ދެ ފަނޑިޔާރުން ވަކި ކުރުމުގެ މައްސަލަ މާދަމާ ޖަލްސާ އެޖެންޑާކޮށްފި

އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ އަދި ފަނޑިޔާރުން އާދަމް މުހައްމަދު --- ސަންފޮޓޯ/

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ވަކިކުރަން ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމި ނިމުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާގައި ހިމަނައިފިއެވެ.

މަޖިލީހުގެ މާދަމާގެ ޖަލްސާގައި ދެ ފަނޑިޔާރުން ވަކިކުރާ މައްސަލަ އެޖެންޑާކޮށްފައި ވަނީ މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ތެރޭގައެވެ.

ޖޭއެސްސީން މިއަދު ވަނީ އުއްތަމަފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީއާއި ސުޕްރީމް ކޯޓުިގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ 60 ދުވަހަށް ސަސްޕެންޑުކުރުމަށް ނިންމާފައެވެ.

އަދި އެ ދެ ބޭފުޅުން ވަކިކުރުމަށް ނިންމައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީވެސް މިއަދުއެވެ.

ޖޭއެސްސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އުއްތަމަ ފަނޑިޔާރު އަދި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ ސުލޫކީ މައްސަލަތަކެއް އެ ކޮމިޝަނުން ތަހުގީގު ކުރި އިރު ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމު ކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލުތައް އެ ފަނޑިޔާރުން ކޮށްފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

https://sun.mv/127222

"އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދުގެ މައްޗަށް ތަހުގީގު ކޮމިޓީއަށް ސާވިތުވެފައިވާ ކަންތައްތަކަކީ ގާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ފަނޑިޔާރު ކަމުގެ މަގާމާ އެކަށީގެން ނުވާ ފަދަ އަމަލުތަކަކަށް ވުމުން އެ ދެފަނޑިޔާރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމައިފިން." ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން އުއްތަމަ ފަނޑިޔާރު އަދި ފަނޑިޔާރު އާދަމް މުހައްމަދު 60 ދުވަހަށް ސަސްޕެންޑް ކުރުމަށްވެސް ޖޭއެސްސީއިން މިއަދު ވަނީ ނިންމާފަ އެވެ. އެގޮތަށް ނިންމާފައިވަނީ އެކޮމިޝަނުން ތަހުގީގު ކުރި މައްސަލަތަކުގެ ބާވަތަށް ބަލައި ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.

ސުޕްރީމް ކޯޓުގެ އިތުރު ދެ ފަނޑިޔާރެއްގެ މައްސަލަވެސް ޖޭއެސްސީއިން ތަހުގީގުކުރަމުން ދާ ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.

comment ކޮމެންޓް