ގައުމީ ޓީމު ޖާޒީ އާއި ސަޕްލިމެންޓް ރައީސްއަށް އަރުވަައިފި

ގައުމީ ޓީމުގެ ޖާޒީއާއި ސަޕްލިމެންޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް އަރުވަނީ --- ފޮޓޯ// އެފްއޭއެމް

ގައުމީ ޓީމުގެ އޮފިޝަލް ޖާޒީއާއި ޓީމުގެ ކުޅުންތެރިންގެ މައުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ސަޕްލިމެންޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް އަރުވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ރައީސްއާ ބައްދަލު ކުރައްވާ މި ތަކެތި އެ މަނިކުފާނުގެ އަތްޕުޅަށް އެރުވީ ޓުއަރިޒަމް މިނިސްޓަރު އަދި ގައުމީ ޓީމަށް ލަފާ ދޭ ކޮމިޓީގެ ޗެއާމަން އަލީ ވަހީދު އާއި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ. މިއީ ގައުމީ ޓީމަށް ހިތްވަރުދީ ސަޕޯޓަރުންގެ ފޯރި އިތުރު ކުރުމަށް ގައުމީ ޓީމުގެ އެޑްވައިޒަރީ ކޮމިޓީން އެކުލަވާލި ޝޯޓް-ޓާމް ޕްލޭންގެ ދަށުން ކުރާ ކަމަކަށްވާ އިރު ސަރުކާރާއި، އެފްއޭއެމް އަދި ސިޔާސީ ޕާޓީތަކުން ވެސް ވަނީ މިކަމަށް ބޮޑު ތަރުހީބެއް ދީފަ އެވެ.

ގައުމީ ޓީމުގެ ކުޅުންތެރިންނާ ބެހޭ މައުލޫމާތު ހިމަނައިގެން ހަދާފައިވާ ސަޕްލިމެންޓް ރައީސް ބައްލަވަނީ --- ފޮޓޯ// އެފްއޭއެމް

ރައީސް ސޯލިހުގެ އިތުރުން ރާއްޖޭގެ ކުރީގެ އިންތިހާބީ ރައީސް އަދި މިހާރުގެ ރައްޔިތުން މަޖިލީހުގެ ރައީސްކަން ކުރައްވަމުން އަންނަ މުހައްމަދު ނަޝީދުއަށް ވެސް މިއަދު ވަނީ ގައުމީ ޓީމު ޖާޒީއަކާއި ސަޕްލިމެންޓެއްގެ އިތުރުން ޓިކެޓެއް ހަދިޔާކުރައްވާފަ އެވެ. ނަޝީދު ވަނީ ގައުމީ ޖާޒީ މިއަދުގެ މަޖިލިސް ތަޅުމުގައި ވެސް ދައްކާލައިފަ އެވެ.

"އެނގިވަޑައިގަންނަވާނެ ބުރާސްފަތި ދުވަހު، މާދަމާ ގައުމީ ޓީމު އެބަ އޭޝިއަން ކަޕު މުބާރާތުގައި ފިލިޕީންސާ ދެކޮޅަށް ކުޅޭ. އޭގެ ފަހުން އަދި އެބެއް ގުއާމާ ދެކޮޅަށްކުޅޭ މެޗެއް ވެސް. މި މެޗަށް ދިޔުމަށް މަޖިލީހުގެ ހުރިހާ މެމްބަރުންނަށް ގައުމީ ޓީމުގެ ފަރާތުން ވަނީ ދައުވަތު އަރުވާފައި،" މިއަދުގެ މަޖިލީހުގައި ބަޖެޓުގެ ބަހުސް ފެށުމުގެ ކުރިން ވާހަކަޕުޅު ދައްކަވަމުން ނަޝީދު ވިދާޅުވި އެވެ.

ގައުމީ ޓީމުގެ ޖާޒީއާއި ސަޕްލިމެންޓް މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުއަށް އަރުވަނީ --- ފޮޓޯ// އެފްއޭއެމް

ނަޝީދު ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށް ހާއްސަ ސްޓޭންޑެއް، ޕެވިލިއަނެއް ދަނޑުގައި ހުންނާނެ ކަމަށް ގައުމީ ޓީމާ ބެހޭ ކޮމިޓީން އެ ބޭފުޅާއަށް އަންގަވާފައިވާ ކަމަށެވެ. އެހެން ކަމުން މަޖިލީހުގެ ހުރިހާ މެމްބަރުން ވެސް ދަނޑަށް ވަޑައިގަތުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އަދި އެކަމަށް ބޭނުންވާ އިންތިޒާމުތައް ހެއްދެވުމަށް ބައެއް މެންބަރުންގެ ކިބައިން ވެސް ނަޝީދު ވަނީ އެދިލައްވައިފަ އެވެ.

ގައުމީ ޓީމުގެ ކުޅުންތެރިންނަށާއި ސަޕޯޓަރުންގެ ފޯރި އިތުރު ކުރުމަށް ކުރަމުން މިދާ މަސައްކަތަކީ މާދަމާ ގަލޮޅު ދަނޑުގައި އޮންނަ ވޯލްޑްކަޕް އަދި އޭޝިއަން ކަޕު ކޮލިފައިންގައި ފިލިޕީންސާއި ދެކޮޅަށް ކުޅޭ މެޗާއި މި މަހުގެ 19 ވަނަ ދުވަހު ގުއާމާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވުމަށް ކުރާ މަސައްކަތެކެވެ. ފަހަކަށް އައިސް ގައުމީ ޓީމަށާއި ފުޓުބޯޅައަށްދޭ ޝައުގުވެރިކަން ދަށްވުމުގެ ސަބަބުން އެކަން ބަދަލު ކުރުމަށް އެފްއޭއެމްއާއި ސަރުކާރު ގުޅިގެން އަންނަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.

މީގެ ކުރިން ހުސްވެފައި އޮތް ކުޅިވަރު ދަނޑުތައް ފުރާލުމަކީ ސަރުކާރުގެ ވައުދެއް ކަމަށްވާ އިރު ރައީސް އަދި ނައިބު ރައީސްގެ އިތުރުން ސަރުކާރުގެ އިސްވެރިން ވެސް އަންނަނީ ކުޅިވަރަށް ބޮޑު އިސްކަމެއް ދެމުންނެވެ. އެގޮތުން ކުޅިވަރު މެޗުތައް ބެއްލެވުމާއި ޝަރަފުވެރި ކޮށްދެއްވުމަށް ގަވާއިދުން ވަޑައިގަތުމާއި މެޗުތައް ކުޅުއްވުން ހިމެނެ އެވެ.

ނައިބު ރައީސް ކުޅުއްވި ފުޓުބޯޅަ މެޗެއްގެ ތެރެއިން --- ފޮޓޯ// އެފްއޭއެމް

އެގޮތުން ރައީސް ސޯލިހު ވަނީ މިއަހަރުގެ ތެރޭ އިންޑިއާ ގައުމީ ޓީމާ އެކު ކުރިކެޓް މެޗެއް ވެސް ކުޅުއްވާފަ އެވެ. އަދި ނައިބު ފައިސަލް ނަސީމް ވެސް ވަނީ ދާދި ފަހުން މަޖިލިސް މެމްބަރުންނާ އެކު ރަހުމަތްތެރި ކަމުގެ ފުޓުބޯޅަ މެޗެއް ވެސް ކުޅުއްވާ ނަމޫނާ ދައްކަވައިފަ އެވެ.

comment ކޮމެންޓް