މާލެ ފަޅުގައި ނުގަވާއިދުން އަޅާ ދޯނިފަހަރުގައި ސްޓިކާ ޖަހައި ޖޫރިމަނާކުރަނީ

ދޯންޏެއްގައި ސްޓިކާ ޖަހާފައި: ނުގަވާއިދުން ބާއްވާ ދޯނިފަހަރުގައި ސްޓިކާ ޖަހާނެ --

މާލެ ފަޅުތެރޭގައި ނުގަވާއިދުން އަޅާފައި ހުންނަ ދޯނިފަހަރުގައި ސްޓިކާ ޖަހައި ޖޫރިމަނާ ކުރަން ސިޓީ ކައުންސިލުން ފަށައިފި އެވެ.

މާލެ ސިޓީ ކައުންސިލްގެ މީޑިއާ އޮފިސަރު ޝަތުފާ ޝަފީއު މިއަދު "ސަން" އަށް ވިދާޅުވީ ސިޓީ ކައުންސިލުން އާންމު ގޮތެއްގައި ސްޓީކާ ޖަހާނީ ފެރީތަކަށް ހާއްސަ ކޮށްފައިވާ ސަރަހައްދުތަކުގައި އަަޅާފައި ހުންނަ ދޯނިފަހަރުގައި ކަމަށެވެ. އަދި މާލޭ ފަޅުގެ އެހެން ސަރަހައްދުތަކުގައި ވެސް ހުއްދަ ނެތި އަޅާ ދޯނިފަހަރުތައް ބަލައި ގަވާއިދުން ސްޓިކާ ޖަހަމުން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެބަހުރޭ ހުއްދަ ދީފައި ހުންނަ ދޯނިތައް ފަޅުން ނެރުމުން އެ ހުންނަ ހުސް ޖާގައިގައި ހުއްދަ ނުނަގާ ދޯނިތައް ވެސް އައިސް އަޅާފައި. އަޅުގަނޑުމެން ސްޓިކާ ޖެހީމަ ދޯނީގެ ވެރި ފަރާތަށް އަޅުގަނޑުމެންނަށް ޝަކުވާ ހުށަހެޅޭނެ. ދޯނި އިތުރަށް އެތަނެއްގައި ބޭއްވޭނީ ޖޫރިމަނާ އާއި އެ ދުވަހުގެ ފަޅު ފީ ދެއްކުމަށްފަހު، ސިޓީ ކައުންސިލުން ދޫކުރާ ހުއްދަ ނަގައިގެން،" ޝަތުފާ ވިދާޅުވި އެވެ.

ވިލިމާލެ ފެރީ ޓާމިނަލްގެ ހުޅަނގު ފަޅުގައި ނުގަވާއިދުން އަޅާފައި ހުރި ދޯނިތަކުގައި މިއަދު ސްޓިކާ ވަނީ ޖަހައިފަ އެވެ.

ގަވާއިދާ ހިލާފަށް ފަޅުގައި ދޯނި އެޅުމުން ފުރަތަމަ ފަހަރު 100 ރުފިޔާގެ ޖޫރިމަނާއެއް ކުރާއިރު، ދެވަނަ ފަހަރު ޖޫރިމަނާ ކުރަނީ 150 ރުފިޔާއިންނެވެ. އަދި އެ މައްސަލަ ތަކުރާރުވާ ކޮންމެ ފަހަރަކު ކަނޑައެޅިފައިވާ އުސޫލަކުން ޖޫރިމަނާ ބޮޑުވަމުންދާނެ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

މާލެ ސަރަހައްދުގެ އެކި ފަޅުތަކުގައި ދޯނިފަހަރު އެޅުމަށް ކަނޑައަޅާފައިވަނީ އެކި އަގުތަކެވެ. އަގު ނެގުމުގައި ދޯނީގެ ބޮޑުމިނަށާއި ދޯނި ބާއްވާ ވަގުތަށް ވެސް ބަލާނެ އެވެ.

މާލެއާއި ވިލިނގިލީގެ ފަޅުގެ ގަވާއިދުގައި ބުނާ ގޮތުން މާލެ ހުޅަނގު ބަނދަރުން ދާއިމީ ހުއްދައެއް ދެނީ ދުވާލަކު މީޓަރަކަށް އެއް ރުފިޔާ ދައްކައިގެންނެވެ. އަދި ވަގުތީ ގޮތުން ފަޅުތެރޭގައި ދޯނި ބާއްވާ ފުރަތަމަ ތިން ދުވަހު މީޓަރަކަށް ދުވާލަކު 10 ރުފިޔާ ނަގާއިރު ދެވަނަ ތިން ދުވަހަށް ނަގަނީ މީޓަރަކަށް ދުވާލަކު 15 ރުފިޔާގެ ރޭޓުންނެވެ.

ސިޓީ ކަައުންސިލުން ބުނީ ނުގަވާއިދުން ދޯނިފަހަރު އަޅާ މައްސަލަތައް ކުރިން ބަލަމުން އައީ އާންމުން ޝަކުވާ ހުށަހެޅުމުން ކަމަށެވެ. ނަމަވެސް އެ މައްސަލަ މިހާރު ގަވާއިދުން ބަލަމުންދާ ކަމަށް ވެސް ބުންޏެވެ.

މާލޭގެ މަގުތަކުގައި ނުގަވާއިދުން ޕާކް ކުރާ ވެހިކަލްތަކުގައި ވެސް ސްޓިކާ ޖަހައި ޖޫރިމަނާ ކުރަމުން އާދެ އެވެ. އެކަމާ ގުޅިގެން ބައެއް ފަހަރު ސަރުކާރަށް ފާޑު ކިޔުން ވެސް އަމާޒުވެ އެވެ.

comment ކޮމެންޓް