ސަން ސިޔާމް ކެއާގެ ޗެއާމަން އަދި ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ދ. މީދޫގައި އަޅުއްވައިދެއްވި އައު ޓާފް ދަނޑު ކުލަގަދަ ރަސްމިއްޔާތަކާއެކު މިދިޔަ މަހު ހުޅުވި އިރު މި މަހުގެ ތެރޭ އެ ދަނޑުގައި ފުރަތަމަ މުބާރާތް ބާއްވަން ހަމަޖައްސައިފި އެވެ.
ދަނޑު ހުޅުވުމުގެ ގޮތުން ޝިޔާމް ދެއްކެވި ވާހަކަޕުޅުގައި ވެސް އެންމެ ބޮޑަށް ފާހަގަ ކުރެއްވި އެއް ކަމަކީ އެ ދަނޑުގެ ސަބަބުން އަރަމުން އަންނަ ޖީލުތަކަށް ރަނގަޅު ތަމްރީންތަކެއް ލިބިގެންދިއުމެވެ. އެގޮތުން ދަނޑުގައި ކުޅޭ ފުރަތަމަ މުބާރާތަކީ ވެސް 17 އަހަރުން ދަށަށް އަމާޒުކޮށްގެން ކުޅޭ މުބާރާތެކެވެ.
ދ. މީދޫގެ ޔަންގް ސްޓާ ކުލަބުގެ އިސްނެގުމުގެ މަތިން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ކުޑަ ކުދިންގެ މުބާރާތް މިފަހަރު ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 26 އިން 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ މެދުކެނޑުމެއްނެތި މި މުބާރާތް ބާއްވާ ތިން ވަނަ އަހަރުކަމަށްވާ އިރު މިދިޔަ އަހަރުގެ މި މުބާރާތް ބޭއްވީ 15 އަހަރުން ދަށުގެ އުމުރުފުރާތަކަށް ހުޅުވާލައިގެންނެވެ.
މިފަހަރުގެ މުބާރާތުގައި ޖުމުލަ ހަތަރު ޓީމު ބައިވެރިވާން ނިންމާފައިވާ އިރު މުބާރާތުގެ މަގުސަދަކީ ދ. މީދޫގެ ކުޑަކުދިންގެ މެދުގައި ވާދަވެރިކަމާއި ފުޓުބޯޅައިގެ ފޯރި އިތުރު ކުރުމާއި އެއްބައިވަންތަ ޖީލެއް ބިނާ ކުރުން ކަމަށް މުބާރާތް އިންތިޒާމު ކުރާ ޔަންގް ސްޓާރް ކުލަބުގެ ރައީސް އިބްރާހިމް އަފްރާހް މައުލޫމާތު ދެ އެވެ. މި މުބާރާތުގައި މިފަހަރު ފައިސާގެ އިނާމުތަކެއް ހުށައެޅިފައި ނުވި ނަމަވެސް ކުޅުންތެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން ޓްރޮފީ ހަވާލު ކުރަން ނިންމާފައިވާ ކަމަށް އަފްރާހް ވަނީ ބުނެފަ އެވެ.
މީދޫގައި އަލަށް ހެދި ޓާފް ދަނޑު ރަސްމީކޮށް ހުޅުވުމުގެ ގޮތުން އެ ދަނޑުގައި ފޯރިގަދަ މެޗެއް ވަނީ ކުޅެފަ އެވެ. އެ މެޗުގައި ބައްދަލުކޮށްފައި ވަނީ މީދޫގެ ވެޓަރަންސް ޓީމަކާއި މެމްބަރު ސިޔާމްގެ ހާއްސަ ވެޓަރަންސް ޓީމެވެ. ސިޔާމްގެ ޓީމުގައި، ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރާއި ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ މައުރޫފްގެ އިތުރުން ގޯލްޑް ކެޕްޓަން އައްސަދު އަބްދުލްޢަނީ އަދި ރާއްޖޭގެ ކުރީގެ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ހިމެނެ އެވެ.
"ރާއްޖެ އަކީ ވޯލްޑް ކަޕަށް ވެސް ތައްޔާރުވާން ޖެހޭ ގައުމެއް. އަޅުގަނޑުމެން މިފަދަ ދަނޑުތައް ހެދިގެން، މުސްތަގުބަލުގައި ކުޑަ ކުދިން ކުޅެމުން އައިސް އިރާދު ކުރެއްވިއްޔާ ވޯލްޑް ކަޕަށް ވެސް ކޮލިފައި ވެގެން ދާނެ." ދަނޑު ހުޅުވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވެފައިވެ އެވެ.