ހޮންކޮންގެ މުޒާހަރާތަކާ ގުޅިގެން ބޭރުގެ ދަރިވަރުން އެނބުރި ދާން ފަށައިފި

ސީޔޫއެޗްކޭގައި މުޒާހަރާ ކުރާ މީހަކު ދުނިދަނޑިއެއް ބޭނުން ކުރަނީ -- ފޮޓޯ: އޭއެފްޕީ

ހޮންކޮން (ނޮވެމްބަރު 14): ހޮންކޮންގައި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންދާ ފަރާތްތަކުން އެސިޓީގެ ޔުނިވާސިޓީ ކެމްޕަސްތަކުގައިވެސް ހަރަކާތްތެރިވަމުންދާތީ އެޔުނިވާސިޓީތަކުގައި ކިޔަވަމުންދާ ބޭރު ގައުމުތަކުގެ ދަރިވަރުން އެނބުރި ގައުމަށް ދާން ފަށައިފި އެވެ.

ހޮންކޮންގެ ޔުނިވާސިޓީތަކުގައި މުޒާހަރާ ކުރާ މީހުންނާއި ފުލުހުންނާ ދެމެދު މިދިޔަ އަންގާރަ ދުވަހާއި އިއްޔެ ވަނީ ކުރިމަތިލުންތައް ހިނގާފަ އެވެ. އެކުރިމަތިލުންތައް ފެށުނީ ޗައިނީސް ޔުނިވާސިޓީ އޮފް ހޮންކޮން (ސީޔޫއެޗްކޭ)އިންނެވެ.

ހޮންކޮންގެ ފުލުހުން ބުނި ގޮތުގައި މިދިޔަ އަންގާރަ ދުވަހު އެމީހުން ސީޔޫއެޗްކޭގެ ކެމްޕަސްއަށް ވަންނަން މަސައްކަތް ކުރީ، އެ ކެމްޕަސްއާ ގުޅިފައި އޮންނަ ބުރިޖު މަތިން މުޒާހަރާ ކުރާ މީހުން މަގުމައްޗަށް ތަކެތި އުކަމުންދާތީ، އެކަން ހުއްޓުވާށެވެ. އަދި އެޔުނިވާސިޓީން ދަނީ "ހަމަނުޖެހުން ހިންގާ މީހުންނާއި ކުށްވެރިންނަށް ހިމާޔަތްދީ، ޕެޓްރޯލް ބޮން އުފައްދާ މަރުކަޒެއްގެ ގޮތުގައި އެތަން ބޭނުން ކުރަން ހުއްދަ ދެމުން" ކަމަށް ތުހުމަތުކޮށްފަ އެވެ.

ސީޔޫއެޗްކޭގައި މުޒާހަރާ ކުރާ މީހުން ވަނީ ފުލުހުންނަށް ނުވަދެވޭ ގޮތަށް ބެރިކޭޑު ޖަހާފަ -- ފޮޓޯ: ރޮއިޓާސް

ފުލުހުން ބުނި ގޮތުގައި އެ ކެމްޕަސް ތެރެއިން މުޒާހަރާގެ ބައިވެރިން ވަނީ ޔުނިވާސިޓީން ނަގާފައިވާ ދުނިދަނޑިތަކެއް ބޭނުންކޮށްގެން، ފުލުހުންނާ ދިމާލަށް އަލިފާން ރޯކޮށްފައިވާ ދުނި ޖަހާ، 400 ޕެޓްރޯލް ބޮން އުކާފަ އެވެ. އަދި ފުލުހުން ވަނީ މުޒާހަރާގެ ތެރެއަށް 1،500 ކަރުނަ ގޭސް ކެނިސްޓަރު އުކާ، 1،300 ރަބަރު އުންޑަ ޖަހާފަ އެވެ.

ފުލުހުންގެ އެ އޮޕަރޭޝަނާ ގުޅިގެން ގިނަ އަދަދެއްގެ ދަރިވަރުން ވަނީ އެއީ އުނގެނުމުގެ މިނިވަންކަމަށް ހުރަސް އެޅުން ކަމަށާއި ފުލުހުން އުޅެނީ ސީޔޫއެޗްކޭ "ހިފަން" ކަމަށް ތުހުމަތުކޮށްފަ އެވެ.

އަދި މުޒާހަރާ ކުރާ މީހުން ވަނީ ސީޔޫއެޗްކޭއަށް ފުލުހުން ވަނުން ހުއްޓުވުމަށްޓަކައި ކެމްޕަސްއަށް ވަދެވެން އޮންނަ ސަރަހައްދުތަކުގައި ބެރިކޭޑު ޖަހާފަ އެވެ. އޭގެ ސަބަބުން ހޮންކޮންގެ އެހެން ބައެއް ޔުނިވާސިޓީތަކުގައިވެސް މުޒާހަރާ ކުރާ މީހުން ދަނީ ފުލުހުންނަށް ނުވަދެވޭ ގޮތަށް ބެރިކޭޑު ޖަހާ، ފުލުހުންނާ ދިމާލަށް އުކާނެ އެއްޗެހި އެއް ކުރަން ފަށާފަ އެވެ.

އެހަމަނުޖެހުންތަކާ ގުޅިގެން ހޮންކޮންއިން ވަނީ މިއަދު ހުރިހާ ސްކޫލުތައް ބަންދުކޮށްފަ އެވެ. އަދި ސީޔޫއެޗްކޭއިން ވަނީ މިހާރު ކުރިއަށްދާ ޓާމް ނިންމާލާ، ދެން ކްލާސްތައް ފަށާނީ އަންނަ ޖެނުއަރީ މަހު ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން އެހެން ބައެއް ޔުނިވާސިޓީތަކުން ވަނީ މިހަފްތާގައި ދެން ކްލާސްތާއް ނުބޭއްވުމަށް ނުވަތަ ކްލާސްތައް އޮންލައިންކޮށް ނަގާދިނުމަށް ނިންމާފަ އެވެ.

ސީޔޫއެޗްކޭގައި މުޒާހަރާ ކުރާ މީހުންނާ ދިމާލަށް ފުލުހުން ކަރުނަ ގޭސް ޖަހަނީ -- ފޮޓޯ: އޭއެފްޕީ

އޭގެ ސަބަބުން ހޮންކޮންގައި ކިޔަވާ ޗައިނާގެ ގިނަ އަދަދެއްގެ ދަރިވަރުން ވަނީ އެގައުމަށް ގޮސްފަ އެވެ. އަދި ޓައިވާނުގެ 71 ދަރިވަރުންވެސް އެނބުރި ގޮސްފައިވާ ކަމަށް އެސަރަހައްދުގެ އޮފިޝަލުން ބުނެ އެވެ.

މީގެ އިތުރުން ހޮންކޮންގައި ތިބި ޑެންމާކް ޓެކްނިކަލް ޔުނިވާސިޓީ (ޑީޓީޔޫ)ގެ 36 އެކްސްޗޭންޖް ދަރިވަރުން އަނބުރާ ގައުމަށް ދިޔުމަށް އެޔުނިވާސިޓީން ވަނީ އެދިފަ އެވެ.

މިދިޔަ އޭޕްރިލް މަހު ހޮންކޮންގައި މުޒާހަރާތައް ފެށުނީ އެ ސިޓީގައި ތިބޭ ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތް ކުރިއަށްގެންދިޔުމަށް، އެމީހުން އެހެން ގައުމުތަކާ ހަވާލު ކުރެވޭނެ ބިލެއް އެސިޓީގެ ސަރުކާރުން ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅުމުންނެވެ. އެބިލު ފާސް ކުރި ނަމަ ހޮންކޮންގައި ތިބޭ ކުށުގެ ތުހުމަތު ކުރެވޭ މީހުން ޗައިނާއާ ވެސް ހަވާލު ކުރެވޭނެ އެވެ.

އެބިލް ސަރުކާރުން އަނބުރާ ގެންދިޔަ ނަމަވެސް، އެމުޒާހަރާތައް ފުޅާވެ، ގިނަ މީހުން ދަނީ ލީޑަރު ކެރީ ލާމްގެ އިސްތިއުފާއަށާއި ހޮންކޮންއަށް އިތުރު މިނިވަންކަން ދިނުމަށް ގޮވާލާ އަދިވެސް މުޒާހަރާ ކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް