ޖޭއެސްސީގެ ރައީސްކަމަށް ހިސާން އައްޔަނުކޮށްފި

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން -- ފޮޓޯ/ މަޖިލިސް

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ރައީސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު، އަދި މަޖިލީހުން ޖޭއެސްސީއަށް ކަނޑައަޅާފައި ހުންނެވި މެމްބަރު ހިސާން ހުސައިން އައްޔަނުކޮށްފި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފު އެ މަގާމުން މިއަދު ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

ޖޭއެސްސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފަނޑިޔާރު އަރީފް ޖޭއެސްސީގެ ރައީސްކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް ހިސާން އައްޔަންކުރަން ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

ހިސާން ވަނީ ބަންޑާރަނައިބުގެ އޮފީހުގައި ގިނަ ދުވަސްތަކެއް މަސައްކަތް ކުރެއްވުމަށް ފަހު ކުރީގެ ރައީސް އަދި މިހާރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި ހުންނެވިއިރު ރައީސް އޮފީހުގެ ލީގަލް ސެކެޓްރީކަން ކުރައްވާފަ އެވެ. އަދި އޭގެ ފަހުން ރައީސް ނަޝީދާއި ސިޔާސީ ބައެއް ލީޑަރުންގެ ގާނޫނީ ވަކީލެއްގެ ގޮތުން ވޭތުވެ ދިޔަ ފަސް އަހަރު އުޅުއްވި އެވެ.

އަރީފް ޖުޑިޝަލް ސާވިސް ކޮމިޝަނުގައި ހުންނަވަނީ ސުޕްރީމް ކޯޓުން ކަނޑައަޅާ ފަނޑިޔާރެއްގެ ގޮތުގަ އެވެ. އޭނާ ޖޭއެސްސީއަށް އައްޔަނު ކުރީ، 2017 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އަރީފަށް އެ މަގާމު ދެއްވީ އެ މަގާމުގައި ހުންނެވި ކުރީގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދު އެ މަގާމުން ވަކިކުރުމަށް ފަހު އެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ހިމެނޭގޮތަށް ފަނޑިޔާރު އަރީފުގެ ސުލޫކީ މައްސަލައެއްވެސް ޖުޑިޝަލް ސާވިސް ކޮމިޝަނުން ދަނީ ބަލަމުންނެވެ. މީގެ ކުރިންވެސް ވަނީ ފަނޑިޔާރު އަރީފުގެ މައްސަލައެއް ބަލައި އެމަނިކުފާނަށް ނަސޭހަތް ދީފަ އެވެ.

comment ކޮމެންޓް