ކުޅުންތެރިންގެ މައުލޫމާތު ހިމެނޭ ސަޕްލިމެންޓަކާއި ގައުމީ ޓީމުގެ ލަވަ ލޯންޗުކޮށްފި

ގައުމީ ޓީމު ކުޅުންތެރިންގެ މައުލޫމާތު ހިމެނޭ ސަޕްލިމެންޓާއި އޮފިޝަލް ލަވަ ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ// އެފްއޭއެމް

ގައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންނާއި ކުރީގެ ކެޕްޓަނުންގެ މައުލޫމާތުތަކާ އެކު ހަދާފައިވާ ހާއްސަ ސަޕްލިމެންޓަކާއި ގައުމީ ޓީމުގެ އޮފިޝަލް އައު ލަވައެއް ލޯންޗުކޮށްފިއެވެ.

ވޯލްޑްކަޕް ކޮލިފައިންގައި އަންނަ ބުރާސްފަތި ދުވަހު ފިލިޕީންސާ ދެކޮޅަށް ރާއްޖެ ނުކުންނަ މެޗަށް ޓިކެޓާއި ޖާޒީ ވިއްކުމަށް މާފަންނު ޓާފް އެކެއްގައި މިއަދު ހަވީރު ވަނީ ކުލަގަދަ ރަސްމިއްޔާތެއް ބާއްވައިފައެވެ. މި ރަސްމިއްޔާތުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްއާއި ގައުމީ ޓީމަށް ލަފާ ދޭ ކޮމިޓީގެ ޗެއާމަން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އިތުރުން އެ ކޮމިޓީގެ މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ގައުމީ ޓީމު ކުޅުންތެރިންގެ މައުލޫމާތު ހިމެނޭ ސަޕްލިމެންޓާއި އޮފިޝަލް ލަވަ ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ// އެފްއޭއެމް

މިއަދު ކުރިއަށް ދިޔަ އެ ރަސްމިއްޔާތުގައި ފުރަތަމަ ކަމަކަށް އޮތީ ގައުމީ ޓީމުގައި މިހާރު ތިބި ކުޅުންތެރިންނާއި ކުރިން ކެޕްޓަންކަން ކުރި ބައެއް ކުޅުންތެރިންގެ މައުލޫމާތުވެސް ހިމަނައިގެން ވަރަށް ފުރިހަމައަށް "މަގޭ ޓީމު"ގެ ނަމުގައި ހަދާފައިވާ ސަޕްލިމެންޓެއް ލޯންޗުކުރުމެވެ. މިއީ ގައުމީ ޓީމުގެ ވަކި މެޗަކަށް ހާއްސަކޮށްގެން މިފަދަ ގޮތަކަށް ސަޕްލިމެންޓެއް ލޯންޗު ކުރި ފުރަތަމަ ފަހަރެވެ.

އަށް ސޮފުހާ ހިމެނޭ މި ސަޕްލިމެންޓް ލިޔެ ތައްޔާރުކޮށްފައި ވަނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅެތި ކުޅިވަރުގެ ނޫސްވެރިންގެ ޓީމަކުންނެވެ. އެގޮތުން ނޫސްވެރިކަމުގެ ގައުމީ އިނާމު ހާސިލްކޮށްފައިވާ މުހައްމަދު ޝަހީބާއި، މޫސާ ލަތީފު، އިމާދު ލަތީފު އަދި ހުސައިން އާމިރުގެ އިތުރުން މުހައްމަދު ހަމްދޫންގެ ލިޔުންތައް މި ސަޕްލިމެންޓުގައި ހިމަނާފައި ވެއެވެ.

މި ސަޕްލިމެންޓުގައި އަލިއަޅުވާލާފައިވާ ބައެއް މައުލޫތަކަށް ބަލާއިރު ސަރަހައްދީ ފުޓުބޯޅައިގައި ރާއްޖެ އޮތް ހާލަތާއި ސަޕޯޓަރުން ގައުމީ ޓީމާއެކު ތިބުމުގެ މުހިންމުކަމާއި ގައުމީ ޓީމުން އަބަދުވެސް ދިވެހިންގެ ލެޔާ ކުޅެލާ ވާހަކަތަކުގެ އިތުރުން ފަހު ދެ މެޗުގައި ރާއްޖެ ބަލިވި ސަބަބުތައް ހިމެނެއެވެ. އަަދި ގައުމީ ޓީމަށް ކުރިން ކެޕްޓަންކަން ކޮށްދީފައި ތިބި ބޭފުޅުންގެ ބަސްކޮޅުތަކާއި ޓީމުގެ އެންމެ ދޮށީ ކުޅުންތެރިޔާއާއި ހަގު ކުޅުންތެރިޔާގެ ހާއްސަ މައުލޫމާތުކޮޅެއް ވަނީ ހިމަނައިފައެވެ. އެއާއެކު ގައުމީ ޓީމުގައި ހިމެނޭ ކޮންމެ ކުޅުންތެރިއެއްގެ މައުލޫމާތު ވެސް އެ ސަޕްލިމެންޓުގައި ހިމަނާފައިވެއެވެ.

ގައުމީ ޓީމު ކުޅުންތެރިންގެ މައުލޫމާތު ހިމެނޭ ސަޕްލިމެންޓާއި އޮފިޝަލް ލަވަ ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ// އެފްއޭއެމް

މިއަދު ނެރުނު ސަޕްލިމެންޓުގެ 7،000 ކޮޕީ އެއްވެސް އަގަކާއި ނުލައި ދޫކޮށްލަން ވަނީ ނިންމައިފައެވެ. އެގޮތުން މެޗު ބަލަން ޓިކެޓް ގަންނަ ކޮންމެ ފަރާތަކަށްވެސް ސަޕްލިމެންޓެއް ލިބޭނެއެވެ.

މީގެ އިތުރުން ގައުމީ ޓީމަށް އަލަށް ހަދާފައިވާ އޮފިޝަލް ލަވަވެސް ވަނީ މިއަދު ހަވީރު ލޯންޗްކޮށްފައެވެ. އަމިއްލަ ރާގަކަށް ތައްޔާރުކޮށްފައިވާ މި ލަވަ އަކީ ޓުއަރިޒަމް މިނިސްޓަރު އަދި ގައުމީ ޓީމުގެ އެޑްވައިޒަރީ ކޮމިޓީގެ ޗެއާމަން އަލީ ވަހީދު ލިޔުއްވި ލަވައެކެވެ.

"މި ލަވައިގަ އެހެރީ މާ ބޮޑު ލިރިކްސެއް ނޫން. އޭގަ އެހެރީ އަޅުގަނޑުމެން ޗޭންޖިންގް ރޫމުގައިވެސް ދައްކާ ވާހަކަ. ލަވައިގެ ޅެން ވެރިކަން އޮންނާނީ ފުޓުބޯޅަވެރިކަމަށް ބަދަލުވެފައި،" އަލީ ވަހީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި ލަވައިގެ ސަބަބުން ކުޅުންތެރިން ނިދާފައި ތިބޭ އިރު އަޑު އަހާލިޔަސް މޯޓިވޭޝަން އަންނާނެ ކަމަށެވެ. އަދި ސަޕޯޓަރުންވެސް އެ ލަވަޔާއެކު ދެން ތިބި ސަޕޯޓަރުން ވެސް ދަނޑަށް ވައްދަން މަސައްކަތްކުރާނެ ކަމަށެވެ.

ގައުމީ ޓީމު ކުޅުންތެރިންގެ މައުލޫމާތު ހިމެނޭ ސަޕްލިމެންޓާއި އޮފިޝަލް ލަވަ ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ// އެފްއޭއެމް

ކޮލިފައިންގައި ރާއްޖެ މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު އޭގެތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ ގައުމުން ބޭރުގައި ގުއާމް އަތުން 0-1 އިން މޮޅުވި މެޗެވެ. އޭގެ ފަހުން މާލޭގައި ޗައިނާ އަތުން 0-5 އިން ބަލިވިއިރު، ޔޫއޭއީގައި ސީރިއާ އާއި ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ.

އަންނަ ބުރާސްފަތި ދުވަހު ހަވީރު 4:00 ގައި ފިލިޕީންސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު، މިމަހުގެ 19 ވަނަ ދުވަހު ރާއްޖެ ނުކުންނަން ޖެހޭނީ ގުއާމްއާ ދެކޮޅަށެވެ. މި ދެ މެޗަށް ތައްޔާރުވުމުގެ ގޮތުން ދިވެހި ޓީމް މިފަހަރު ކޭމްޕު ކޮށްފައިވަނީ މެލޭޝިއާގައެވެ.

comment ކޮމެންޓް