ބްރިޖާއި ހައިވޭގައި ސައިކަލު ދުއްވާއިރު ގަވައިދަށް ނުފެތޭ ހެލްމެޓު އަޅައިގެން ދުއްވާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ބްރިޖާއި ހައިވޭގައި ގަވައިދަށް ނުފެތޭ ހެލްމެޓު ބޭނުންކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން ގަވައިދަށް ނުފެތޭ ހެލްމެޓު ބޭނުންކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުންޏެވެ.
ތިރީސް ކިލޯ މީޓަރަށް ވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވަން ހުއްދަކޮށްފައިވާ ސަރަހައްދުތަކުގައި ނުވަތަ މަގުތަކުގައި ދުއްވާއިރު ހެލްމެޓް އެޅުން މަޖުބޫރުކޮށް ހެލްމެޓްގައި ހުންނަ ޖެހޭ ޝަރުތުތައް އާންމުކުރީ މިއަހަރުގެ މާޗު މަހު އެވެ.
އެއްގަމު އުޅަނދު ދުއްވުމުގެ ގަވައިދަށް ގެނައި އިސްލާހާ އެކު މި އަހަރުގެ އޭޕްރީލް އެއް ވަނަ ދުވަހުން ފެށިގެން 30 ކިލޯ މީޓަރަށް ވުރެ ބާރަށް ދުއްވާ ސަރަހައްދުތަކުގައި ހެލްމެޓު ނާޅާ ދުއްވާ ނަމަ ފިޔަވަޅު އަޅާނެ އެވެ.
މި ސަރަހައްދުތަކުގައި ދުއްވާ އިރު އަޅާ ހެލްމެޓަކީ ހެލްމެޓް ބޭނުންކުރާ ފަރާތުގެ ދަތްދޮޅި ދަށުން ހަރުކުރެވޭ ގޮތަށް އެކަމަށް ހާއްސަ ކަމަރެއް ހަރުކޮށްފައިވާ ހެލްމެޓަކަށް ވާންޖެހެ އެވެ.
އަދި ހެލްމެޓް ހަރުކުރުމަށް ދަތްދޮޅި ދަށުން ލައިފައިވާ ކަމަރަކީ އެކަތިގަނޑަކަށް (ސިންގަލް ޔުނިޓަކަށް) ހުންނަ ކަމަރަކަށް ވުމާ އެކު، އެ ހެލްމެޓުގައި އަދި އެ ކަމަރުގައި އެއްވެސް ތޫނު އެއްޗެއް ނުވަތަ ތޫނު ތަނެއް ނުވަތަ ޖޮއިންޓެއް ނުވަތަ އެހެންވެސް އެއްޗެއް ހަރުކޮށްފައި ހުރެގެން ނުވާނެ ކަމަށާއި ޓިންޓެޑް މެޓީރިއަލް ނުވަތަ ކުލަ މެޓީރިއަލް ބޭނުންކޮށްފައިނުވާ ހެލްމެޓަކަށް ވުމާ އެކު، ހެލްމެޓުގައި ހަރުކޮށްފައި ހުންނަ ސްކްރީނަކީ މޫނު ފެންނަ ފަދަ މެޓީރިއަލެއް ހުރި ހެލްމެޓަކަށް ވާންޖެހެ އެވެ.
އަދި ހެލްމެޓުގެ ކުލައަކީ، ލޮލަށް އުނދަގޫ ނުވާނެ ފަދަ ކުލައަކަށް ވެގެން ނުވާނެ ކަމަށާއި ފެކްޓަރީން ހެލްމެޓުގައި ލައިފައިވާ ކުލަނޫން ކުލައެއް ނުވަތަ ސޯލްވެންޓެއް ހެލްމެޓުގައި ލައިފައި ހުރެގެން ނުވާނެ ކަމަށް ގަވައިދުގައި ބުނެފައިވެ އެވެ.
ގަވައިދުގައި ބުނާ ގޮތުން ހެލްމެޓު އެޅުމުގެ ސަބަބުން، ހެލްމެޓް ބޭނުންކުރާ ފަރާތަކީ ކާކުކަން އެހެން މީހުންނަށް ނޭނގޭ ގޮތަށް ނުވަތަ އޮޅޭ ގޮތަށް ހެލްމެޓް އަޅާފައިވާ ފަރާތުގެ މޫނު ނުވަތަ މޫނުގެ ބައެއް ނުފޮރުވޭ ހެލްމެޓެއް ކަމުގައި ވާންޖެހޭނެ އެވެ.
ގަވައިދުގައިވާ ގޮތުން ހެލްމެޓް އެޅުމަށް މަޖުބޫރުކޮށްފައިވާ ސަރައްދުގައި ހެލްމެޓް ނާޅާ ނަމަ 750 ރުފިޔާ އަށް ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ހެލްމެޓްގައި ހުންނަ ޖެހޭ ޝަރުތު ފުރިހަމަ ނުވާ ނަމަވެސް އެ އަދަދުން ޖޫރިމަނާ ކުރާނެ އެވެ.
ފުލުހުން ކޮންމެ ހަފްތާއަކު އާންމުކުރާ ތަފާސްހިސާބުތަކަށް ބަލާއިރު ހެލްމެޓު އަޅަން ޖެހޭ ސަރަހައްދުތަކުގައި ހެލްމެޓު ގަވައިދާ ހިލާފުވާ މައްސަލަތައް އަދި ވެސް ގިނަ އެވެ. މިދިޔަ ހަފްތާގައި ވެސް މިފަދަ 17 މައްސަލައެއް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތައް ދައްކަ އެވެ.