެންމާކް، ސްޕެއިން އަދި އިޓަލީއަށް ފަސޭހަ މޮޅެއް

ބޮސްނިއާ ކޮޅަށް ގޯލުޖެހުމަށް ފަހު އިޓަލީ ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ/ އޭޕީ

މިހާރު ކުރިއަށްދާ ޔޫރޯ ކޮލިފައިންގައި ރޭ ކުޅުނު މެޗުތަކުން ޑެންމާކް، ސްޕެއިން، ނޯވޭ އަދި އިޓަލީ ފަސޭހަކަމާ އެކު މޮޅުވެއްޖެ އެވެ.

އަންނަ އަހަރު ޔޫރޮޕުގެ 12 ސިޓީއެއްގައި ކުޅުމަށް ހަމަޖެހިފައިވާ ޔޫރޯގެ ޖާގައެއް މިހާރު ވެސް ގިނަ ޓީމުތަކަކުން ޔަގީންކޮށްފައިވާ އިރު ރޭ ކުޅުނު މެޗުތަކުން މޮޅުވެ ބައެއް ޓީމުތައް ޖާގަ ކަށަވަރު ކުރި އިރު އަނެއް ޓީމުތައް ގުރޫޕް ތާވަލުގެ އެއްވަނަ ހޯދައިފި އެވެ. އެގޮތުން ގްރޫޕް އެފް އިން ދެ ވަނަ ޓީމުގެ ގޮތުގައި ސްވިޑަން އަދި ގްރޫޕް ޖޭ އިން ދެ ވަނަ ޓީމުގެ ގޮތުގައި ފިންލެންޑް މުބާރާތަށް ވަނީ ކޮލިފައިވެފަ އެވެ.

ރޭ ކުޅުނު ބޮޑެތި ޓީމުގެ މެޗުތަކަށް ބަލާ އިރު ޑެންމާކުން ޖިބްރަލްޓާ އަތުން ކުރި ހޯދީ 0-6 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ބާކީ އެއް މެޗު އޮއްވާ ޑެންމާކުން ވަނީ ޔޫރޯގެ ޖާގައެއް ގައިގަނޑަކަށް ކަށަވަރު ކޮށްފަ އެވެ. ރޭގެ މެޗުން ލިބުނު މޮޅާ އެކު އެ ޓީމު ތާވަލުގެ އެއްވަނައިގައި އޮތީ 15 ޕޮއިންޓާ އެކު އެވެ. ދެވަނާގައި ސްވިޒަލެންޑް 14 ޕޮއިންޓާ އެކު އޮތް އިރު ތިންވަނައިގައި އަޔަލެންޑް އޮތީ 12 ޕޮއިންޓާ އެކު އެވެ.

ރޭގެ މެޗުގައި ޑެންމާކުން މޮޅު ކުޅުމެއް ދެއްކި އިރު އެ ޓީމަށް އެ މެޗުގައި ގޯލުތައް ޖަހައިދިނީ ރޮބާޓް ސްކޯވްއާއި ކްރިސްޓިއަން ގައިތްޝަޔާއާއި މާޓިން ބްރެތްވެއިޓްގެ އިތުރުން ޓޮޓެންހަމަށް ކުޅެމުން އަންނަ ހުނަރުވެރި މިޑްފީލްޑަރު ކުރިސްޓިއަން އެރިކްސަން އެވެ. އެ މެޗުގައި އެރިކްސަން އަސި ސްކޯވް ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިފަ އެވެ.

ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޑެންމާކް ބައްދަލު ކުރާނީ އަޔަލެންޑާ ދެކޮޅަށެވެ. ޑެންމާކް ވަނީ މިދިޔަ އަހަރުގެ ވޯލްޑްކަޕުގައި ވެސް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

ގުރޫޕް އެފްގައި ވެސް ރޭ ވަނީ ފޯރިގަދަ މެޗުތަކެއް ކުޅެފަ އެވެ. އެގޮތުން އެއްވަނާގައި އޮތް ސްޕެއިނުން މަލްޓާގެ މައްޗަށް 0-7ގެ ނަތީޖާއަކުން ކުރި ހޯދި އިރު ނޯވޭއިން ފެރޯ އައިލެންޑްސްގެ މައްޗަށް ކުރި ހޯދީ 0-4 ގެ ނަތީޖާއަކުންނެވެ. އަދި ސްވިޑަންއިން ވެސް ވަނީ ރޭ ރޯމޭނިއާ ބަލިކޮށް ޔޫރޯގެ ޖާގައެއް ޔަގީންކޮށްފަ އެވެ.

ރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ސްޕެއިން އެއްވަނައިގައި އޮތީ ނުވަ މެޗު ކުޅެ 23 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ސްވިޑަންއަށް 18 ޕޮއިންޓް ލިބޭ އިރު ތިންވައިގައި އޮތް ނޯވޭއަށް ލިބުނީ 14 ޕޮއިންޓެވެ.

ސްޕެއިނުން ރޭގެ މެޗުގައި ބޮޑު ނަތީޖާއަކުން މޮޅުވި އިރު ހާއްސަ ކަމަކީ ޖެހި ހަތް ގޯލު ވެސް ޖެހީ ތަފާތު ހަތް ކުޅުންތެރިން ކަމެވެ. އެގޮތުން އެ ޓީމުން ޖެހި ފުރަތަމަ ގޯލު 23 ވަަނަ މިނަޓުގެ ތެރޭގައި އަލްވާރޯ މޮރާޓާ ޖަހައިދިން އިރު ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ޓީމަށް ލީޑު ފުޅާ ކޮށްދިނީ ހަތަރު އަހަރަށް ފަހުން ގައުމީ ޓީމަށް ކުޅެން ފެށި ސަންޓީ ކަޒޯލާ އެވެ.

ދެވަނަ ހާފުގައި ސްޕެއިނުން ޖެހި ފަސް ގޯލު އެ ޓީމަށް ޖަހައިދިނީ ޑެބިއުޓް ކުޅުންތެރިންގެ ކުޅެން ނުކުތް ޕައު ޓޮރެސްއާއި ޑެނިއެލް އޯލްމޯގެ އިތުރުން ޕަބްލޯ ސަރަބިއާއާއި ޖެރާޑް މޮރޭނޯ އަދި ޖީސުސް ނަވާސް އެވެ.

މީގެ އިތުރުން އިޓަލީން ވަނީ ރޭ ބޮސްނިއާ އަތުން 0-3ގެ ނަތީޖާއަކުން މޮޅުވެފަ އެވެ. ގުރޫޕުގެ އެއްވަނައިގެ ގޮތުގައި އިޓަލީ މިހާރު ވެސް ޔޫރޯގެ ޖާގައެއް ޔަގީންކޮށްފައިވާ އިރު ރޭގެ މެޗުގައި އެ ޓީމަށް ގޯލުތައް ޖަހައިދިނީ ފްރެންސެސްކޯ އަސާބިއާ އަދި ލޮރެންޒޯ އިންސޭނިޔޭގެ އިތުރުން އަންޑްރޭ ބެލޮޓީ އެވެ.

comment ކޮމެންޓް