ބަޖެޓާ މެދު އެމްއެމްއޭ: ކަންބޮޑުވުމަކީ ދަރަނި، ހަރަދު ބޮޑުވުން!

ނޮވެމްބަރ 13، 2019: އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރާ ކޮމެޓީގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަހަރުން އަހަރަށް ރާއްޖޭގެ ދަރަނި ބޮޑުވާތީ ސެންޓްރަލް ބޭންކް، އެމްއެމްއޭއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމެޓީގައި ވާހަކަ ދައްކަވަމުން އެމްއެމްއޭގެ އެގްޒެކެޓިވް ޑިރެކްޓަރު އަހުމަދު އިމާދު މިއަދު ވިދާޅުވީ ދައުލަތުގެ ރިކަރަންޓު ހަރަދުތައް ހަމަޖެއްސުމަށް ދަރަނި ނެގުމަކީ އެމްއެމްއޭ އިން ކަންބޮޑުވާ ކަމެއް ކަމަށެވެ.

ބަޖެޓު ފައިނޭންސިންގައި އުޅޭ ކޭޝްފްލޯ މައްސަލަތަކާ ގުޅޭގޮތުން ބަޖެޓު ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވުމާގުޅިގެން އެކަމަށް އިޝާރާތްކުރައްވާ އިމާދު ވިދާޅުވީ 2.3 ބިލިއަން ރުފިޔާގެ ކޭޝްފްލޯއެއް ބޭނުންވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެކަމާ ގުޅޭ މަޝްވަރާތައް ފިނޭންސް މިނިސްޓްރީ އާއެކު ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

"ފާއިތުވެ ދިޔަ ތަނަށް ބަލާއިރު ބަޖެޓުގެ އެގްޒެކިއުޝަންއަށް ޕީއެސްއައިޕީއަށް ބޮޑު އަދަދެއް ހިމަނާފައިވީ ނަމަވެސް މި އަދަދާ އެއްވަރަށް ޕްރޮޖެކްޓުތައް ހިންގިފައެއް ނުވޭ. އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ މިއަހަރުވެސް ބަޖެޓުގައި 10 ބިލިއަން ހިމަނާފައިވީ ނަމަވެސް އެ ވަރަށް ޕީއެސްއައިޕީގެ ޕްރޮޖެކްޓުތައް ނުހިންގޭނެކަން. އެހެންކަމުން ކޭޝްފްލޯ ރިކުއަމެންޓެއް ނައުމަކީވެސް އެކަށީގެންވާ ކަމެއް،" އިމާދު ވިދާޅުވި އެވެ.

އިމާދު ވިދާޅުވީ ބަޖެޓު ފައިނޭންސް ކުރަން ނިންމާފައިވަނީ ޑޮލަރުން ނަގާ ލޯނުން ކަމަށާއި އެހެންކަމުން އެކްސްޗޭންޖު ރޭޓަށް އަސަރު ނުކުރި ނަމަވެސް، ދިގު ރާސްތާގައި އެކަމުގެ ސަބަބުން ގޮންޖެހުންތައް ހުންނާނެ ކަމަށެވެ.

"މަނީ ސަޕްލައިއަށް ފޮރިން ކަރަންސީގެ ސަބަބުން އަންނަ އިމްޕެކްޓުގެ ސަބަބުން ކުރާ އަސަރު ކުރުމުއްދަތުގައި ނުކޮށް ހިނގައިދާނެ. އަޅުގަނޑުމެން ގަބޫލު ކުރާގޮތުގައި ދައުލަތުގެ އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓުތަކުގެ ސަބަބުން ލަފާކުރެވޭ ޓޫރިޒަމް ސިނާއަތަށް އަންނަ ކުރިއެރުމާ އެއާޕޯޓް ތަރައްގީގެ ސަބަބުން އިގްތިސޯދަށް ލިބޭ ފައިސާގެ މިންވަރުވެސް އިތުރުވަމުންދާނެ ކަމަށް،" އިމާދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ކޮންސާން އަކީ ޑެޓް ނަގައިގެން ރިކަރަންޓު ހަރަދު ކުރާނަމަ، އެއީ ޑެޓް އިތުރުވެގެންދާނެ ކަމެއް. އެއީ އަޅުގަނޑުމެން ކަންބޮޑުވާކަމެއް ކަމުގައި ތަކުރާރުކޮށް ފާހަގަކުރަން،"

ބަޖެޓު ކޮމެޓީގައި ވާހަކަ ދައްކަވަމުން ގަވަރުނަރު އަލީ ހާޝިމް މިއަދު ވިދާޅުވީ ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް ނަގާ ލޯނާއި ބޮންޑު އަދި ސުކޫކުގެ އަސަރު އިގުތިސާދަށް ކުރާނީ ދިގު މުއްދަތުގައި (ލޯންގް ރަން) ކަމަށާއި ބަޖެޓަށް ފައިސާ ހޯދުމަށް ކަނޑައަޅާފައިވާ ގޮތްތަކުގެ ތެރޭގައި ލޯނާއި ބޮންޑު ހިމެނޭއިރު އޭގެ އަސަރު އިގްތިސޯދަށް ކުރާނެ ކަމަށެވެ.

މިއީ ބޭރު ފައިސާގެ ރިޒާވަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއްކަން ގަވަރުނަރު ފާހަގަ ކުރެއްވި އެވެ. ގަވަރުނަރު ވަނީ ސަރުކާރުގެ ހަރަދުތައް ރޭވުމުގައި ރިކަރަންޓް ހަރަދުތައް ކުޑަކޮށް، ޖުމްލަ ހަރަދުތައް މަދުކުރުމަށް އިލްތިމާސް ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

އަންނަ އަހަރު ބަޖެޓު ޑެފިސިޓް ހުންނާނެ ކަމަށް ލަފާކުރެވެނީ 5.6 ބިލިއަން ރުފިޔާ ގައި ކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފަ އެވެ.

ބަޖެޓު ފައިނޭންސް ކުރަން 300 މިލިއަން ޑޮލަރުގެ ސަމުރާއީ ބޮންޑެއް ޖަޕާނަށް ވިއްކަން ނިންމާފައިވާއިރު، އިތުރު 563 މިލިއަން ރުފިޔާގެ ޓްރެޒަރީ ބިލްވެސް ވިއްކަން ވަނީ ނިންމައިފަ އެވެ.

އަންނަ އަހަރި ދައުލަތުގެ ރަސްމީ ރިޒާވް ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 819 މިލިއަން ޑޮލަރުގަ އެވެ. ކަރަންޓު އެކައުންޓް ޑެފިސިޓް ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 19 ޕަސެންޓުގަ އެވެ. ނޮމިނަލް ޖީޑީޕީ ހުންނާނެކަމަށް ލަފާކޮށްފައިވަނީ 97 ބިލިއަން ރުފިޔާގަ އެވެ.

comment ކޮމެންޓް