ވައި ތަޣައްޔަރުވުމުން ދިއްލީގެ ސްކޫލުތައް އަނެއްކާވެސް ބަންދުކޮށްފި

ދިއްލީގެ ސްކޫލުތައް މިއަދާއި މާދަމާ ބަންދުކޮށްފައި ބަހައްޓަން ވަނީ އަންގާފައި -- ފޮޓޯ: ޕީޓީއައި

ދިއްލީ (ނޮވެމްބަރު 14): އިންޑިއާގެ ނިއު ދިއްލީގައި ވަރަށް ބޮޑަށް ދުން ބޯވެ، ވައި ތަޣައްޔަރުވުމުގެ ސަބަބުން އެސިޓީގެ ސްކޫލުތައް އަނެއްކާ ވެސް ބަންދު ކުރަން އަންގައިފި އެވެ.

ދިއްލީގެ އަވަށްޓެރި ޕަންޖާބާއި ހަރިޔާނާގައި ގޮވާން ކަނޑާފައިވާ ދަނޑުތައް އެންދުމާއި މިދިޔަ މަހުގެ ފަހުކޮޅު އެގައުމުގައި ބަޑިބޭހާ އެކު ދިވާލީ ފާހަގަ ކުރުމާ ގުޅިގެން އެސަރަހައްދުގައި ވައި ތަޣައްޔަރުވެފައިވާ މިންވަރު ވަނީ އިތުރުވެފަ އެވެ. އޭގެ ސަބަބުން މިމަހުގެ އެކެއްގައި ޕަބްލިކް ހެލްތް އެމާޖެންސީއެއް އިއުލާންކޮށް، އޭރު ދިއްލީގައި ސްކޫލުތައް ހަތަރު ދުވަހަށް ބަންދު ކުރި އެވެ.

އޭގެ ފަހުން އަނެއްކާ ވެސް ދިއްލީގައި ނުރައްކާތެރި މިންވަރަކަށް ވައި ތަޣައްޔަރުވުމުގެ ސަބަބުން އެގައުމުގެ އެންވަޔަރޮމެންޓް ޕޮލިއުޝަން ޕްރިވެންޝަން އެންޑް ކޮންޓްރޯލް އޮތޯރިޓީ (އީޕީސީއޭ)އިން ވަނީ މިއަދާއި މާދަމާ ދިއްލީ އާއި އެސިޓީއާ ކައިރި ޑިސްޓުރިކްޓުތަކުގެ ސްކޫލުތައް ބަންދު ކުރަން އިއްޔެ އަންގާފަ އެވެ.

އަދި އެއިދާރާއިން ވަނީ އެސަރަހައްދުގައި ހުންނަ ބޯޓުދެއްޔާއި ތެޔޮ ބޭނުން ކުރާ ފެކްޓަރީތައް ވެސް މިއަދާއި މާދަމާ ބަންދުކޮށްފައި ބެހެއްޓުމަށް އަންގާފަ އެވެ.

އިންޑިއާގެ ސެންޓްރަލް ޕޮލިއުޝަން ކޮންޓްރޯލް ބޯޑުން ބުނި ގޮތުގައި މިއަދު ދިއްލީގެ ވައިގައި ނުރައްކާތެރި އެތިކޮޅުތައް ނުވަތަ ޕީއެމް2.5 ހުރި މިންވަރު ވަނީ ރައްކާތެރި މިންވަރަށް ވުރެ ފަސް ގުނަ އިތުރުވެފަ އެވެ. ނަމަވެސް މާދަމާ އެސަރަހައްދުގައި ވައިގަދަވެ، ދުން ބޯވާ މިންވަރު ކުޑަވާނެ ކަމަށް މޫސުން މޮނިޓާ ކުރާ ފަރާތްތަކުން ބުންޏެވެ.

ދިއްލީގައި ވައި ނުސާފުވެފައިވާ މައްސަލާގައި އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ ޕަންޖާބާއި ހަރިޔާނާގެ ދަނޑުތަކުގައި ރޯކޮށްފައިވާ އަލިފާންގަނޑުތައް ނިއްވާލުމަށާއި ވައި ތަޣައްޔަރުވުން ހުއްޓުވުމަށް މަގުޗާޓެއް އެކުލަވާލުމަށް ދިއްލީ އާއި ޕަންޖާބާއި ހަރިޔާނާގެ ސަރުކާރަށް އަންގައިފަ އެވެ.

އަދި ދިއްލީގައި އިތުރަށް ވައި ނުސާފުވުން ކުޑަ ކުރުމަށް ޓަކައި އެސިޓީން ވަނީ މާދަމާ އާ ހަމައަށް ދިއްލީގެ މަގުތަކުގައި ޕްރައިވެޓް ކާރުތައް ދުއްވޭނީ ލައިސެންސް ޕްލޭޓް ނިމޭ ނަމްބަރަށް ބަލާފައި ކަމަށް ކަނޑައަޅާފަ އެވެ. އެގޮތުން އެއް ދުވަހު ދުއްވާނީ އޮނަހިރި އަދަދަކުން ލައިސެންސް ޕްލޭޓް ނިމޭ ކާރު ތަކެވެ. އަނެއް ދުވަހު ދުއްވާނީ ހިރި އަދަދަކުން ލައިސެންސް ޕްލޭޓް ނިމޭ ކާރުތަކެވެ. އަދި އެ ގަވާއިދާ ހިލާފު ވެއްޖެ ނަމަ 50 ޑޮލަރުން ޖޫރިމަނާ ކުރާނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް