ބަސް އެކްސިޑެންޓުވި މަންޒަރު ފެނުނު މީހުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެ

އެކްސިޑެންޓް ހިނގި ސަރަހައްދު --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ރޭ ހުޅުމާލޭގައި އެމްޓީސީސީގެ ބަހަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުވި މަންޒަރު ފެނުނު މީހުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެއެވެ.

ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން މިއަދު ބުނީ އެކްސިޑެންޓުވި މަންޒަރު ފެނުނު ފަރާތެއް ވާނަމަ ފުލުހުންގެ ނަންބަރު 9911099 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުން އެދޭ ކަމަށެވެ.

ރޭ އެކްސިޑެންޓު ހިނގާފައި ވަނީ 22:40 ހާއިރު ހުޅުމާލެ ނިރޮޅުމަގުން އައިސް ބްރިޖު ހައިވޭ އަށް އަރާ ހިސާބު، ބަސް ޓާމިނަލް ކައިރިންނެވެ.

މި އެކްސިޑެންޓުގައި ސައިކަލް ފަހަތުގައި އިން 12 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ވަނީ ނިޔާވެފައެވެ. ސައިކަލް ދުއްވަން އިން އެކުއްޖާގެ މަންމައަށް މާބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މި އެކްސިޑެންޓާ ގުޅިގެން އެމްޓީސީސީން ބުނެފައި ވަނީ އެކްސިޑެންޓު ހިނގިކަން ޑްރައިވަރާއި ބަސް ކޮންޑަކްޓަރުގެ އިތުރުން ބަހުގައި ތިބި ފަސިންޖަރުންނަށް ވެސް ނޭނގޭ ކަމަށެވެ. އަދި ބަހުގައި ކޫރުމެއް ވެސް އެޅިފައި ނުވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެކްސިޑެންޓާ ގުޅިގެން ފުލުހުން އަންނަނީ ބަސް ދުއްވަން އިން މީހާ ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް