ރައްޔިތުން ޓެކްސް ދައްކަނީ ބަދަލު ދޭކަށް ނޫން: އާޒިމް

އަލީ އާޒިމް: އޭނާ ވިދާޅުވީ ރައްޔިތުން ޓެކްސް ފައިސާ ދައްކަނީ ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދިނުމަށް ނޫން ކަމަށް -- ފައިލް ފޮޓޯ/ މަޖިލިސް

ދައުލަތަށް އާމްދަނީގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބެނީ ޓެކްސްގެ ގޮތުގައި ރައްޔިތުން ދައްކާ ފައިސާ އިން ކަމަށާއި އެ ފައިސާ އެކި ނަން ނަމުގައި ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދިނުމަކީ ރައްޔިތުން އެދޭ ކަމެއް ނޫން ކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން އަލީ އާޒިމް ވިދާޅުވީ، ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާގެ 59 އިންސައްތަ އަކީ ޓެކްސްގެ ގޮތުގައި ރައްޔިތުން ދައްކާ ފައިސާ ކަމަށެވެ. އެހެން ކަމުން އެ ފައިސާ ހޭދަ ކުރަން ޖެހޭނީ ރައްޔިތުންގެ ދިރިއުޅުން ފަހި ކުރުމަށް ކަމަށް އާޒިމް ވިދާޅުވި އެވެ.

"ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑުބައެއް ބިނާވެފައި އޮންނަނީ ރައްޔިތުންގެ އަތުން ނަގާ ޓެކްސްއަށް. ޓެކްސް ފައިސާގެ މައްޗަށް. އެހެން ކަމުން އެފައިސާ ހަރަދުކުރަންވާނީ ވެސް ރައްޔިތުން އެދޭ ގޮތަށް. އެ އެދޭ ގޮތަކީ ފާސްކުރާ ބަޖެޓް. އަޅުގަނޑުމެން މި މަޖިލީހުން ފާސްކުރާ ބަޖެޓްގައި އޮތް ގޮތަށް ނޫން ގޮތަކަށް ހަރަދު ކޮށްގެން ވާނެ ކަމަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން،" އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުކަން ވެސް ކުރައްވަމުން ގެންދަވާ އަލީ އާޒިމް ވިދާޅުވި އެވެ.

ބަދަލުގެ ގޮތުގައި ދިނުމަށް ބަޖެޓްގައި ހިމަނާފައި ނުވާ ފައިސާއެއް އެއްވެސް ފަރާތަކަށް ދީގެން ނުވާނެ ކަން އާޒިމް ފާހާގަ ކުރެއްވި އެވެ. އަދި ވިދާޅުވީ ރައްޔިތުންގެ އަތުން ނަގާ ފައިސާއެއް ހޭދަކުރަން ޖޭހޭނީ ގިނަ ރައްޔިތުން އެދޭ ގޮތަށް ކަމަށެވެ.

"އެހްނެވީމަ ބަދަލުގެ ގޮތުގައި ފައިސާ ދިނުމަކަށް ނޫން ރައްޔިތުން ޓެކްސް ފައިސާ ދައްކަމުން މިދަނީ. ރައްޔިތުން ފައިސާ ދައްކަމުން މިދަނީ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ލިބޭނެ ގޮތަކަށް މިކަން ކުރުމަށް،" އާޒިމް ވިދާޅުވި އެވެ.

މަޖިލީހުގެ ނައިބު ރައީސް، އީވާ އަބްދުﷲ ވެސް މިއަދުގެ ބަޖެޓް ބަހުސްގެ މަރުހަލާގައި ވިދާޅުވީ، ބަދަލު ދިނުމަށް އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ބެޖެޓްގައި ހިމަނާފައިވާއިރު، ދައުލަތުން ގެއްލިފައިވާ ފައިސާ އާއި ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރި ފަރާތްތަކުގެ އަތުން އެ ފައިސާ ހޯދުމަށް ކުރާ މަސައްކަތުން ލިބޭނެ އަދަދުވެސް ބަޖެޓްގައި ހިމަނަން ޖެހޭ ކަމަށެވެ.

ބަޖެޓް ފާސް ކުރުމަށްފަހު އެ ބަޖެޓް ދޫކޮށްލަނީ، ދައުލަތާއި މުއައްސަސާތަކުގެ އިސްވެރިންގެ އަތް މައްޗަށް ކަމަށާއި އެ ފަރާތްތަކުން ހިތު ހުރި ގޮތަށް ބަޖެޓް ތަޅާ ބުރުވިޔަ ދީގެން ނުވާނެ ކަން އަލީ އާޒިމް ފާހަގަ ކުރެއްވި އެވެ.

ރާއްޖޭގައި މުޅިން އަލަށް އިންކަމް ޓެކްސް ނެގުމަށް ތައްޔާރުވަމުން އަންނައިރު އެކަމަށް ތައްޔާރުވުމަށް ވަގުތު ދޭން ޖެހޭކަން އާޒިމް ފާހަގަ ކުރެއްވި އެވެ. އަދި މިހާރު ހުށަހަޅާފައިވާ ބިލްގައިވާ ގޮތުން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު އިންކަމް ޓެކްސް ނެގުމަތް އޮތް ނަމަވެސް ބަޖެޓް ފާސްކުރުމުގެ ކުރިން އެ ތާރީހާ މެދު ވިސްނާލަން ޖެހޭ ކަން އާޒިމް ފާހަގަ ކުރެއްވި އެވެ.

"މި އިންކަމް ޓެކްސް ނެގުން މިއީ އަޅުގަނޑުމެން މީހުން އަހުލުވެރި ނުވަނީސް ކުރަން ވާވަރުގެ ކަމެއް ނޫން. އެހްންވީމަ ކޮންމެސް ވަރެއްގެ މުއްދަތެއް މިކަމަށް ދޭން ޖެހޭނެ،" އަލީ އާޒިމް ވިދާޅުވި އެވެ.

comment ކޮމެންޓް