އުންމީދުތައް އާސްމާނުގައި، ޕްރެޝަރާ ކެރިގެން ކުރިމަތިލާނަން: ސެގާޓް

ގައުމީ ޓީމުގެ ކޯޗާއި ކެޕްޓަން އިއްޔެ ނޫސްވެރިންނާ ބައްދަލު ކުރުމަށް ބޭއްވި ޕްރެސްގެ ތެރެއިން --- ފޮޓޯ// އެފްއޭއެމް

ވޯލްޑް ކަޕް ކޮލިފިކޭޝަންގައި މިއަދު ފިލިޕީންސާ ދެކޮޅަށް ރާއްޖެ ވަރުގަދަ މެޗަކަށް ނުކުންނަ އިރު ސަޕޯޓަރުންގެ އުންމީދުތައް އެތައް ގުނައަކަށް ބޮޑުވެފައިވާ ކަމަށާއި، އެހެނަސް ޕްރެޝަރާ ކުރިމަތިލާނީ ކެރިގެން ކަމަށް ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް ބުނެފި އެވެ.

އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ގައުމީ ޓީމުގެ ކޯޗު ސެގާޓް ބުނީ، ޒުވާން ކުޅުންތެރިންނާ އެކު ނުކުމެ ގައުމީ ފުޓްބޯޅަ ޓީމުން މިދިޔަ އަހަރު ސާފް ސުޒުކީ ކަޕް ކާމިޔާބުކުރުމުން ދިވެހިންގެ އުއްމީދުތައް މަތިވެ ފުޓްބޯޅައިގެ ފޯރި އިހުނެއް ވުރެން މާ ބޮޑަށް ވެސް ގަދަވެފައިވާ ކަމަށެވެ. އެހެން ނަމަވެސް އެކަމާ ގުޅިގެން ކޯޗަށް ބޮޑު ޕްރެޝަރެއް އޮތް ކަމަށާއި އެކަމާ ކުރިމަތިލާނެ ކަމަށް ސެގާޓް ވަނީ ބުނެފަ އެވެ.

ގައުމީ ޓީމުގެ ކޯޗާއި ކެޕްޓަން އިއްޔެ ނޫސްވެރިންނާ ބައްދަލު ކުރުމަށް ބޭއްވި ޕްރެސްގެ ތެރެއިން --- ފޮޓޯ// އެފްއޭއެމް

މިއަދަކީ ރާއްޖެއަށް މިފަހަރުގެ ކޮލިފިކޭޝަނުގައި އެންމެ މުހިއްމު އެއް މެޗެވެ. ތާވަލުގެ ތިންވަނައަށް ކުރަމުންދާ ހަނގުރާމާގައި މިއަދުގެ މެޗަކީ ރާއްޖެ އަދި ފިލިޕީންސަށް ވެސް ދޫ ދެވެން ނެތް މެޗެކެވެ. ދެ ޓީމުން ވެސް މެޗަށް ނުކުންނާނީ މެޗުން މޮޅެއް ހޯދުމަށް ނޫން އިތުރު ގޮތެއް ހޯދައިގެން ނޫނީ ނުފޭބުމަށެވެ.

ރާއްޖެ ތިން ޕޮއިންޓާ އެކު ހަތަރު ވަނާގައި އޮތްއިރު ފިލިޕީންސް އޮތީ އެއް ޕޮއިންޓް އިތުރަށް ހޯދައިގެން ހަތަރު ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. ތާވަލުގެ އެއް ވަނާގައި ނުވަ ޕޮއިންޓާ އެކު އޮތީ ސީރިއާ އެވެ. ދެ ވަނައިގައި އޮތީ ހަތް ޕޮއިންޓާ އެކު ޗައިނާ އެވެ. މި ގްރޫޕުގެ ތިން ވަނަ ހޯދާ ޓީމަކަށް ވެސް ކޮލިފައިވުމުގެ ފުރުސަތު އޮތުމުން ރާއްޖެ އާއި ފިލިޕީންސް މިއަދު ކުޅޭ މެޗު ވަރަށް ވެސް ފޯރިގަދަވާނެ އެވެ.

މެޗަށް ފޯރި އިތުރު ކުރުމުގެ ގޮތުން ސަރުކާރާއި އެފްއޭއެމް އަދި ސިޔާސީ ފަރާތްތައް ވެސް ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަމުން ދާ އިރު މިއަދުގެ މެޗަށް ކެތް މަދުވެފައި ތިބި ދިވެހިން ތިބީ ބޮޑު އުންމީދެއްގަ އެވެ.

"ވަރަށް ސާފު އެހެންނޫންތޯ. ސާފް މުބާރާތާއި މިހާރު ކުރިއަށްދާ ވޯލްޑް ކަޕު ކޮލިފިކޭޝަނުގައި ޓީމު ދެއްކި މޮޅު ކުޅުމާ އެކު އެންމެންގެ އުންމީދުތައް މަތިވެއްޖެ. އެންމެންގެ ތެރޭގައި ވެސް މިހާރު އޮތީ ޖޯޝާއި ފޯރި އުފެދިފައި. މިއީ ސަރުކާރާއި މީޑިއާ އަދި ކުޅުންތެރިންގެ ވެސް ބޮޑު ހިއްސާއެއް ވެގެން އުފެދުނު ފޯރިއެއް. އެއާ އެކު މިކަމުގެ ޕްރެޝަރާ ކުރިމަތިލާން ޖެހޭނީ ހަމަ ގައިމު ވެސް އަހަރެން. އަހަންނަށް ޕްރެޝަރު ދިނުމަކީ ރަނގަޅު ކަމެއް، ދިވެހިންނަށްޓަކައި މެޗުން ރަނގަޅު ނަތީޖާއެއް ނެރުމަށް އަހަރެން ވަރަށް މަސައްކަތް ކުރާނަން." ސެގާޓް ބުންޏެވެ.

ސެގާޓް ބުނީ، މިއަދުގެ މެޗަށް ނުކުންނަ ފިލިޕީންސް ޓީމަކީ ވަރަށް ވަރުގަދަ އޮގަނައިޒް ޓީމެއް ކަމަށެވެ. އަދި މެޗުގައި ފަށާނީ ކޮން ކުޅުންތެރިއެއްތޯ ބެލުން މުހިއްމު ނޫން ކަމަށެވެ. އެހެން ނަމަވެސް މިހާރު ޓީމުގެ އެޓޭކްގައި ބައިވަރު އޮޕްޝަންތަކެއް އެބަހުރި ކަމަށާއި އެއީ ލިބޭނެ ބޮޑު އެޑްވާންޓޭޖެއް ކަމަށެވެ.

"އަކުރަމް އާއި ހެލްމެޓް ސަމުއްޓޭ، އާއެކު މިހާރު އަހަރެންގެ މިއޮތީ ވަރަށް ރަނގަޅު ޑިފެންސެއް، މެޗަށް އިހްތިޔާރު ކުރާނެ ޑިފެންޑަރުންނަކީ ކޮބައިކަން ވެސް އަހަންނަށް އުނދަގޫ، އެހެން ނަމަވެސް ހަމަގައިމު ވެސް އަކޫ ކުޅޭނެ، މާދަމާ މެޗުގައި ނަތީޖާ ނެރުމުގައި ވަރުގަދައަށް ޑިފެންސް ކުރުމަކީ މުހިންމު ކަމަކަށް ވެގެންދާނެ."

ރާއްޖޭން މާދަމާ އިދިކޮޅަށް ނުކުންނަ ފިލިޕީންސަކީ ރާއްޖެއެކޭ އެއްފަދައިން އޭޝިއާގެ މެދު ފަންތީގެ ގައުމެކެވެ. އެކަމަކު އެ ޓީމުގައި ޔޫރަޕުގައި ކުޅޭ ގިނަ ކުޅުންތެރިން މި ވަގުތު ތިބުމާ އެކު ފެންވަރު ވަނީ ރަނގަޅުވެފަ އެވެ. ސެގާރޓް ބުނީ މި މެޗު ކޮންމެ ގޮތަކަށް ނިމުނަސް އަދި އެހިސާބުން ނުނިމޭނެ ކަމަށާއި އެންމެ ފަހު މެޗަކީ ޑިސައިޑިންގް މެޗު ކަމަށެވެ.

comment ކޮމެންޓް