ނަޝީދު ވިދާޅުވަނީ ސަރުކާރުގެ ސިޔާސީ މަގާމުތައް ގިނަ ނޫން ކަމަށް

މަޖިލީހުގެ ޖަލްސާއެއްގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު --

މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު ގިނަ ނޫން ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް މަޖިލީހަށް ހުށަހަޅާފައިވާ 2020 ގެ ބަޖެޓްގައިވާ ގޮތުގައި، އަންނަ އަހަރު ސިޔާސީ މުވައްޒަފުންގެ ގޮތުގައި 785 މުވައްޒަފުން ތިއްބަވާނެ އެވެ. އަދި އެ ބޭފުޅުންގެ މުސާރަ އާއި އިނާޔަތަށް، 331.2 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބަޖެޓްގައި ވަނީ ލަފާކޮށްފަ އެވެ.

މި އަދަދުތަކާ ގުޅިގެން އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓަށް ބަހުސް ކުރަމުން ބައެއް މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މެމްބަރުންގެ ވާހަކަތަކާ ގުޅިގެން ނަޝީދު ވިދާޅުވީ ސިޔާސީ މުވައްޒަފުންގެ އަދަދު 785 އަށް އަރަނީ ރައީސް އޮފީހުގެ ހުރިހާ މުވައްޒަފުން ހިމަނައިގެން ކަމަށެވެ.

"ރައީސް އޮފީހުގެ ސްޓާފުންނަކީ ސިވިލް ސާވިސްގެ މުވައްޒަފުންނެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

އެހެންކަމުން ހަގީގަތުގައި ސިޔާސީ މަގާމުތަކުގައި އުޅޭ މީހުންގެ އަދަދު 400 އަށް ވުރެ ދަށްވާނެ ކަމަށް ނަޝީދު އިއްޔެ ވަނީ ވިދާޅުވެފަ އެވެ. އަދި އެ މައުލޫމާތު ބަޖެޓުން ސާފުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެހެންކަމުން ތިބޭފުޅުންނަށް ލިބިފައިވާ މައުލޫމާތު އެއީ ކުށެކޭ ނުވަތަ ނޫނޭ އެހެން ވިދާޅުވުން ބުއްދިވެރިއެއް ނޫން. ސައްހަ މައުލޫމާތު ބަޖެޓުގައި އެބަ ހިމެނޭ،" ނަޝީދު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ޖުލައި މަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، މިދިޔަ ސަރުކާރު ނިމުނު އިރު ސިޔާސީ މަގާމުތަކުގެ އަދަދު ހުރީ، 465 ގައި ކަމަށެވެ. އަދި ޔަގީންކަން ދެއްވީ އެއަށް ވުރެ މައްޗަށް މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު ނުދާނެ ކަމަށެވެ.

އެ ޕްރެސްގައި ރައީސް ސޯލިހު ވިދާޅުވީ؛ "ހަމަގައިމު ވެސް ރައީސް ޔާމީން ސަރުކާރަށް ވުރެ ސިޔާސީ މަގާމުތައް މަދުވާނެ. އެ ޔަގީންކަން ބާއްވާ. އެއަށް ވުރެ މާ ބޮޑަށް ވެސް މަދުކޮށް ބަހައްޓާނެ" ކަމަަށެވެ.

ސިޔާސީ މުވައްޒަފުން އެންމެ ގިނައީ ރައީސް އޮފީހުގަ އެވެ. ބަޖެޓްގެ ތަފާސް ހިސާބުގައިވާ ގޮތުގައި، އެ އޮފީހުގައި 377 ސިޔާސީ މުވައްޒަފުން އެބަތިއްބެވެ.

ދެން އެންމެ ގިނަ ސިޔާސީ މުވައްޒަފުން މަސައްކަތް ކުރަނީ ހެލްތު މިނިސްޓްރީގަ އެވެ. އެ މިނިސްޓްރީގެ ދަށުގައި 109 ސިޔާސީ މުވައްޒަފުން މަސައްކަތް ކުރާކަމަށް ތަފާސް ހިސާބުތަކުގައިވެ އެވެ. ފޮރިން މިނިސްޓްރީގައި 86 ސިޔާސީ މުވައްޒަފުން މަސައްކަތް ކުރައްވަ އެވެ.

ބަޖެޓްގައިވާ ގޮތުގައި ސިޔާސީ މުވައްޒަފުންނާއި ސިވިލްސާވެންޓުންނާއި ޔުނީފޯމް ބޮޑީތަކުގެ މުވައްޒަފުންނާ އެކު އަންނަ އަހަރު ދައުލަތުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ޖުމްލަ 8.7 ބިލިއަން ރުފިޔާ ހަރަދުވާނެ އެވެ. ސަރުކާރު ބަޖެޓުން މުސާރަދޭ މުވައްޒަފުންގެ ޖުމްލަ އަކީ 45،835 އެވެ.

comment ކޮމެންޓް