ރޭގެ އެކްސިޑެންޓްގައި ނިޔާވި ކުއްޖާގެ ޖަނާޒާ މެންދުރު ނަމާދަށް ފަހު

އެކްސިޑެންޓް ހިނގި ސަރަހައްދު --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ރޭ ހުޅުމާލޭ ގައި ހިނގި އެކްސިޑެންޓުގައި ނިޔާވި ކުއްޖާގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށްފަހު ހުޅުމާލޭ ވަގުތީ މިސްކިތުގައި ބާއްވަން ނިންމައިފި އެވެ.

އެކްސިޑެންޓްގައި ނިޔާވީ، ކ. ތުލުސްދޫއަށް ނިސްބަތްވާ ފާތިމަތު އަންޖުމް، ޝަފީގު، 13 އަހަރެވެ.

ރޭ އެ ކުއްޖާ ނިޔާވީ އޭނާގެ މަންމައާއެކު ދަތުރުކުރަމުން ދަނިކޮށް ފަހަތުން އައި ބަހެއް އެ މީހުން ދުއްވަމުން ދިޔަ ސައިކަލްގައި ޖެހިގެން އެވެ.

މި އެކްސިޑެންޓު ހިނގީ ހުޅުމާލެ ކޮޅުން ހައިވޭ ފެށޭ ހިސާބުގައި ކުރިން އޮންނަ ބަސް ޓާމިނަލް ކައިރިންނެވެ.

އެކްސިޑެންޓް ހިނގުމާއެކު އަންޖުމް ވަނީ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އަންޖުމް ވަނީ މަރުވެފައިކަމަށް ފުލުހުން ރޭ ބުންޏެވެ.

މި އެކްސިޑެންޓުގައި އަންޖުމްގެ މަންމަ އަށް މާބޮޑު ހާނީއްކައެއް ނުލިބެ އެވެ. މަންމަ އަށް ފަރުވާދިނީ ހުޅުމާލޭ ހޮސްޕިޓަލުގަ އެވެ.

އާއިލާއާ ގާތް ފަރާތަކުން "ސަން"އަށް ކިޔައިދިން ގޮތުގައި، އަންޖުމ ްއާއި އޭނާގެ މަންމަ ހުޅުމާލެއަށް ދިޔައީ އާއިލާގެ މެމްބަރުންތަކަކަށް ޒިޔާރަތްކުރުމަށެވެ. އަދި އެނބުރި މާލެ އައުމަށް އައި މަގުމަތީގައި، ފަހަތުން އައި އެމްޓީސީސީގެ ބަހެއް ސައިކަލުގައި ޖެހި އަންޖުން ދުރަށް ވިއްސައިގެން ދިޔައީ އެވެ.

comment ކޮމެންޓް