އިމްޕޯޓުކުރާ ތަކެތީގެ މައުލޫމާތު ދުރާލާ އެނގޭނޭ ހިދުމަތެއް ގާއިމުކޮށްފި

އެޑްވާންސް ރޫލިންގެ ހިދުމަތް ތައާރަފުކުރުމަށް ކަސްޓަމްސްގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ : ކަސްޓަމްސް

ރާއްޖެއަށް އިމްޕޯޓުކުރާ މުދަލުގެ ޑިއުޓީ ރޭޓާއި އޮރިޖިން އަދި ގިންތި ދުރާލާ އެނގޭނޭގޮތަށް ތައްޔާރުކޮށްފައިވާ "އެޑްވާންސް ރޫލިން"ގެ ހިދުމަތް ކަސްޓަމްސްއިން މިއަދު ތައާރަފުކޮށްފިއެވެ.

ކަސްޓަމްސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތް ތައާރަފުކޮށްދެއްވާފައިވަނީ ރީފްސައިޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ހަސަން ޒާހިރެވެ.

މިއަދު ތައާރަފުކުރި ހިދުމަތާއެކު ރާއްޖެއަށް މުދާ ގެނައުމުގެ ކުރީން މުދަލަށް ހޭދަވާނެ ހަރަދުތައް ދުރާލާ ހިސާބުކުރުމަށް ވިޔަފާރިވެރިންނަށް މަގުފަހި ވެގެންދާނެކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ. އޭގެއިތުރުން މުދަލުގެ ލިޔުންތައް ނިންމުމަށްޓަކައި މުދާ ގިންތިކުރުމަށް ހޭދަވާ ވަގުތު މަދުވެގެން ދާނެކަމަށް ކަސްޓަމްސްއިން ބުނެއެވެ.

ކަސްޓަމްސްއިން ބުނާގޮތުގައި އެ ހިދުމަތުގެ ސަބަބުން އިމްޕޯޓު އަދި އެކްސްޕޯޓުކުރުމުގެ އުސޫލުތައް މިހާރަށްވުރެ ހާމަކަން ބޮޑުވެގެންދާނެއެވެ.

އެޑްވާންސް ރޫލިންގް ފޯރުކޮށްދެވޭނީ ރޫލިންގް ދޫކުރެވޭ ތާރީހުން ފެށިގެން ތިން އަހަރު ދުވަހުގެ މުއްދަތަށް އެއަށް އަމަލުކުރެވޭ ގޮތަށްކަމަށް ކަސްޓަމްސްއިން ބުނެއެވެ.

އެޑްވާންސް ރޫލިންގެ ހިދުމަތަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް ފުޅާދާއިރާއެއްގައި ބޭނުންކުރަމުން ގެންދާ ހިދުމަތެކެވެ.

އެޑްވާންސް ރޫލިންގެ ހިދުމަތުގެ އިތުރުން ކަސްޓަމްސްއިން މިއަދު ވަނީ ސްޓެޓިސްޓިކަލް އިޔާބުކްވެސް ތައާރަފުކޮށްފައެވެ. އެ ފޮތުގައި، އިމްޕޯޓްކުރެވޭ މުދަލާއި އެކްސްޕޯޓްކުރެވޭ މުދަލާއި އިމްޕޯޓް ޑިއުޓީގެގޮތުގައި ދައުލަތަށް ލިބޭ އާމްދަނީގެ އަދި އެހެނިހެން މައުލޫމާތު ހިމެނޭނެއެވެ.

comment ކޮމެންޓް