އިސްރާއިލްއިން ގައްޒާއަށް ދިން ހަމަލާ ރާއްޖެއިން ވަރަށް ބޮޑަށް ކުށްވެރިކޮށްފި

އިސްރާއިލްއިން ގައްޒާއަށް ދިން ހަމަލާތަކުގެ ތެރެއިން--- ފޮޓޯ: ރޮައިޓާސް

މި ހަފްތާ ތެރޭގައި އިސްރާއިލްއިން ގައްޒާއަށް ދޭން ފެށި ހަމަލާތައް ރާއްޖެއިން ވަރަށް ބޮޑަށް ކުށްވެރިކޮށްފިއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ އިސްރާއިލްއިން އަޅުވެތިކޮށްފައިވާ ގައްޒާއަށް ދިން ހަމަލާގައި ކުށެއްނެތް އާންމުންގެ އެތައް ބަޔަކު މަރުވި ކަމަށާއި އަދި އެކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެ ހަމަލާތަކުގެ އަސަރުކުރި މީހުންގެ އާއިލާތަކަަށް ދިވެހި ސަރުކާރުން ވަނީ ތައުޒިޔާކިޔައިފައެވެ.

ގައްޒާއަށް އިސްރާއިލުން ދެމުންދިޔަ ހަމާލާތައް މިހާރު ވަނީ ވަގުތީ ގޮތުން ހުއްޓާލުމަށް އެއްބަސްވުމެއްވެސް އެކުލަވައިލައިފައެވެ. އެ މަޝްރަހު ފިނިކުރުމަށް ބައިނަލްއަގުވާމީ އިދާރާތަކުންނާއި ހާއްސަކޮށް މިސްރުން ކުރި މަސައްކަތަށް ފޮރިން މިނިސްޓްރީން ވަނީ މަރުހަބާކިޔައިފައެވެ.

އިސްރާއިލުން ހާލަތާ ނުބައްދަލު ބާރުތަކެއް ބޭނުންކޮށްފައި ވާތީ ފޮރިން މިނިސްޓްރީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އިސްރާއިލްއިން ފަލަސްތީނުގެ ބިންތައް ހިފައިގެން އުޅުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުކަމެއްކަންވެސް މިނިސްޓްރީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ ރާއްޖެއިން އަބަދުވެސް އިސްރާއިލާ ފަލަސްތީނު ވަކި ދެ ދައުލަތެއްގެ ގޮތުގައި ކަނޑައެޅުމަށް ކުރަމުންދާ ވަކާލާތުގައި ސާބިތުވެ ހުރި ކަމަށެވެ. އަދި ރާއްޖެއިން އަބަދުވެސް ފަލަސްތީނު ސަރުކާރާއި ފަލަސްތީނުގެ ރައްޔިތުންނާއެކު ދެމިއޮންނާނެކަމަށް ވެސް ބުނެފައިއެވެ.

އިސްރާއިލާ ފަލްސްތީންގެ ހަމަލާތައް ފެށުނީ މިދިޔަ އަންގާރަ ދުވަހު އިސްރާއީލުން ޣައްޒާގައި ހުންނަ "އިސްލާމިކް ޖިހާދު" ޖަމާއަތުގެ މަރުކަޒަކަށް ވައިގެ ހަމަލާތަކެއްދީ އެ ޖަމާއަތުގެ އިސް ކޮމާންޑަރު ބަހާއު އަބުލްޢަޠާ އާއި އޭނާގެ އަނބިކަނބަލުން ޝަހީދުކޮށްލުމުންނެވެ.

އަބުލްޢަޠާއަކީ 2012 ވަނަ އަހަރަށް ފަހު އިސްރާއީލުން ޝަހީދުކޮށްލި ފަލަސްތީނުގެ އެންމެ އިސް އަސްކަރީ ކޮމާންޑަރެވެ. އަބުލްއަތާ އާއި އޭނާގެ އަނބިކަނބަލުން ޝަހީދު ކޮށްލުމަށް ފަހު އިސްރާއީލުން ވަނީ ސީރިއާގެ ވެރިރަށް ދިމިޝްގަށް މިސައިލް ހަމަލާއެއް ދީ އެގައުމުގައި އުޅޭ "އިސްލާމިކް ޖިހާދު" ޖަމާއަތުގެ ސިޔާސީ ލީޑަރެއް ކަމުގައިވާ އަކްރަމުލް ޢަޖޫރީއާއި އޭނާ ދަރިކަލަކު ވެސް ޝަހީދުކޮށްލައިފަ އެވެ.

އިސްރާއިލްއިން ގައްޒާއަށް ދިން ހަަމަލާތަކުގައި އެއް އާއިލާއެއްގެ އަށް މެމްބަރުންވެސް ޝަހީދު ވެފައިވެއެވެ.

comment ކޮމެންޓް