ރަސްދޫ ގެތަކަށް ލޮނުގަނޑު ވަނުމުގެ ބިރު ނިމުމަކަށް!

އއ. ރަސްދޫ ގޮނޑުދޮށް ވަނީ ވަރަށް ބޮޑަށް ގިރާލާފައި. މިހާރު ލޮނުގަނޑު ގެތަކާ ހަމައަށް ފޯރުމުގެ ބިރު ވަނީ ބޮޑުވެފައި --- ސަން ފޮޓޯ

އާދަމްބެ އަކީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން 1971 ވަނަ އަހަރު އއ. ކުރަމަތިން ރަސްދޫއަށް ބަދަލުކުރި މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އޭރު ރަސްދޫ އަކީ ބިން ބޮޑު، ހިތްގައިމު ގޮނޑުދޮށެއް އޮތް ރީތި ރަށެކެވެ. ނަމަވެސް މިއަދު މަންޒަރު މިވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. ކުރިން ރަސްދޫގެ ގޮނޑުދޮށް އޮތް ހިސާބު ދައްކާލަން ބޭނުން ނަމަ މިހާރު ހުންނަން ޖެހޭނީ މޫދުގަ އެވެ. ރަށް މިވަނީ އެހާ ބޮޑަށް ގިރާލާފަ އެވެ.

އާދަމްބެ ކިޔައިދިން ގޮތުން ރަސްދޫއަކީ ރަށްގިރުމުގެ މައްސަލަ އެންމެ ކުރިން ވެސް ކުރިމަތިވެފައި އޮތް ރަށެކެވެ. އެހެން ނަމަވެސް ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި ރަށް ގިރުން އިންތިހާއަށް ވަނީ ގޯސްވެފަ އެވެ.

އއ. ރަސްދޫ ގޮނޑުދޮށް --- ސަން ފޮޓޯ

ލޮނުގެ އަސަރު ގެތަކާއި ރަށުގެ އިގްތިސޯދަށްވެސް!

ރަށް ގިރަމުން ގޮސް، މިހާރު މީހުން ދިރިއުޅޭ ހިސާބަށް ވެސް މިވަނީ ލޮނުގަނޑު ފޯރަން ފަށައިފައެވެ. ބައެއް ގެތައް މިހާރު ހުރީ ގާތްގަނޑަކަށް މޫދުގައެވެ. ގިރާ ސަރަހައްދު އަވަހަށް ހިމާޔަތް ނުކުރެވިއްޖެނަމަ އެރަށުގެ ބައެއް ގެތައް ދެން ފެންނާނީ މޫދުގައި ހުއްޓައެވެ.

ރަށު ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި ރަށް ގިރުން ގޯސްވެގެން ދިޔައީ 2009 ވަނަ އަހަރު އެރަށުގެ ބަނދަރު ހެދި ހިސާބުންނެވެ. ރަށްގިރުމުގެ މައްސަލަ ބޮޑުވެ، ރަށުގެ ބައެއް ގެތަކާ ހަމައަށް ލޮނުގަނޑު ފޯރައި އެހިސާބުގައި ހުރި ގެތަކުގެ ވަށާފާރު ވެސް ވެއްޓުނު ކަމަށް ކައުންސިލުން ބުނެއެވެ. އެހެންކަމުން ކައުންސިލުން ވަނީ ކުނި އަޅައިގެން ގިރާ ސަރަހައްދު ހިއްކައި އެތަން ހިމާޔަތް ކުރެވޭތޯ ބަލައިފައެވެ.

ކުނި އަޅައިގެން ހިއްކި ސަރަހައްދު. މިހާރު އެ ސަރަހައްދުވެސް ވަނީ ވަރަށް ބޮޑަށް ގިރާލާފައި --- ސަން ފޮޓޯ

ނަމަވެސް އަނެއްކާވެސް އެރަށް މިވަނީ ގިރަން ފަށައިފައެވެ. މިހާރު ރަށުގެ ވަށައިގެން އެކި ހިސާބުތަކުން ވަނީ ވަރަށް ބޮޑަށް ގިރާލާފައެވެ. ރަސްދޫއަކީ ވެސް ލޯކަލް ޓުއަރިޒަމްއަށް ބަރޯސާވާ ރަށަކަށް ވާއިރު، ރަށްގިރުމުގެ ސަބަބުން އެ ސިނާއަތަށް ވެސް މިވަނީ އަސަރު ކުރަން ފަށައިފައެވެ. ރަށުގެ އެންމެ ބޮޑަށް ގިރާ ސަރަހައްދަކީ ކުރިން ކުނިގޮނޑު އޮތް ސަރަހައްދު ކަމަށް ވުމުން، ރާޅު ބޮޑުވާއިރު އަޑީގައި ހުރި ކުނިތައް މައްޗަށް އަރާ މުޅި ގޮނޑުދޮށަށް ފެތުރޭކަމުގެ ޝަކުވާ ފަތުރުވެރިން ވެސް އަންނަނީ ކުރަމުންނެވެ.

ލޮނުގެ އަސަރު މިހާރު މިވަނީ އެރަށުގެ ރައްޔިތުންގެ ފުދުންތެރިކަމާ، ރަށުގެ އިގްތިސޯދަށް ވެސް ކުރަން ފަށައިފައެވެ.

އެހެންކަމުން ރަސްދޫއަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު ބިރުވެރިކަމަކީ މިއެވެ. ރަސްދޫ ރައްޔިތުން އަންނަނީ މައްސަލަ ހައްލުކޮށްދީ، އެމީހުން އެ ބިރުވެރިކަމުން ސަލާމަތް ކޮށްދޭން އެދި އާދޭސްކުރަމުންނެވެ. ރަށުން ވާހަކަދައްކާލި ކޮންމެ މީހެއްގެ ވެސް އެންމެ ބޮޑު ޝަކުވާއަކީ މިއެވެ.

ރަސްދޫ ރައްޔިތެއް. ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ނުލިބި ދިގުލައިގެން ދިއުން -- ސަން ފޮޓޯ

"ރަސްދޫއަކީ ލޯކަލް ޓުއަރިޒަމްގައި ފާހަގަކޮށްލެވޭ ރަށެއް. އެކަމަކު ރަށް ގިރުމުގެ ސަބަބުން ރަށުގައި ބީޗެއް ވެސް ނެތް. ކުރިން ކުނިގޮނޑު ހެދިފަ މިހުރީ ގޮނޑުދޮށުގަ. މިހާރު ގިރަމުން ގޮސް ކުނިތަކާ ޖެހި، ކުނިތައް ވެސް މޫދަށް ފައިބައިގެން އެބަދޭ. އަދި ބީޗަށް ވެސް އެއްވަމުން އެބަދޭ. ވަރަށް ބޮޑު މައްސަލައަކަށް މިކަން މިވަނީ ވެފަ،" ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ރަށުން ވާހަކަ ދެއްކި އިތުރު މީހަކު ބުނީ ރަށް ގިރަމުން ގޮސް އެރަށް މިހާރު ވަރަށް ބޮޑަށް ކުޑަވެފައިވާ ކަމަށާއި އެކަމަށް ވަރަށް އަވަސް ހައްލެއް ބޭނުން ކަމަށެވެ.

އެތައް އަހަރެއް ފަހުން އުންމީދުގެ ހުޅުކޮޅު ދިއްލިއްޖެ!

ރަސްދޫ ރައްޔިތުން މިފަދަ ބިރުވެރިކަމާ ކަންބޮޑުވުމެއްގެ ތެރޭގައި ތިބޭތާ އެތައް އަހަރެއް ފަހުން، މިހާރު މިވަނީ ކޮންވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިގެން ގޮސްފައެވެ.

އިންޑިއާ ސަރުކާރުން ރާއްޖެއަށް ދީފައިވާ ހިލޭ އެހީއިން ރަސްދޫގެ ގޮނޑުދޮށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރަން ނިންމައި، އެ މަސައްކަތް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ.

އެމްޓީސީސީއާ މަސައްކަތް ހަވާލުކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި، ތިން މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. އެހެން ނަމަވެސް އެ މަސައްކަތް އަދިވެސް ފެށިފައި ނުވާތީ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

"ތިން މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކުރި މަޝްރޫއެއް އެއް މަސް ދުވަސް ވެގެން ދިޔަ އިރުވެސް ނުފެށި އޮތުމަކީ ކަންބޮޑުވުމެއް،" ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ ވަރަށް އަވަހަށް އެރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށެވެ. ހަމަގައިމުވެސް މިއީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ބަލަމުން އަންނަ މައްސަލައެއް ކަމަށާއި، މި ވައުދު ވަރަށް އަވަހަށް ފުއްދާނެ ކަމުގެ ފުރިހަމަ ޔަގީންކަން މިނިސްޓްރީން ދެއެވެ.

މިނިސްޓްރީން ދިން ޔަގީންކަމުން ވެސް އެރަށުގެ ރައްޔިތުން މިވަނީ ހެއްވާލައިފައެވެ. ރަށު ކައުންސިލާއި ރައްޔިތުން ގަބޫލުކުރާ ގޮތުގައި މަޝްރޫއު ނިމި، ގޮނޑުދޮށް ހިމާޔަތް ކުރެވިގެން ދިއުމަކީ އެރަށަށް މިވަގުތު އެންމެ ބޭނުންވާ މަޝްރޫއެވެ.

ރަސްދޫ ކައުންސިލްގެ ނައިބު ރައީސް --- ސަން ފޮޓޯ

"އަހަރެއް އަހަރަކަށް ރަށުގެ ބިމުގެ ސަރަހައްދު މިދަނީ ކުޑަވަމުން. އެއީ ރަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް. މި މަޝްރޫއުގެ ސަބަބުން އާންމުން ދިރިއުޅެމުންދާ ސަރަހައްދު ވެސް ހިމާޔަތް ކުރެވުނީ،" ކައުންސިލްގެ ނައިބު ރައީސް ހުސެއިން ޝިމާއު ވިދާޅުވިއެވެ.

އިންޑިއާގެ ކުރީގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ރާއްޖެ ވަޑައިގެން ދެއްވި 106 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީގެ ތެރެއިން ރަސްދޫގެ ގޮނޑުދޮށް ހިމާޔަތް ކުރަން އަށް މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. އަދި އެ މަޝްރޫއުގެ ދަށުން ރަސްދޫގެ ހުޅަނގު ފަރާތުން 200 މީޓަރުގެ ސަރަހައްދެއް ހިމާޔަތް ކުރެވިގެންދާނެއެވެ.

މި މަޝްރޫއަކީ އެރަށުގެ މުސްތަގްބަލާ އިންތިހާއަށް ގުޅިފައިވާ، އެރަށުގެ ކުދިބޮޑު އެންމެހާ ރައްޔިތުން އެދިއެދި ތިބި މަސައްކަތެކެވެ. އެހެންކަމުން ސަރުކާރުން މި މަސައްކަތް ކޮށްދޭނެ ކަމަށް ރައްޔިތުން ތިބީ ގަބޫލުކޮށްގެންނެވެ.

comment ކޮމެންޓް