ކުޑަކުދިންނަށް ވެކްސިން ދިނުން ލާޒިމުކޮށް ބިލް ފާސްކޮށްފި

މަޖިލިސް --- ފޮޓޯ/ މަޖިލިސް

ބަލިތަކުން ސަލާމަތްވުމަށް ކުޑަކުދިންނަށް ވެކްސިން ދިނުން ލާޒިމުކޮށް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ އާ ބިލް މިއަދު މަޖިލީހުން ފާސްކޮށްފި އެވެ.

މަޖިލީހުގެ 66 މެންބަރުންގެ އަގުލަބިއްޔަތުން މިއަދު ފާސްކުރި ބިލުގައި ބުނެފައި ވަނީ ބަލިތަކުން ސަލާމަތްވުމަށް ޖަހަންޖެހޭ ވެކްސިން ޖެހުމަކީ މައިންބަފައިންގެ ޒިންމާއެއް ކަމަށާއި، އެ ވެކްސިން ޖެހުމަށް އިއުތިރާޒް ކުރުމަކީ މައިންބަފައިންނަށް ލިބިގެންވާ ހައްގެއް ނޫން ކަމަށެވެ.

ބިލުގައި ދަރިމައިވުމުގެ ކުރިން ކުރަންޖެހޭ ފަރުވާ އާއި، މައިމީހާގެ ބަނޑުގައި ކުއްޖާ ގަރުބަގަތީއްސުރެ އެކުއްޖާ ވިހެއުމާ ހަމައަށް އަދި ކުއްޖާ ވިހެއުމަށްފަހު ބޭނުންވާ ފަރުވާ އާއި ކުއްޖާ އާއި ކުއްޖާގެ މަންމަގެ އާންމު ސިއްހަތާއި ދުޅަހެޔޮކަން ދެމެހެއްޓުމަށް ކުރަންޖެހޭ އެންމެހައި ފަރުވާތަކަކީ ކޮންމެ ކުއްޖަކަށް ލިބިގެންވާ ހައްގެއްގެ ގޮތުގައި ވަނީ ހިމަނައިފަ އެވެ.

2019 ވަނަ ރައްޔިރުން މަޖިލީހުގެ ޖަލްސާގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

މި ބިލު މަޖިލީހަށް ބަލައިގަތީ މިދިޔަ އޯގަސްޓު މަހުގެ ތެރޭގަ އެވެ. ބިލު މަޖިލީހަށް ބަލައިގަނެ، ކޮމިޓީ މަރުހަލާގައި ބައެއް ބަދަލުތައް ވަނީ ގެނެސްފަ އެވެ. އެގޮތުން ގެނެސްފައިވާ ބައެއް ބަދަލުތަކަކީ؛

1. ކުޑަކުދިންނަށް މަރުގެ އަދަބު ނުދިނުން

ބިލުގައި ބުނެފައި ވަނީ ކުޑަކުދިންނަކީ ބޮޑެތި މީހުންނާ އެއްވަރަށް ހެދިބޮޑުވެ، ތަސައްރަފު ފުރިފައިވާ ބަޔަކަށް ނުވާތީ، އެކުދިންނަކީ ދައުލަތުގެ ފަރާތުންނާއި އާއިލާގެ ފަރާތުންނާއި ޖަމާއަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ހާއްސަ ރައްކާތެރިކަން ލިބިދޭންޖެހޭ ބައެއް ކަމުގައި ގާނޫނުން ކަނޑައަޅާާފައިވާތީ، ކުޑަކުދިންނަށް މަރުގެ އަދަބު ދީގެން ނުވާނެ ކަމަށް ބިލުގައިވެ އެވެ.

އުމުރުން 18 އަހަރު ވުމަށްފަހުގައިވެސް އުމުރުން 18 ވަނަ އަހަރު ފުރުމުގެ ކުރިން ކުއްޖަކު ކޮށްފައިވާ ކަމަށް ސާބިތުވެފައިވާ ކުށަކާ ގުޅިގެން މަރުގެ އަދަބު ދީގެން ނުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މަރުގެ އަދަބު ކަނޑައެޅިފައިވާ ކުށެއް ކުޑަކުއްޖެއްގެ މައްޗަށް ސާބިތުވާ ހާލަތުގައި އެކުއްޖަކަށް ދޭންވާނީ، އެ ކުށަށް ދެން ކަނޑައެޅިފައިވާ އެންމެ ބޮޑު އަދަބެއްގެ ހަތަރުބައިކުޅަ ތިންބަޔަށް ވުރެ ބޮޑު ނޫން އަދަބެއް ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

2. ކުއްޖަކަށް ނުރައްކާވާ ހާލަތުގައި ކޯޓު އަމުރެއް ނެތި އެތަނަކަށް ވަދެވޭނެ

ކުޑަކުއްޖަކީ އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުއްޖެއް ކަމަށް ފުލުހުންނަށް ނުވަތަ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް އަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރި ނަމަ، އަދި އެކުއްޖާގެ ހާލަތު ދެނެގަތުމަށްޓަކައި އެ މައްސަލަ ތަހުގީގު ކުރުމުގެ ބާރު ފުލުހުންނަށް، އަދި ސޯޝަލް އިންކުއަރީ އާއި އެސެސްމަންޓް ހެދުމުގެ ބާރު ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް އަށް ގާނޫނުން ވަނީ ދީފަ އެވެ.

އޭގެ އިތުރުން ކޯޓު އަމުރެއް ލިބެންދެން އެތަނަކަށް ވަނުން ލަސްކޮށްފިނަމަ، ކުއްޖާއަށް ނުރައްކަލެއް ވެދާނެ ކުރިމަތިވެދާނެކަމަށް ބެލުމަށް އެކަށީގެންވާ ހެކި ލިބިފައިވާ ހާލަތުގައި، އެތަނަށް ވަނުމަށް ސަބް-އިންސްޕެކްޓާ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދައާއެކު އެތަނަށް ވަދެވޭނެ ކަމަށް ބިލުގައި ބުނެއެވެ.

އެއްވެސް މައްސަލައެއްގައި ކުޑަކުއްޖެއްގެ ފަރާތުން ހެކިބަހެއް ހޯދައިފިނަމަ، މިގާނޫނުގެ ދަށުން އެކުއްޖާއަށް ރައްކާތެރިކަމާ ހިމާޔަތް ލިބެން ވާނެ ކަމަށް ވަނީ ހިމަނައިފައެވެ.

3. ކުއްޖާ ދައުލަތަށް ނަގާނީ އެންމެ ފަހު ފިޔަވަޅެއްގެ ގޮތުން

ކުއްޖާ ބެލުން ވަގުތީ ގޮތުން އެހެން ފަރާތަކަށް ހަވާލުކުރުމުގައި އިސްކަން ދޭންވާނީ، ކުއްޖާގެ ހަޟާނާތު ދެމިގެންދާފަދަ ގޮތަކަށް ވަގުތީ ގޮތުން ހަވާލުކުރުމަށް ކަމަށް ބިލުގައި ހިމަނާފައިވެއެވެ.

ކުއްޖާ ހުރި މާހައުލުން ކުއްޖާ ވަކިކޮށް، ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމާއެކު ވީއެންމެ އަވަހަކަށް، އަދި ލަސްވެގެން ފަސް ދުވަހުގެ ތެރޭގައި އެކުއްޖާއާމެދު އަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށް ދައުލަތުގެ ފަރާތުން ކޯޓަށް ހުށަހަޅަން ޖެހޭނެއެވެ.

މި ބިލުގެ ދަށުން ކުއްޖަކު އޯލްޓަނޭޓިވް ކެއާއަށް ބަދަލުކުރުމުގެ ކުރިން، އެކުއްޖެއްގެ އާއިލީ މާހައުލުން އެކުއްޖާ ދުރުނުކޮށް ނުވަތަ ނުނަގާ ވޭތޯ ބަލައި، އާއިލާގެ ފަރާތުން އެކުއްޖާއާ ހަވާލުނުވެއްޖެނަމަ، ކުއްޖައަށް އާއިލީ މާހައުލެއްގައި ދިރިއުޅެވޭނެ ގޮތެއް ހޯދައިދިނުމުގެ ގޮތުން، އާއިލާ ތެރެއިން ނޫން ނަމަވެސް އެކުއްޖާއާ ހަވާލުވާނެ އެހެން ފަރާތެއް ހުރިނަމަ، އެފަރާތަކާ ވެސް ހަވާލުކުރަން މަސައްކަތްކޮށް، އެންމެ ފަހު ފިޔަވަޅެއްގެ ގޮތުން މެނުވީ އޯލްޓަނޭޓިވް ކެއާއަށް ކުއްޖަކު ބަދަލު ނުކުރަން ވަނީ ހިމަނައިފައެވެ.

ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ، "ފިޔަވަތި" --- ސަން ފައިލް ފޮޓޯ

4. ކުޑަކުދިންނަށް އަޅާނުލާ ފަރާތްތަކާއި އެކުދިންނާމެދު އިހުމާލުވާ ފަރާތްތަކާއި، އެކުދިންނަށް އިހާނެތިކޮށް ހިތާ ފަރާތްތަކާއި، ކުދިންނަށް ގޯނާކުރާ ފަރާތްތަކުގެ އިތުރުން އެކުދިންގެ ކިބައިން ނާޖާއިޒް ފައިދާ ހޯދާ ފަރާތްތަކަށް ދޭނެ އަދަބުތައް ކަނޑައަޅައި، ގާނޫނުގެ ދަށުން ޖިނާއީ ދައުވާކުރުން ނުވަތަ ގާނޫނުގެ ދަށުން ގަވާއިދުގެ ދަށުން އިދާރީ ފިޔަވަޅު އެޅުމަށް ވެސް ވަނީ ހިމަނައިފައެވެ.

5. ކުދިންނަށް އަނިޔާކުރުމުގެ ކުށެއް ރިޕޯޓު ނުކުރުމަކީ ވެސް ކުށެއް

މިއަދު ފާސްކުރި ބިލުގައި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމާއި، ކުއްޖަކަށް ޖިންސީ ގޯނާކުރުމަށް ކުއްޖާ ގްރޫމް ކުރުމަކީ ވެސް ކުށެއް ކަމަށް ވަނީ ހިމަނައިފައެވެ.

އަދި ކުޑަކުދިންނާ މެދު އިހުމާލުވުމާއި، އަނިޔާގެ އަމަލަކުން ކުޑަކުއްޖަކު ސަލާމަތް ކުރުމަށް އިހުމާލުވުމާއި، ކުޑަކުއްޖަކަށް އަނިޔާކުރުމުގެ ކުށެއް ރިޕޯޓުނުކުރުމަކީ ވެސް ކުށެއް ކަމަށް ބިލުގައިވެއެވެ.

ސަރުކާރުން އެ ބިލް މަޖިލީހަށް ހުށަހަޅައިފައި ވަނީ ކުޑަކުދިންގެ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއަށް ރިއާޔަތްކޮށް، ރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް މަގުފަހިކޮށްދުނުމުގެ ގޮތުންނާއި، އެ މުއާހަދާގައި ބަޔާންކޮށްފައިވާ ކުޑަކުދިންގެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ގޮތުންނެވެ.

މި ބިލުގައި ކުޑަކުދިންގެ ހައްގުތަކާއި، ކުޑަކުދިންގެ ޒިންމާތަކާއި، ބެލެނިވެރިންގެ ޒިންމާތަކާއި، ދައުލަތުގެ ޒިންމާތަކާއި އެހެނިހެން ފަރާތްތަކުގެ ޒިންމާތައް ވަނީ ބަޔާންކޮށްފައެވެ.

ބިލުގައި ކަނޑައަޅައިފައިވާ ކުޑަކުދިންގެ ހައްގުތަކުގެ ތެރޭގައި ތަފާތު ނުކުރުމާއި، އުނގެނުމުގެ ހައްގާއި، ދިރިހުރުމާއި ހެދިބޮޑުވުމުގެ ހައްގާއި، ރައުޔު ކާމަކުރުމުގެ ހައްގާއި އަޅާލުމާއި ހިމާޔަތް ލިބުމުގެ ހައްގާއި، ޖިންސީގޮތުން ނާޖާއިޒް ބޭނުންހިފުމާއި ގޯނާކުރުމުން ރައްކާތެރިވުމުގެ ހައްގާއި، އަނިޔާއާއި އާޅާނުލުމުން ރައްކާތެރިވުމުގެ ހައްގު ހިމެނެއެވެ.

ހަމައެއާއެކު ނޭދެވޭ އިޖްތިމާއީ އަދި ސަގާފީ ކަންކަމުން ރައްކާތެރިކޮށްދިނުމުގެ ހައްގާއި އުފަންވުން ރަޖިސްޓްރީވުމާއި ނަމާއި ގައުމިއްޔަތުގެ ހައްގާއި އަމިއްލަވަންތަކަން ދެމެހެއްޓުމުގެ ހައްގުގެ އިތުރުން މައިންބަފައިން އެނގުމާއި އެމީހުންގެ އަޅާލުން ލިބުމުގެ ހައްގު އަދި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ ހައްގު ވެސް ހިމެނެއެވެ.

މި ބިލުގެ ދަށުން ކުޑަކުދިންގެ ކައިވެނިކޮށްދިނުން މަނާކުރެ އެވެ. ބިލުގައި ބުނެފައި ވަނީ ކުޑަކުދިންނަކީ ބޮޑެތި މީހުންނާ އެއްވަރަށް ސިއްހީގޮތުންނާއި ނަފްސާނީ ގޮތުން ހެދިބޮޑުވެފައިވާ ބަޔަކަށް ނުވާތީ އާއި ކުޑަކުދިންނަކީ ދައުލަތާއި، އާއިލާ އަދި މުޖުތަމައުގެ ފަރާތުން އެހީތެރިކަމާއި ހާއްސަ ރައްކާތެރިކަން ލިބެންޖެހޭ ބަޔަކަށް ވާތީ 18 އަހަރުން ދަށުގެ ކުޑަކުދިންގެ ކައިވެނި ކޮށްދީގެން ނުވާނެ ކަމަށެވެ.

މި ބިލުގައިވާ ގޮތުން އުމުރުން 16 އަހަރު ނުވާ ކުއްޖަކު އެކުއްޖާގެ ތައުލީމާއި ތަރުބިއްޔަތާ ގުޅޭގޮތުން ތަމްރީނު ދިނުމަށް މެނުވީ ވަޒީފާއެއްގައި ނުވަތަ މަސައްކަތެއްގައި ގެންގުޅުމަކީ މަނާކަމެކެވެ. ނަމަވެސް އެކުއްޖާގެ ރުހުމާއެކު އާއިލާއިން ކުރާ މަސައްކަތެއްގައި ބައިވެރިވުން މީގެ ތެރެއިން އިސްތިސްނާވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާފަންނު މަދަރުސާއަށް ޒިޔާރަތް ކުރައްވައި އެ މަދަރުސާގެ ކުދިންނާ ބައްދަލުކުރެއްވުން --- ފޮޓޯ/ ރައީސް އޮފީސް

ހަމައެއާއެކު ކުޑަކުދިންނަކީ ބޮޑެތި މީހުންނާ އެއްވަރަށް ސިއްހީގޮތުންނާއި ނަފްސާނީ ގޮތުން ހެދިބޮޑުވެފައިވާ ބަޔަކަށް ނުވާތީ އާއި ކުޑަކުދިންނަކީ ދައުލަތާއި، އާއިލާ އަދި މުޖުތަމައުގެ ފަރާތުން އެހީތެރިކަމާއި ހާއްސަ ރައްކާތެރިކަން ލިބެންޖެހޭ ބަޔަކަށް ވާތީ 15 އަހަރުން ދަށުގެ ކުޑަކުދިންނަކީ ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ ކުދިން ކަމުގައި ނުބެލެވޭނެ ކަމަށް ވެސް ބިލުގައިވެއެވެ.

ބެލެނިވެރިންގެ ޒިންމާތަކުގެ ގޮތުގައި ބިލުގައި ބަޔާންކޮށްފައި ވަނީ ކުއްޖާ އުފަންވުމުން ރަޖިސްޓްރީ ކުރުމާއި، ކުއްޖާ ތަރުބިއްޔަތުކޮށް އުނގަންނައިދިނުމާއި ހަރަދު ދިނުމާއި ކުއްޖާ އެހެން ފަރާތަކަށްދޭ އަނިޔާއަށް ޒިންމާވުން ފަދަ ކަންކަމެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގައި ދައުލަތުގެ ޒިންމާގެ ގޮތުގައި ކަނޑައަޅައިފައި ވަނީ މައިންބަފައިންނަށް އެހީތެރިކަން ފޯރުކޮށްދީ ޒިންމާދާރު ކުރުވުމާއި، ކުޑަކުދިންނާ ގުޅޭ ނިންމުންތައް ނިންމުމުގައި އެކުދިންގެ ބައިވެރިވުން ހޯދުމާއި މައުލޫމާތު އާންމު ކުރުމެވެ.

ގައުމީ ފެންވަރުގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި، ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމެއް ގާއިމުކުރުމަށް ބިލުގައި ވަނީ ބުނެފައެވެ.

އެގޮތުން ގާނޫނަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާބެހޭ ކައުންސިލެއް އުފައްދަން ޖެހޭނެއެވެ.

ހަމައެއާއެކު ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިންނަށް އާއިލާއެއްގެ ލޯތްބާއި އަޅާލުމާއެކު ބޮޑުވުމުގެ ފުރުސަތު ހޯދައިދިނުމަށްޓަކައި، އެކުދިން ފޮސްޓާ ކުރެވޭނެ އުސޫލުތައް ބަޔާންކުރުމާ އަދި އެހީތެރިކަމާއި އަޅާލުން ބޭނުންވާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހާއްސަ ފިޔަވަޅުތައް ތައާރަފްކުރުމަށް ވެސް ބިލުގައި ހިމަނާފައިވެއެވެ.

comment ކޮމެންޓް