އިންޑިއާގެ އެހީގައި ދެ ރަށެެއްގައި އައިސްޕްލާންޓު ބަހައްޓަނީ

ދެ ރަށެެއްގައި އައިސްޕްލާންޓް ބަހައްޓަން ވީއޭއެމްކޯއާ އެކު ވެވެނު އެއްބަސްވުމުގެ ތެރެއިން--- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

އިންޑިއާގެ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދެ ރަށެެއްގައި އައިސްޕްލާންޓް ބަހައްޓަން ނިންމައިފިއެވެެ.

ކ. ގާފަރާއި ރ. މަޑުއްވަރީގައި ދެ އައިސްޕްލާންޓް ގާއިމުކުރުމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިވެސްކޮށްފައެވެ.

މިއީ ރާއްޖޭގެ މަސްވެރިކަން ކުރާ އުޅަނދުތަކަށް ބޭނުންވާ އައިސް އުފެއްދުމުގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ރާއްޖޭގެ އެކި ހިސާބުތަކުގައި ޤާއިމްކުރުމަށް ނިންމާފައިވާ އައިސްޕްލާންޓްތަކުގެ ތެރެއިން ހަރުކުރާ ޕްލާންޓްތަކެކެވެ.

ކުރިން ދެންނެވި ދެ ރަށުގައި ގާއިމުކުރަން ނިންމާފައިވަނީ 25 ޓަނުގެ އައިސްޕްލާޓުތަކެކެވެ.

ބީލަމުގެ އުސޫލުން އެ ޕްލާންޓުތައް ހަރުކުރުމަށް ހަވާލުކުރީ ވީއޭއެމް އެންޑް ކޯ ޕްރައިވެޓް ލިމިޓެޑާއެވެ. އެކަމާ ގުޅޭ އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޑރ. އައިމިނަތު ޝާފިއާއެވެ. ވީއޭއެމް އެންޑް ކޯ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގް ޑައިރެކްޓަރ މުޙައްމަދު ޒުބައިރުއެވެ.

މިޕްރޮޖެކްޓް ވީއޭއެމް އެންޑް ކޯ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ ފަސް މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ.

ޖުމްލަ 7.99 މިލިއަން ރުފިޔާގެ މި ޕްރޮޖެކްޓް ނިމުމުން މެދު ރާއްޖެތެރެއާއި އުތުރުގެ މަސްވެރިންނަށް، ހާއްސަކޮށް މި އައިސްޕްލާންޓްތައް ގާާއިމުކުރެވޭ އަތޮޅުތަކުގެ މަސްވެރިންނަށް ބޭނުންވާ އައިސް ހޯދުމުގައި މިވަގުތު ހުރި ދަތިތަކަށް ހައްލެއް ލިބޭނެކަމަށް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް