ވާދޫ ކަނޑު ހުރަސްކޮށް މޫދަށް ދިއުން މިއީ ކޮންކަހަލަ ކަމެއް: ނަޝީދު

ރައްޔިތުން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު: މާލޭ ރައްޔިތުން ޕިކްނިކް ދިއުމަށް އެނބޫދޫ ފަޅުން ރަށެއް ހަމަޖެއްސުމާ މެދު ނަޝީދު ވަނީ ނުސީދާ ކޮށް ނުރުހުން ފާޅު ކުރައްވާފައި --- ފައިލް ފޮޓޯ: މަޖިލިސް

ވާދޫ ކަނޑު ހުރަސްކޮށް މާލޭ މީހުން މޫދަށް އެރެން ދިއުން އެއީ އެ މީހުން އެހެން ގޮތަކަށް ދެކޭ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އޮތީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރުމެވެ. ރިޔާސަތުގައި އިންނެވީ ރައީސް ނަޝީދު އެވެ. މެންބަރުންނަށް ފުރުސަތު ދެއްވަމުން ދެ މެންބަރުން ދޭތެރޭގައި ކޮންމެވެސް 'މޮޅު' އެއްޗެއް ވިދާޅުނުވެ ދޫކޮށްލަނީ މަދު ފަހަރަކު އެވެ.

އެ ޖަލްސާގައި ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމްގެ ވާހަކަ ނިންމާލެއްވުމުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަޝީދަށް ފުރުސަތު ދެއްވުމުގެ ކުރިން ނަޝީދު ވިދާޅުވީ، ސަރުކާރުގެ ވިސްނުން ލާމަރުކަޒީ ނިޒާމަށް އަދި ސަރަހައްދީ ތަރައްގީއަށް ގެންދާއިރު ރާއްޖޭގެ ކަނޑުތަކަށް ވިސްނަވާނެ ކަމީ ޝައްކެއް ހުރި ކަމެއް ނޫން ކަމަށެވެ.

އެގޮތުން މީހުން ޑޮކްޓަރަށް ދައްކަން ދިއުމަށް ގައްލަންދޫ ކަނޑު ނުވަތަ އިހަވަންދޫ ކަނޑު ހުރަސް ކުރުމަކީ ބުއްދުވެރިގޮތެއް ނޫން ކަމަށެވެ.

"އަދި ވާދޫ ކަނޑު ހުރަސްކޮށް މޫދަށް ދިއުން. މިވެސް އަޅުގަނޑު މި ހިތަށް އަރަނީ ކޮން ބާވަތެއްގެ ކަމެއް ބާއޭ. ދެން މިވާހަކަ ދައްކަން މި ޖެހެނީ މާލޭ މީހުން ގާތުގައި. ވާދާ ކަނޑު ހުރަސްކޮށޭ މޫދަށް ދާން މި ޖެހެނީ. އެއީ އަޅުގަނޑު ހިތުން މި ރަށުގެ މީހުން އެހެން ގޮތަށް ދެކޭ ކަމެއް. ގައްލަންދޫ އެތެރެވަރީގައި އުޅުއްވާ ބޭފުޅުން މިކަން ދެކޭގޮތަށް ދެކޭ ކަމެއް،" މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ، މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އެހެން ވިދާޅުވެފައި އެ ވަނީ، ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ދަތުރު ދިދއުމަށް މާލޭގެ ދެކުނު ފަރާތުގައި ވާދޫ ކަނޑު ހުރަސްކޮށް، ތައިލެންޑްގެ ސިންހާ އެސްޓޭޓުން، އެނބޫދޫ ފަޅު ހިއްކައި ހަދާފައިވާ ރަށެއް ހަމަޖެއްސުމުގެ ވާހަކަތަކެއް ދެކެވެމުންދާ ދަނޑިވަޅެއްގަ އެވެ.

އެހެން ނަމަވެސް ދަތުރު ދިއުމަށް ރަށެއް ހަމަޖެއްސުމުގެ ކުރިން ޕްލޭނިން މިނިސްޓްރީން ވަނީ އާންމުންގެ ހިޔާލު ހޯދާފަ އެވެ. އަދި ގިނަ ރައްޔިތުން ވަނީ ދަތުރު ދިއުމަށް އާޓީފިޝަލް ރަށެއް ބޭނުން ނޫން ކަމަށް ބުނެ ހިޔާލު ފާޅުކޮށްފަ އެވެ.

comment ކޮމެންޓް