އާތިކާ ސަސްޕެންޑު ކުރުމުގެ ބާރު ޑީޖޭއޭއަކަށް ނެތް: އުއްތަމަ ފަނޑިޔާރު

އޮކްޓޯބަރ 29، 2018: އުއްތަމަ ފަނޑިޔާރު ހަފްލާއެއްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސުޕްރީމް ކޯޓުގެ ޕްރޮޓޮކޯލް ޑިވިޒަންގެ ޑިރެކްޓަރު އާތިކާ އިބްރާހިމް، ސަސްޕެންޑް ކުރުމަކީ ޑީޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އަށް ލިބިފައިވާ ބާރެއް ނޫން ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން އެކަން ބަލައި ނިމެންދެން މިއަދުން ފެށިގެން އާތިކާ ސަސްޕެންޑް ކުރިކަން ޑީޖޭއޭއިން އިއްޔެ ވަނީ އޭނާއަށް އަންގައި ވަޒީފާއިން ނިކުތުން މަނާކޮށްފަ އެވެ.

އެކަމާ ގުޅިގެން އުއްތަމަ ފަނޑިޔާރު މިއަދު ނެރުއްވި ބަޔާނުގައި "ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2017" ގެ 227 ވަނަ މާއްދާ އާއި، 228 ވަނަ މާއްދާގެ (ހ)އާ ހަވާލާދެއްވާ ވިދާޅުވީ، ކޯޓެއްގެ މުވައްޒަފަކާ ގުޅޭ އިދާރީ މައްސަލައެއް ވިޔަސް، ގަވާއިދާ ހިލާފު ވުމުގެ މައްސަލައެއް ވިޔަސް އަދި މުވައްޒަފަކާ މެދު ހުށައަޅާ ޝަކުވާއެއްގެ މައްސަލައެއް ވިޔަސް ޑީޖޭއޭއަށް އެ މައްސަލަ ބެލޭނީ، އެންމެ ފުރަތަމަ މުވައްޒަފު ވަޒީފާ އަދާކުރާ ކޯޓުގެ ނުވަތަ އިދާރާގެ މުވައްޒަފުންނާ ބެހޭ އިސް ވެރިޔާ، ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކުން އެކަން ބެލުމަށް ފަހު ކަމަށެވެ. އަދި އެފަދަ މުވައްޒަފަކާ މެދު، އެންމެ ފުރަތަމަ ފިޔަވަޅު ވެސް އަޅަން ޖެހޭނީ އެ މުވައްޒަފަކު ވަޒީފާ އަދާ ކުރާ ކޯޓު ނުވަތަ އިދާރާގެ މުވައްޒަފުންނާ ބެހޭ އިސް ވެރިޔާ ނުވަތަ އޭނާ އެކަމަށް ކަނޑައަޅައިފައިވާ ފަރާތުން ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވައިދާ ހަވާލާދީ އުއްތަމަ ފަނޑިޔާރު އިތުރަށް ވިދާޅުވީ މުވައްޒަފަކާ ބެހޭ ގޮތުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އެ މުވައްޒަފަކު ވަޒީފާއަށް ނުކުތުން މަނާކުރުމުގެ އިހުތިޔާރު ޑީޖޭއޭއިން ބޭނުންކުރަން ޖެހޭނީ ކޯޓު ނުވަތަ އިދާރާގެ މަޝްވަރާއާ އެކު ކަމަށެވެ.

"އާތިކާ އިބްރާހިމްގެ މައްޗަށް އުސޫލުތަކާއި އިޖުރާއަތުތަކުގެ ބޭރުން ތައައްސުފީ ގޮތެއްގައި އަޅާ ފިޔަވަޅުތަކެއްކަން އެނގުމާއި ގުޅިގެން އަޅުގަނޑު ވަރަށް ބޮޑަށް ހައިރާންވެ ހިތާމަ ކުރަމެވެ." އުއްތަމަ ފަނޑިޔާރު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވާ ގޮތުން ޑީޖޭއޭއިން އާތިކާގެ މައްސަލައެއް ބަލަމުންދާކަން އޭނާއަށް އަންގާފައެއް ނުވެ އެވެ. އަދި ޖަވާބު ދާރީވާންވެސް ފުރުސަތު ދީފައެއް ނުވެ އެވެ. ނެޗުރަލް ޖަސްޓިސްއާ ހިލާފަށް މުވައްޒަފުންނާއި މެދު ނާޖާއިޒު ގޮތްގޮތުން ބާރުގެ ބޭނުން ކުރުމަކީ "މުވައްޒަފުންނަށް ބުލީ ކުރުމުގެ އަމަލެއް" ކަމަށް އުއްތަމަ ފަނޑިޔާރު ވަނީ ސިފަކުރައްވައިފަ އެވެ.

"އޭގެ ސަބަބުން ކޯޓުތަކުގެ މުވައްޒަފުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދި. ކޯޓުތަކުގެ މަސްލަހަތު ގެއްލިގެން ދިޔުމުގެ ބިރު އެބައޮތް ކަމަށްވެސް އަޅުގަނޑު ދެކެމެވެ." އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައިވެ އެވެ.

ޑީޖޭއޭގެ އަމަލުތަކުން އުއްތަމަ ފަނޑިޔާރެއްގެ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަން ކުރަން ހުރަސް އެޅޭ ކަމަށް ވެސް ބަޔާނުގައި ވަނީ ވިދާޅުވެފަ އެވެ. އަދި ފަނޑިޔާރުންނަށް މަސައްކަތް ނުކުރެވޭނެ ފަދަ މާހައުލެއް ގާއިމް ކުރުމަށްޓަކައި ހިންގަމުން ގެންދަނީ ޣައިރުގާނޫނީ ޣައިރު ދުސްތޫރީ އަދި އިންތިހާ ދަރަޖައިގެ ލަދުވެތި، އިންތިހާ ދަރަޖައިގެ ދަށު ދަރަޖައިގެ އަމަލުތަކެއް ކަމަށް އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ ޖުޑިޝަލް ސާވިސް ކޮމިޝަން އަދި ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް މީގެ ކުރިންވެސް ވަނީ ބަޔާންތަކެއް ނެރުއްވައިފަ އެވެ. މި ބަޔާންތައް ނެރުއްވާފައި މިވަނީ ޖޭއެސްސީއިން އެމަނިކުފާނުގެ ސުލޫކީ މައްސަލަތަކެއް ބަލަމުންދާ ދަނޑިވަޅެއްގަ އެވެ. އަދި އެ މައްސަލަތައް ބެލުމަށް ހިންގާ ތަހުގީގަށް އެމަނިކުފާނު އެއްބާރުލުން ނުދެއްވުމަށް ވަނީ ނިންމަވައިފަ އެވެ.

comment ކޮމެންޓް