ރާއްޖޭގެ އެކައުންޓިންގްގެ ބައްޕަގެ ލަގަބު އިސްމާއިލް ފަތުހީއަށް

ކުރީގެ އޮޑިޓަރ ޖެނެރަލް އިސްމާއިލް ފަތުހީ -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގައި އެކައުންޓިންގް ދާއިރާއަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްދެއްވި ކުރީގެ އޮޑިޓަރ ޖެނެރަލް އިސްމާއިލް ފަތުހީއަށް ލައިފްޓައިމް އެޗީވްމަންޓް އެވޯޑާއި، ރާއްޖޭގެ އެކައުންޓިންގް ދާއިރާގެ ބައްޕަގެ ލަގަބު އަރުވައިފިއެވެ.

ބައިނަލްއަގުވާމީ އެކައުންޓިންގް ދުވަސް ފާހަގަކުރުމަށް އެމްއެންޔޫ ބިޒްނަސް ސްކޫލުގައި މިއަދު ޖަލްސާއެއް ބޭއްވި އިރު، އެ ޖަލްސާގައި ފަތުހީއަށް އެވޯޑު ހަވާލުކޮށްދެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.

އާލާސްކަންފުޅެއްގައި އުޅުއްވާތީ ފަތުހީގެ ފަރާތުން އެވޯޑާ ހަވާލުވެލެއްވީ އޭނާގެ ދަރިކަލުން މުހައްމަދު ފަތުހީއެވެ.

1993 ނޮވެމްބަރުން ފެށިގެން 2008 ގެ ޖެނުއަރީ 16 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ އޮޑިޓަރ ޖެނެރަލްގެ މަގާމު އަދާކުރެއްވި އިސްމާއިލް ފަތުހީ އެކައުންޓިންގް ދާއިރާ ފުޅާކޮށް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވިއެވެ.

ބައިނަލްއަގުވާމީ އެކައުންޓިން ދުވަސް ފާހަގަކުރުމަށް އޮޑިޓް އޮފީހުން ބޭއްވި ރަސްމިއްޔާތުގައި ލައިފްޓައިމް އެޗީވްމަންޓް ލިބިވަޑައިގެންނެވި އިސްމާއިލް ފަތުހީގެ އެވޯޑާ އޭނާގެ ދަރިކަލުން ހަވާލުވެވަޑައިގަންނަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެގޮތުން ފާހަގަކޮށްލެވޭ ބައެއް ޚިދުމަތްތަކުގެ ތެރޭގައި ދައުލަތުގެ ފައިސާ ބެލެހެއްޓުމުގެ ނިޒާމު ޒަމާނީ ގޮތަށް އެކުލަވާލުމާއި ރާއްޖޭގައި ބުކްކީޕިންގް ދިވެހި ބަހުން ކިޔަވައިދެއްވަން ފެއްޓެވުމުގެ އިތުރުން އަތޮޅުތަކުގައި ދައުލަތުގެ މާލީ މަސައްކަތްތައް ކުރާ ފަރާތްތައް މާލެއަށް ގެނެސް، ތަމްރީނު ދެއްވުން ހިމެނެ އެވެ.

އުމުރުފުޅުން 78 އަހަރުގެ ފަތުހީއަކީ ދިވެހި މަރުކަޒީ ބޭންކުގެ ހިންގުމުގެ ނިޒާމު ބައްޓަން ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅާވެސް މެއެވެ.

46 އަހަރަށްވުރެ ދިގު މުއްދަތަކަށް ސަރުކާރަށް ހިދުމަތްތަކެއް ކޮށްދެއްވި އިސްމާއިލް ފަތުހީއަށް 2013 ވަނަ އަހަރު ވަނީ ނިޝާން އިއްޒުއްދީނުގެ އިއްޒަތްވެސް ދައުލަތުން އަރުވާފައެވެ.

ބައިނަލްއަގުވާމީ އެކައުންޓިން ދުވަސް ފާހަގަކުރުމަށް އޮޑިޓް އޮފީހުން ބޭއްވި ރަސްމިއްޔާތުގެ ތެރއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެކައުންޓިންގ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ފިނޭންސް މިނިސްޓަރު އަމީރުގެ އިތުރުން އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތުއާއި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ޖަލްސާގައި "ޝޭޕިންގް ދަ އެކައުންޓިންގ ޕްރޮފެޝަން" މައުޟޫއަށް ޕެނަލް ޑިސްކަޝަންއެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެސިސްޓެންޓް އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ މޮޑަރޭޓްކޮށްދެއްވި އެ ޕެނަލް ޑިސްކަޝަންގައި ބައިވެރިވި ބޭފުޅުންނަކީ

  • ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް
  • ކްރައުން ކޮމްޕެނީގެ ޑިރެކްޓަރ އާދަމް ސަލީމް
  • އެމްއެންޔޫ ބިޒްނަސް ސްކޫލުގެ ލެކްޗަރަރ އަލީ އަޚްމަތީ
  • ކްރޯވް މޯލްޑިވްސްގެ މެނޭޖިންގް ޕާޓްނަރު ހަސަން މުހައްމަދު
  • ކޮމްޕްލެކްސް ޑިރެކްޓަރ އޮފް ފިނޭންސް، މެރިއޮޓް އިންޓަނޭޝަނަލް މާލިކު މުހައްމަދު

މިއަދު ބައިނަލްއަގުވާމީ އެކައުންޓިންގް ދުވަސް ފާހަގަކުރަމުންދާއިރު، ރާއްޖޭގައި މި ދުވަސް ފާހަގަކުރާ މިއީ ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް