އިސްލާމިކް ޔުނިވާސިޓީގެ ބަޖެޓަށް 35 މިލިއަން ރުފިޔާ އިތުރުކޮށްދޭން އެދިއްޖެ

އޮކްޓޫބަރ 30، 2019: ރައްޔިތުން މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީއަށް އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޓިވިސް(އައިޔޫއެމް)ގެ އިސްވެރިން ހާޒިރުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ އަހަރަށް އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އަށް ކަނޑައަޅާފައިވާ ބަޖެޓަށް 35 މިލިއަން ރުފިޔާ އިތުރުކޮށްދިނުމަށް އެ ޔުނިވާސިޓީން އެދިއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ބެޖެޓް ކޮމެޓީގައި ވާހަކަ ދައްކަވަމުން އައިޔޫއެމްގެ ވައިސް ޗާންސެލާ އިބްރާހިމް ޒަކަރިއްޔާ މޫސާ ވިދާޅުވީ އަންނަ އަހަރު އައިޔޫއެމްގެ ބަޖެޓެއްގެ ގޮތުގައި މިހާތަނަށް ކަނޑައަޅާފައި އޮތީ 43 މިލިއަން ރުފިޔާ ކަމަށެވެ.

މިހިނގާ 2019 ވަނަ އަހަރަށް އައިޔޫއެމްއަށް ދީފައިވަނީ 42 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ޒަކަރިއްޔާ ވިދާޅުވީ އަންނަ އަހަރު އައިޔޫއެމްއަށް ލިބޭ އާމްދަނީގެ ތެރެއިން ބަޖެޓުގެ 22 ޕަސެންޓް އެ ޔުނިވާސިޓީއަށް އަމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން ޑިގްރީ އަދި މާސްޓާސް އަދި އެ ޔުނިވާސިޓީން ހިންގާ އެކިއެކި އެހެން ކޯސްތަކުން އާމްދަނީ ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޒަކަރިއްޔާ ވަނީ އިތުރަށް ބަޖެޓު ބޭނުންވާ ސަބަބުތައްވެސް ކޮމިޓީގައި ކިޔައިދެއްވާފައެވެ.

އޭގެ ތެރޭގައި އިތުރު ހަ ކްލާސްރޫމް އެޅުން، އޮފީސް ބްލޮކެއް އެޅުން ގުދަނެއް ހެދުން، ދެ ލާނިން ސެންޓަރު ހެދުން، އިތުރު ފެކަލްޓީތައް ހެދުން، ފަޔާ އެލާމް ސިސްޓަމް ގާއިމުކުރުން، ސީސީޓީވީ ކެމެރާ ހަރުކުރުން އަދި ހުޅުމާލެއިން އަލަށް ހޯދި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުން ހިމެނެއެވެ.

" ސެންޓާ ފޯ އެގްޒެމިނޭޝަން އެންޑް އިވެލުއޭޝަން ޑިޕާޓްމަންޓެއްވެސް އަޅަން ބޭނުން. ބޭނުމަކީ ޔުނިވާސިޓީގެ އިމްތިހާންތައް މޮނީޓާކުރުމާއި ޕަބްލިކްއެގްޒޭމްގެ ތެރެއިންވެސް ހާއްސަކޮށް އަރަބިބަހުގެ ޕްރޮގްރާމްތައް މޮނީޓާކުރުން." ޒަކަަރިއްޔާ ވިދާޅުވިއެވެ.

https://sun.mv/126610

ސަރުކާރުގެ ބަޖެޓަށް ބަރޯސާވުން ކުޑަކުރުމަށް އައިޔޫއެމްއިން ދާދި ފަހުން ވަނީ ހުޅުމާލޭގައި ބޮޑު ބިމެއްވެސް ގަނެފައެވެ. އަދި އެ ބިން ވަގުފުކޮށް އިމާރާތެއް އަޅައި ވިޔަފާރީ އުސޫލުން އެތަން ކުއްޔަށް ދީގެން އާމްދަނީ އިތުރުކުރަންވެސް ވަނީ ނިންމައިފިއެވެ.

ބަޖެޓު ކޮމިޓީގެ ރިޔާސަތުގައި އިންނެވި މުގައްރިރު ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު ވިދާޅުވީ އައިޔޫއެމްއިން ބަޖެޓު އިތުރުކުރުމަށް ހުށަހެޅި ކަންކަމމާ މެދު މަޝްވަރާކޮށްފައި ގޮތެއް ނިންމާނެ ކަމަށެވެ.

ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް، މަޖިލީހަށް ހުށަހަޅާފައިވަނީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

comment ކޮމެންޓް