މޮޓޮރޯލާގެ ފަތްޖަހާލެވޭ ފޯނާއެކު މާޒީގެ ހަނދާންތައް!

މޮޓޮރޯލާ އިން އަލަށް ނެރުނު ރޭޒާ ފޯނާއި ކުރީގެ ރޭޒާ ފޯނު އެކީގައި --- ފޮޓޯ : އައިޖީއެން

މަޝްހޫރު ޓެކް ކުންފުނި މޮޓޮރޯލާގެ އާ ފޯނާ އެކު އެކުންފުނީގެ އެންމެ މަގުބޫލު ކަމަށްވާ ކުރީގެ ފްލިޕް ފޯނު "ރޭޒާ"ގެ ހަނދާންތައް އާކޮށްލައިފި އެވެ.

މޮޓޮރޯލާއިން ދާދި ފަހުން ވަނީ އެކުންފުނީގެ މަޝްހޫރު ރޭޒާ ފޯނުގެ ނަމުގައި ފަތްޖަހާލެވޭ ފޯނެއް ދައްކާލައިފަ އެވެ. ކުރީގެ ފޯނުގައި ޑިސްޕްލޭއަކާ އެކު ކީބޯޑެއް އިން ނަމަވެސް އަލަށް ނެރުނު ފޯނަކީ ޑިސްޕްލޭއެއް އެކަނި ހިމެނޭ ފޯނެކެވެ. މި ފޯނުގައި ބޭނުގައި ބޭނުންކޮށްފައި ވަނީ ފަތްޖަހާލެވޭ ސްކްރީން ޓެކްނޮލޮޖީ އެވެ.

ކުރީގެ ރޭޒާ ފޯނު މަޝްހޫރުވެފައި ވަނީ ތުނި ފޯނަކަށް ވުމާގުޅިގެންނެވެ. އަލަށް ނެރުނު ރޭޒާ ވެސް ބޭނުންކޮށްފައި ވަނީ ހަމަ އެ ޑިޒައިނެވެ.

އެ ފޯނާއެކު އެތައް ބައެއްގެ ކުރީގެ ހަނދާންތައް ވަނީ އާވެފަ އެވެ. އަދި ހަމަ ކުރީގެ ހަނދާންތައް އާކުރުމަށް ޓަކައި ވެސް އެ ފޯނު ގަންނާނެ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ.

މޮޓޮރޯލާ ރޭޒާއަކީ މިޑް ރޭންޖު ފޯނަކަށްވި ނަމަވެސް އެފޯނުގެ އަގުު ބޮޑެވެ. އެގޮތުން އެ ފޯނު ގަންނަން ލިބޭނީ 1،499 ޑޮލަރަށެވެ.

އެ ކުންފުނީގެ ފަތް ޖަހާލެވޭ ފޯނަކީ މިހާތަނަށް ނެރެފައިވާ އެހެން ފަތްޖަހާލެވޭ ފޯނުތަކާ އަޅާ ބަލާއިރު ތަފާތު ޑިޒައިނެކެވެ. ސެމްސަންގް އާއި ވާވޭ ފަދަ ކުންފުނީން އުފައްދާ ފަތްޖަހާލެވޭ ފޯނުތަކަކީ ޓެބްލެޓަކަށް ބަދަލުކޮށްލެވޭނޭ އެއްޗެއްސެވެ. ނަމަވެސް ރޭޒާ ފޯނު ފަތް ޖަހާލައިގެން ބޭނުމެއް ނުކުރެވޭނެ އެވެ. އެ ފޯނު ބޭނުންކުރެވޭނީ އެއްކޮށް ހުޅުވާލައިގެންނެވެ.

comment ކޮމެންޓް