މިހާރު ގާޒީންނަށް ނުފޫޒުފޯރުވަމުން ދަނީ ފާޅުގައި: ޔާމީން

ޕީޕީއެމްއިން މިރޭ ބޭއްވި މަވެސް ޕީޕީއެމް ޖަލްސާގެ ތެރެއިން -- ސަން ފޮޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މިހާރު ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަމުން ދަނީ ފާޅުގައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއިން މިރޭ ބޭއްވި މަވެސް ޕީޕީއެމް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ޝަރީއަތް ނިމޭނެ ގޮތާމެދު ކަންބޮޑުނުވާ ކަމަށެވެ. އެކަމަކު، މުއްސަސާތަކުގައި މިއަދު ތިބީ ދުނިޔޭގެ ދަޅައަށް ހެއްލޭ މީހުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ފަނޑިޔާރުންވެސް ނުފޫޒުގައި ނުޖެހޭނެއޭ ވިދާޅުނުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު ނުދަންނަވާނަން، ފަނޑިޔާރުން އެކަން ކުރައްވާނެ ކަމަކަށް އެގޮތަކަށް. އެހެންނަމަވެސް، ފަނޑިޔާރުންނަށް ނުފޫޒު އަންނަ މިންވަރު އަޅުގަނޑުމެންނަށް ފެނިގެން މި ދިޔައީ. ފާޅުގައި، ފާޅުގައި މިކަން ފެނިގެން މިދިޔައީ. އެކަމަކު މިއޮތީ ޑިމޮކްރެެސީ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، ފަނޑިޔާރުންގެ މައްސަލަތައް ނިންމަން މިހާރު ޖޭއެސްސީގައި ތިބީ ކިހާ ތާހިރު ބައެއްތޯ ހިތައް އަރާވަޑައިގަންނަވާ ކަމަށެވެ. މިސާލެއްގެ ގޮތުގައި ނެންގެވީ، ރައީސް ނަޝީދެވެ. ރައީސް ނަޝީދުގެ "އެ ފުށް މި ފުށް" އެނގޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޖޭއެސްސީގައި "ސަހަލު އެކަކުވެސް" ނެތް ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީގެ ސަރުކާރުގައި މީގެ ކުރިން ކަންތައްތައް ވެފައިވާ ގޮތާ ބެހޭގޮތުންވެސް ޔާމީން ވާހަކަފުޅު ދެއްކެވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ރައީސް ނަޝީދުގެ ސަރުކާރުވެސް ވެއްޓުނީ ކްރިމިނަލް ކޯޓުގެ އިސްގާޒީއަށް ނުފޫޒު ފޯރުވަން އުޅުމުންނެވެ.

"ރައީސް ނަޝީދުގެ ވެރިކަން ވެއްޓުނީވެސް ކްރިމިނަލް ކޯޓުގެ އިސްގާޒީއާ ތޮޅިގެން އޭރު. މިފަހަރުވެސް އިއްތިފާގުން މިވީ ޖިނާއީ ކޯޓުގެ އިސް ފަނޑިޔާރާ ތޮޅުން،"

ރައީސް ޔާމީން އެހެން ވިދާޅުވި އިރު، އެމަނިކުފާނުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވަމުން ގެންދެވި ގާޒީ އަހުމަދު ހައިލަމް ވަނީ ހުކުމް އިއްވުމުގެ ކުރިން ސަސްޕެންޑުކޮށްފައެވެ. އަދި މިއަދު ޖޭއެސްސީއިން ވަނީ ސުޕްރީމްކޯޓުގެ ދެ ފަނޑިޔާރަކު ސަސްޕެންޑުކޮށް، މަގާމުން ވަކި ކުރަން މަޖިލީހަށް ފޮނުވައިފައެވެ. އެ ދެ ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީއާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲއެވެ.

comment ކޮމެންޓް