ވާރޭ ވެހޭ ދުވަސްދުވަހު މެމްބަރުން އޮފީހަށް ދާން ކާރެއް ބޭނުންވޭ: ވަޒީފާ ޓްރައިބިއުނަލް

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރުން އަދި އެ ޓްރައިބިއުނަލްގެ ރައީސް މުހައްމަދު ޒާހިރު (މ) --- ފޮޓޯ/ މަޖިލިސް

އޮފީހުގައި ވެހިކަލެއް ނެތުމުން މުވައްޒަފުންނަށް ދަތިތަކެއް ކުރިމަތިވާ ކަމަށާއި، އޮފީހުގެ ބޭނުމަށް ވެހިކަލެއް ހަމަޖައްސައިދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް މުހައްމަދު ޒާހިރު، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި އެދިވަޑައިގެންފިއެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅި ދައުލަތުޖެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީން ރޭ ވަނީ ބަޖެޓާ ގުޅޭ ގޮތުން ވަޒީފާއާ ބެހޭ ޓްރަބިއުނަލްގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި ޓްރަބިއުނަލްގެ ރައީސް ޒާހިރު ވަނީ އެ އޮފީހުގެ ކަންބޮޑުވުންތައް ހިއްސާ ކުރައްވާފައެވެ.

ޒާހިރު ވިދާޅުވީ، މިހާރު ބަޖެޓުގައި ޓްރަބިއުނަލްއަށް ކަނޑައަޅާފައިވަނީ އެ އޮފީހުން އެދުނު ވަރަށް ވުރެ ބޮޑު ބަޖެޓެއް ކަމަށާއި ނަމަވެސް އަދިވެސް އެއީ އެންމެ އެކަށީގެންވާ މިންވަރުގެ ބަޖެޓެއް ނޫން ކަމަށެވެ. އެ ބަޖަޓަކީ ކުރިން އެ މުއައްސަސާ ހިންގުމަށް ތިބެވި ފަރާތްތަކުން ފިނޭންސް މިނިސްޓްރީއަށް ފޮނުވި ބަޖެޓެއް ކަމަށްވެސް ޒާހިރު ވިދާޅުވިއެވެ.

ޒާހިރު ވިދާޅުވީ ޓްރައިބިއުނަލަށް ކާރެއް ބޭނުންވާ ކަމަށާއި، ވާރޭ ވެހޭ ވަގުތުތަކުގައި ޓްރައިބިއުނަލްގެ މެމްބަރުން ތަންތަނަށް ހާޒިރުވާންޖެހެނީ ވާރޭ ތެރޭގައި ކުޑައެއް ނަގައިގެން ކަމަށެވެ. ޒާހިރު ވިދާޅުވީ، އަޑުއެހުންތައް ކެންސަލް ކޮށްފިނަމަ ދެން އަޑުއެހުމަށް ތާވަލުކުރެވޭނެ ތަރީހެއް ނޭނގޭ ކަމަށާއި އަނެއްކާވެސް ޝަރީއަތްތައް ދިގު ދެމިގެންދާ ކަމަށެވެ. އެކަންކަން ހައްލުވާނީ ކާރެއް ލިބުމުންކަމަށް ޒާހިރު ވިދާޅުވިއެވެ.

"ޗިޓު ބަހާ މުވައްޒަފުން ނުވަތަ ސަޕޯޓު މުވައްޒަފުންނަށް އުޅަނދެއް ނުދެވޭ. އުޅަނދަށް ޕެޓްރޯލް ފީއެއްގެ ގޮތުގައި 200 ރުފިޔާ ދޭން ޖެހެނީ،" ޒާހިރު ވިދާޅުވިއެވެ.

ޒާހިރު އެގޮތަށް ވިދާޅުވުމުން ވިލުފުށީ ދާއިރާ މެމްބަރު ހަސަން އަފީފު ސުވާލު ކުރެއްވީ، މައްސަލަތަކުގެ ޝަރީއަތްތަކުގެ އަޑުއެހުމަށް މެމްބަރުން އެހެން ތަންތަނަށް ވަޑައިގަންނަވަން ޖެހެނީތޯއާއި ކާރެއް ބޭނުންވަނީ ކީއްވެގެންތޯއެވެ.

ޖަވާބުގައި ޒާހިރު ވިދާޅުވީ، ޓްރަބިއުނަލްގެ އަޑުއެހުނަތައް އޮންނަނީ އެ އޮފީހުގައި ކަމަށާއި ނަމަވެސް އެކި މެމްބަރުން ދިރިއުޅެން ޖެހެނީ އެކި ތަންތާގައި ކަމުން ވަރޭ ވެހޭ ދުވަހެއްގައިނަމަ އޮފީހަށް އައުމަށްވެސް ދަތިތަކެއް ކުރިމަތިވާ ކަމަށެވެ.

"އަޅުގަނޑަށް އަމިއްލަ ކާރުގައިވެސް ދެވިދާނެ، ނުވަތަ ކުޑައެއް ނަގައިގެންވެސް. އަޅުގަނޑުގެ ޝަކުވާއެއް ނެތް. އެހެން ނަމަވެސް މެމްބަރުންގެ ޝަކުވާ އެބަހުރި އެގޮތަށް. ވާރޭ ވެހޭ އިރު ސައިކަލުގައި ދާން ބިރުގަނޭ. ކަހާލުމުގެ ފުރުސަތު އޮތީމަ. [މިއީ] ވެފަ ހުރި ކަންކަން. އަޅުގަނޑަވެސް އެހެން ވެފައި އެބަހުރި. ވެލިޑް ކޮންސާން އެއީ،"

ޒާހިރު އެހެން ވިދާޅުވުމުން، ކޮމިޓީ މެމްބަރު އަދި ދާންދޫ ދާއިރާ މެމްބަރު، ޔައުގޫބު އަބްދުﷲ ވިދާޅުވީ، ވަރަށް ގިނަ މުއައްސަސާތައް ދައުުލަތުގެ އެބަހުރި ކަމަށާއި އެގޮތަށް މުއައްސަސާތަކަށް ވެހިކަލް ދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކޭ ކަމަށެވެ.

"އަޅުގަނޑަށް ވެހިކަލެއް ހަމަޖެއްސުމަކީ އެހާ ދެކޮޅު ޖެހޭ ކަމެއް ކަމަށް ނުފެންނާތީވެ. އެހެންނޫނީ ކޮންމެ މުއައްސަސާއަކުންވެސް ކޮންމެ މެމްބަރަކަށް ވެހިކަލްގެ ރިކުއަސްޓް އައިސްދާނެ،" ޔައުގޫބު ވިދާޅުވިއެވެ.

ބަޖެޓުގެ ތާށީކަން އިތުރަށް ކިޔައިދެއްވަމުން ޒާހިރު ވިދާޅުވީ، މިއަހަރު ދީފައިވާ ބަޖެޓުންވެސް ހާއްސަ މުނާސަބަތުތަކާ ގުޅިގެން މުވައްޒަފުނަށް ސައި ދޭނެ ފައިސާ އެއްވެސް ނޯންނަ ކަމަށެވެ. އެގޮތުން އެންމެ ފަހުން ފާހަގަކުރި ޖުމްހޫރީ ދުވަހުވެސް މުވައްޒަފުންނަށް ސައި ދޭން ޖެހުނީއޭނާގެ އަމިއްލަ ޖީބުންކަމަށް ފާހަގަކުރެއްވިއެވެ.

"މުވައްޒަފުން ހިތްހަމަޖައްސައިދިނުމަކީވެސް އަޅުގަނޑުމެންގެ ޒިންމާއެއް. ޓްރަބިއުނަލްގެ ރައީސްގެ ހައްސިއްޔަތުންވެސް އަޅުގަނޑު ދެކެނީ އަމިއްލަ ޖީބުން ހަރަދުކޮށްގެން ވިޔަސް މުވައްޒަފުންގެ ސެޓިސްފެކްޝަން ރަނގަޅު ކުރެއްވިޖެނަމަ ރަސްމީ މަސައްކަތްތަކަށް ފަހި މައުހަލެއް ފަހިވެގެންދާނެ ކަމަށް،" ޒާހިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިއަހަރު ބަޖެޓުގައި މިހާރު ހުރީ 450،000 ރުފިޔާ ކަމަށެވެ. ކޮންމެ މަހަކު އޮފީހުގެ ކުއްޔަށް 156،000 ރުފިޔާ ހަރަދު ކުރަން ޖެހުމަކީވެސް ތަކުލީފެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި އެ މުއައްސަސާގެ އޮނިގަނޑަށް އައި ބަދަލާއެކު މުވައްޒަފުން އިތުރު ވެގެންދާނެތީވެ، އެ މުވައްޒަފުން މަސައްކަތްކުރާނެ ޖާގައެއްވެސް ނެތްކަމަށް ޒާހިރު ވިދާޅުވިއެވެ. އޭގެ އިތުރުން ވޭތުވެދިޔަ ހަތް އަހަރު މުވަޒަފުންގެ މުސާރައަށް ބަދެލެއް އައިސްފައި ނުވާކަމުގެ ކަންބޮޑުވުންވެސް ޒާހިރު އުފުލާފައިވެއެވެ.

މިދިޔަ އަހަރުގެ އެ މުއައްސަސާއަށް ހުށަހެޅުނު 241 މައްސަލައިގެ ތެރެއިން މިހާރު ނުނިހުރީ 19 މައްސަލަ ކަމަށް ޒާހިރު ވިދާޅުވިއެވެ. އަދި މިއަަހަރު ހުށަހެޅި 252 މައްސަލަ ތެރެއިން ނުނިމި ހުރީ 187 މައްސަލަ ނުނިމިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް