މުސްތަގުބަލުގައި އިޓަލީގެ ކުލަބަކުން ފެނިދާނެ: މޮޑްރިޗް

މިދިޔަ އަހަރުގެ ބެލޮންޑިއޯ އެވޯޑް ހާސިލްކުރި ލޫކާ މޮޑްރިޗް-- ފޮޓޯ: ބީބީސީ ސްޕޯޓްސް

ވޭތުވެ ދިޔަ އަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ލޫކާ މޮޑްރިޗް މުސްތަގުބަލުގައި އިޓަލީގެ ކުލަބަކުން ފެނުން ގާތް ކަމަށް އޭނާ ބުނެފި އެވެ.

އުމުރުން 34 އަހަރުގެ މޮޑްރިޗް ވޭތުވެ ދިޔަ އަހަރު ބެލެންޑިއޯ އުފުލާލިތާ އަހަރެއް ފަހުން އޭނާއަށް ވަނީ އިއްޔެ ގޯލްޑެން ފޫޓް އެވޯޑް ލިބިފަ އެވެ. ނަމަވެސް ފުޓުބޯޅަ ކެރިއަރުގެ ފަހު ސޮފުހާތައް ގުނަމުން އަންނަ މޮޑްރިޗްގެ އުންމީދަކީ ކުޅުން ހުއްޓާލުމުގެ ކުރިން އިޓަލީގެ ކުލަބަކަށް ކުޅުމެވެ. އެގޮތުން އިޓަލީގެ މަޝްހޫރު ދެ ކުލަބު ކަމަށްވާ އިންޓަ އަދި އޭސީ މިލާނުން ވަނީ މޮޑްރިޗާ ދޭތެރޭ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

ކްރޮއޭޝިއާގެ ކެޕްޓަން މޮޑްރިޗް ރަން ބޯޅައާ ހަވާލުވަނީ --- ފޮޓޯ/ އޭޕީ

އެކި އެކި އަނިޔާތަކުގެ ޝިކާރައަކަށްވެ، ފޯމް ގެއްލުމުގެ ސަބަބުން މޮޑްރިޗަށް މި ސީޒަނުގައި އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެ އެވެ. އޭނާ ސްޕެނިޝް ލީގުގައި މިހާތަނަށް ފުރަތަމަ އެގާރައިގައި ހިމެނިގެން ފެށީ ވެސް އެންމެ ތިން ފަހަރު އެވެ.

"އަހަރެން ވަރަށް ބޭނުން އިޓަލީއަށް ދާން. އެއީ ހަމަ އަހަރެން ގައުމު [ކްރޮއޭޝިޔާ] ކަހަލަ ގައުމެއް. އަހަރެން ވަރަށް ގާތުން އިޓާލިއަން ލީގުގެ ވާނުވާ ބަލަން. އެއީ އަހަރެން ގައުމުގެ ގިނަ ކުޅުންތެރިންތަކެއް އެ ގައުމުގެ ލީގު ތަކުގައި ކުޅޭތީ،" މޮޑްރިޗް ބުންޏެވެ.

އޭނާ ބުނީ، ކުރިއަށް އޮތްތާ އިޓަލީގެ ކުލަބަކުން ފެނުމާ ގާތް ކަމަށެވެ. ނަމަވެސް މިވަގުތު ރެއާލް މެޑްރިޑްގެ ކުޅުންތެރިއެއްގެ ގޮތުގައި ހުރުމުން އެ ވާހަކަ އިތުރަށް ދައްކަން ބޭނުން ނުވާ ކަމަށެވެ.

"ކުރިން ބުނި ފަދައިން އިޓަލީއަކީ ހަމަ އަމިއްލަ ގައުމު ފަދަ ގާތް ގުޅުމެއް އޮތް ތަނެއް. މުސްތަގުބަލުގައި ފެނުން އެކަށީގެންވޭ. މިހާރު ރެއާލް މެޑްރިޑްގައި މިހުރީ އުފަލުން."

އިނގިރޭސި ވިލާތުގެ ޓޮޓެންހަމުން މޮޑްރިޗް ރެއާލް މެޑްރިޑަށް ބަދަލުވީ 2012 ވަނަ އަހަރު އެވެ. އޭނާ ވަނީ އޭގެ ފަހުން ރެއާލް މެޑްރިޑަށް 300 އަށް ވުރެން ގިނަ މެޗު ކުޅެދީ ބޮޑެތި ކާމިޔާބީތަކެއް ވެސް ހޯދައިދީފަ އެވެ.

comment ކޮމެންޓް