ހަކުރު ބަލި ނުހިމެނޭ އާބާދީއަކަށް ހަދަން މަސައްކަތް ކުރަން އިލްތިމާސްކުރައްވައިފި

އޮކްޓޫބަރު 28، 2019: ހެލްތު މިނިސްޓްރީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަޅުގަނޑުމެންގެ އާބާދީއަކީ ހަކުރުބަލިން ސަލާމަތްވެފައިވާ އާބާދީއަކަށް ވުމަށްޓަކައި ކޮންމެ މީހަކު ވެސް ހަކުރު ބައްޔާ ދޭތެރޭ ސަމާލުވުމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިލްތިމާސް ކުރައްވައިފި އެވެ.

ހަކުރު ބަލީގެ ދުވަހުގެ މުނާސަބަތާ ގުޅިގެން އަމީން ދެއްވި ހިތާބުގައި ވިދާޅުވީ ރާއްޖޭގައި މީހުން ގައިންގައިން ނާރާ ބަލިތަކުގައި މަރުވާ މީހުންގެ އަދަދު އިންތިހާއަށް އިތުުރުވެފައިވާ ކަމަށެވެ.

އަދި އޭގެ ތެރެއިން ވެސް ހަކުރު ބަލީގައި ދުނިޔެ ދޫކޮށްދާ މީހުން އެއްދުވަހުން އަނެއްދުވަހަަށް އިތުރުވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"އާދެ ހަކުރު ބައްޔަކީ އަޅުގަނޑުމެން ރައްކާތެރިވެ ސަމާލުވެ އެ ބައްޔާ މެދު ފިޔަވަޅު އަޅާފައިވާ ނަމަ އެ ބަލިން ސަލާމަތްވުމުގެ ފުރުސަތު އިންތިހާއަށް އޮތް ބައްޔެއް. މިގޮތުން ހެލިފެލިވެ އުޅުމާއި ކަސްރަތުކުރުމާއި މިކަންތައްތަކަކީ ހަމަ ބަލިން ސަލާމަތްވުމަށް ސަމާލުކަން ދޭން ޖެހޭ ކަންކަން. ވަކިން ހާއްސަކޮށް ކެއިން ބުއިމުގެ ކަންތައްތަކުގައި ސަމާލުކަމެއް ދޭން އެބަޖެހޭ." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އަމީން އިތުރަށް ވިދާޅުވީ ހަކުރު އެކުލެވޭ ބުއިންތަކާއި ކެއުންތަކަށް ސަމާލުވެ ދުވާލަކު 30 މިނެޓް ހެލިފެލިވެ ކަސްރަތުކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެންގެ އާބާދީއަކީ ހަކުރުބަލިން ސަލާމަތްވެފައިވާ އާބާދީއަކަށް ވުމަށްޓަކައި ކޮންމެ މީހަކު ވެސް ހަކުރު ބައްޔާ ދޭތެރޭ ސަމާލުވެ ހަކުރުބައްޔާ ބެހޭ މަޢުލޫމާތު އެއްކޮށް ހަކުރުބަލިން ރައްކާތެރިވުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ މުހިންމުކަމެއް." އަމީން ވިދާޅުވި އެވެ.

comment ކޮމެންޓް