އިންސާފުން ޝަރީއަތް ކޮށްފިނަމަ އަޅުގަނޑު ގައިގައި އަތް ނުލެވޭނެ: ޔާމީން

ޕީޕީއެމް-ޕީއެންސީއިން މީގެ ކުރިން ބޭއްވި އެއްވުމެއްގައި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންސާފުވެރި ޝަރީއަތެއް ކޮށްފިނަމަ އެމަނިކުފާނު ކުށްވެރިނުވާނެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ މަނީ ލޯންޑަރިންގެ ދައުވާއެވެ. އެ ދައުވާ ކުރަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއްމިލިއަން ޑޮލަރުގެ އަސްލު އޮޅުވާލިކަމުގެ ތުހުމަތުގައެވެ. އެ މައްސަލަ ބަލަމުން ދިޔަ ގާޒީ އަހުމަދު ހައިލަމް މިހާރު ސަސްޕެންޑުކޮށްފައިވާއިރު، ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަ ބަލަން ބެންޗެއް އެކުލަވާލައިފައެވެ.

ޕީޕީއެމްއިން މިރޭ ބޭއްވި "މަވެސް ޕީޕީއެމް" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނަކީ ތަނަވަސް ބޭފުޅެއް ކަމަށެވެ. އަދި ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިންވެސް އެމަނިކުފާނުގެ އަތުގައި އެއް މިލިއަން ޑޮލަރަށް ވުރެ ގިނައިން ފައިސާ ހުންނާނެކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، އެއް މިލިއަން ޑޮލަރު ނެގި ކަމަށް ދައުލަތުން ތުހުމަތު ކުރި ނަމަވެސް، ހަގީގަތުގައި އެމަނިކުފާނުގެ އެކައުންޓަށް ހިޔާނާތުގެ ފައިސާ ވަން ނަމަ އެންމެ ގިނައިވެސް ވަދެފައި ހުންނާނީ ގާތްގަނޑަކަށް 19،000 ޑޮލަރު ކަމަށެވެ.

ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވި ކަމަށް ޕީޖީއިން ތުހުމަތުކުރާ ނަމަވެސް، އެމަނިކުފާނުގެ ވަކީލުން ދިފާއުގައި ބުނަމުން ދަނީ، އެމަނިކުފާނުގެ އެކައުންޓަށް އެސްއޯއެފްގެ އެކައުންޓުން ފައިސާ ޖަމާވުމުގެ ކުރިން އެސްއޯއެފްގެ އެކައުންޓުން ހިންގި ޓްރާންސެކްޝަންތަކަށް ބަލާއިރު، އެންމެ ގިނަވެގެންވެސް އެމަނިކުފާނުގެ އެކައުންޓަށް ވަދެފައި ހުންނާނީ އެމްއެމްޕީއާރްސީގެ 19،000 އެއްހާ ޑޮލަރު ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމަނިކުފާނު ފައިސާތަކެއް ވަގަށް ނަގަންޖެހޭ ސަބަބެއް ނެތެވެ. އެ އަދަދެއްގެ ފައިސާއަށްޓަކައި އެމަނިކުފާނުގެ އެފަދަ ކުށެއް ނުކުރާނެކަން ރަނގަޅަށް ވިސްނައިފިނަމަ ދިވެހި ރައްޔިތުންނަށް އެނގޭނެކަމަށްވެސް ވިދާޅުވިއެވެ.

"އަދުލުވެރިކަމާއި އިންސާފަށް ލޯބިކުރާ ކަމަށް ވަންޏާ، ބުއްދީގެ ހަމަތަކަށް ގަބޫލުކުރާ ކަމަށް ވަންޏާ ދިވެހި ރައްޔިތުން ގަބޫލެއް ނުކުރާނެ ދިވެހިރާއްޖޭގައި ފަސް އަހަރު ވީއިރު އަޅުގަނޑާ ދޭތެރޭގައި ގާނޫނީ ގޮތުން އިނގިއްޔެއް ހިއްލާ ނުލެވި އޮތް އިރު އަޅުގަނޑު އެވަރުގެ ކަމެއްކޮށްފާނެ ކަމަށް،" ރައީސް ޔާމީން ވިދާޅުވިއެވެ.

އަދި އިންސާފުވެރި ޝަރީއަތަކުން އެމަނިކުފާނު ކުށްވެރި ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އިންސާފުވެރި ޝަރީއަތެއް ކޮށްފިއްޔާ ރައީސް ޔާމީންގެ ގައިގައި އަތެއް ނުލެވޭނެ. އެއީކީ ވާނެ ކަމެއްނޫން،" ރައީސް ޔަމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ޝަރީއަތް ނިމޭނެ ގޮތާމެދު ކަންބޮޑުނުވާ ކަމަށެވެ. އެކަމަކު، މުއްސަސާތަކުގައި މިއަދު ތިބީ ދުނިޔޭގެ ދަޅައަށް ހެއްލޭ މީހުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ފަނޑިޔާރުންވެސް މިހާރު ނުފޫޒު ފޯރުވާ މިންވަރު ފެންނަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ޝަރީއަތް މީގެ ކުރިން ބައްލަވަމުން ގެންދެވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމްއެވެ. ހައިލަމް އެ މައްސަލައިގައި ހުކުމް އިއްވަން ތައްޔާރުވެފައި ވަނިކޮށް، ޖޭއެސްސީއިން ވަނީ އޭނާ ސަސްޕެންޑުކޮށްފައެވެ. މިހާރު ރައީސް ޔާމީންގެ އެދިވަޑައިގަތުމުގެ މަތިން އެމަނިކުފާނުގެ މައްސަލަ ބައްލަވަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ބެންޗެއް ވަނީ އެކުލަވާލައިފައެވެ. އެކަމަކު، އެ މައްސަލަ އަލުން ފަށައިގެން ބަލާނީ ކަމެއް ނުވަތަ ހުކުމް އިއްވާނީ ކަމެއް އަދި ކްރިމިނަލްކޯޓުން އަދި ސާފުކޮށްދީފައި ނުވެއެވެ.

comment ކޮމެންޓް