ފޯ ސީޒަންސްގައި ކައިވެނި ހުށަހެޅީ މަލުގެ ދާނަކުން

އިންޑިއާގެ ފެޝަން ބްލޮގަރަކާ ކައިވެނިކުރުމަށް ހުށަހަޅާފައިވަނީ 2000 ފިނިފެންމަލުން --- ފޮޓޯ : ސޯނަމް ބަބާން

ލޯބި ހުށަހެޅުމާއި ކައިވެނި ކުރުމަށް ހުށަހެޅުމަށް އެކި މީހުން ގެންގުޅޭނީ އެކި ކަހަލަ މޮޅެތި ގޮތްތަކެވެ. ފޯ ސީޒަންސް މޯލްޑިވްސް ލަނޑާގިރާވަރު ރިސޯޓުގައި ވަނީ ދާދި ފަހުން އާދަޔާ ހިލާފުގޮތަކަށް ކައިވެނި ކުރުމަށް ހުށަހަޅާފައެވެ. އެއީ ފިނިފެންމަލުގެ ފިޔަތަކުގެ ދާނަކުންނެވެ.

އިންޑިއާގެ ފެޝަން ބްލޮގާއެއް ކަމަށްވާ ސޯނަމް ބަބާނީއާ ކައިވެނި ކުރުމަށް އޭނާގެ ފިޔާންސޭ ނީލް ސާންގްވީ ހުށަހެޅީ ޕޫލެއް ފުރެންދެން ފިނިފެންމަލުގެ ފިޔަ އަޅައިގެންނެވެ. ނީލް ކައިވެނި ހުށަހެޅީ ޕޫލް ކައިރީގައި އެއް ކަކޫ މައްޗަށް ތިރިވެ ހުރެއެވެ.

ދެމީހުންގެ ސޯޝަލް މީޑިއާއަށް އެ ޕްރޮޕޯސަލްގެ ފޮޓޯތަކާއި ވީޑިއޯތައް ވަނީ އަޕްލޯޑުކޮށްފައެވެ. ފޯ ސީޒަންސް ލަނޑާގިރާވަރުގެ ވޯޓަ ވިލާއެއްގެ އިންފިނިޓީ ޕޫލެއް ފުރާ ފިނިފެންމާ ފިޔަ އަޅާފައިވާއިރު ޕޫލްގެ މެދުގައި ހުދުކުލައިން ލިޔެލާފައިވަނީ "ވިލް ޔޫ މެރީ މީ" އެވެ.

ފްލޯރިސްޓުން ބުނާގޮތުގައި އެވަރުގެ އިންފިނިޓީ ޕޫލެއް ފުރާ މާ އެޅުމަށް 15 ކިލޯގްރާމުގެ ފިނިފެންމާ ބޭނުންވާނެއެވެ. އެއީ ގާތްގަނޑަކަށް 2000 ފިނިފެންމަލެވެ. ނީލްގެ ޕްރޮޕޯސަލް އާ އެކު ސޯނަމް ހުރީ ބަސް ހުސްވެފައެވެ.

"މީގެކުރީންވެސް ނީލްގެ ސަބަބުން އަހަރެން ބަސްހުސްވޭ. އެކަމު މިއަދު ދިން ސަޕްރައިޒްއާއެކު ހަމަ ބުނާނެ އެއްޗެއްވެސް ނޭނގޭ،" އޭނާ ބުންޏެވެ.

ސޯނަމް ބުނީ ކައިވެންޏަށް ތައްޔާރު ކަމަށާއި ނީލްއާއެކު އާއިލާއެއް ފެށުމަށް ކެތްމަދުވެފައިވާ ކަމަށެވެ.

comment ކޮމެންޓް