ޝާހިދު މޮރޮކޯގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވައިފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިހާރު މޮރޮކޯއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު އެގައުމުގެ ބޮޑުވަޒީރު ޑރ. ސަޢަދުލްދީން އަލް ޢުޘްމާނީގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

މޮރޮކޯގެ ރަބަތުގައި ހުންނަ ބޮޑުވަޒީރުގެ އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ބޮޑުވަޒީރަށާއި މޮރޮކޯގެ ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރައްވައިފަ އެވެ.

އަދި މިދަތުރުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައިވާ ގާތް ރަޙުމަތްތެރި ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަގީކަން އޮތްކަމުގައި މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.


ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، މޮރޮކޯގެ ބޮޑުވަޒީރުގެ އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގެ ތެރެއިން -- ފޮޓޯ: ފޮރިން މިނިސްޓްރީ

މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ޝާހިދާއި ބޮޑުވަޒީރު އަލް ޢުޘްމާނީ ކުރެއްވި މަޝްވަރާތަކުގެ ތެރޭގައި ދެ ގައުމުން ވެސް އިސްކަންދޭ ކަންތައްތަކުގެ ތެރެއިން، ދެ ގައުމުގެ ދޭ ދޭ ފަރުދުންގެ މެދުގައިވާ ގުޅުންތައް އިތުރުކުރުމުގެ މުހިންމުކަމުގެ އިތުރުން، ވިޔަފާރީގެ ދާއިރާއާއި އިގްތިސޯދީ ދާއިރާއާއި ތަރިކައިގެ ދާއިރާއާއި ނިރުބަވެރިކަމާއި ހައްދުފަހަނައެޅުމާއި ދެކޮޅަށް ކުރާ މަސައްކަތްތަކާއި މަތީ ތައުލީމުގެ ދާއިރާއިން އަދި ތިމާވެށި ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި އިތުރަށް އެއްބާރުލުން ދިނުމާއިގުޅޭ މަޝްވަރާތައް ހިމެނެ އެވެ.

comment ކޮމެންޓް