މ. އަތޮޅުގެ ރަށްތަކުގެ ތިމާވެށީގެ ހާލަތު، މިނިސްޓަރު ބައްލަވާލައްވައިފި

ތިމާވެށީގެ ހާލަތު ބައްލަވާލެއްވުމަށް އެންވަޔަރަމަންޓް މިނިސްޓަރު މ. އަތޮޅުގެ ރައްތަކަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން--- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

މ. އަތޮޅުގެ ރަށްތަކުގެ ތިމާވެށީގެ ހާލަތު އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ބައްލަވާލައްވައިފިއެވެ.

މިއީ ރާއްޖޭގެ ރަށްތަކުގެ ތިމާވެށީގެ ހާލަތު ބައްލަވާލެއްވުމަށް މިނިސްޓަރު ކުރައްވަމުން ގެންދަވާ ސިލްސިލާ ދަތުރުތަކުގެ ތެރެއިން ކުރެއްވި ދަތުރެކެވެ.

މިނިސްޓަރުގެ ދަތުރުގައި މ. އަތޮޅުގެ ކޮޅުފުށި، މުލި، މުލައް، ވޭވަށް، ރަތްމަންދޫ، ނާލާފުށި އަދި މަޑުއްވަރީއަށް ޒިޔާރަތްކުރައްވައި، އެ ރަށްރަށުގެ ކައުންސިލުތަކާއި އަތޮޅު ކައުންސިލާ ބައްދަލުކުރެއްވިއެވެ. އަދި މ. އަތޮޅުގެ ރަށްތަކަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރެއްވިއެވެ.

ތިމާވެށީގެ ހާލަތު ބައްލަވާލެއްވުމަށް އެންވަޔަރަމަންޓް މިނިސްޓަރު މ. އަތޮޅުގެ ރައްތަކަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން--- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

އެ މަޝްވަރާތަކުގެ ތެރޭގައި ރަށްތަކަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައާއި ކުނީގެ މައްސަލަ ދިމާވެފައިވާ ސަރަހައްދުތަކަށް ޒިޔާރަތްކޮށް އެކަންކަމާއި ގުޅޭގޮތުން މިނިސްޓަރު ވަނީ މަޝްވަރާކުރައްވާފައެވެ.

މިނިސްޓަރު މިހާރު ކުރައްވަމުންގެންދަވާ ސިލްސިލާ ދަތުރުތަކުގެ ތެރެއިން މި މަހުގެ ތެރޭގައި ގދ. ތިނަދޫއަށް ވަޑައިގެން އެ ރަށުގެ ތިމާވެށީގެ ހާލަތު ބައްލަވާލައްވައި އެ މައްސަލަތަކާއި ގުޅޭގޮތުންވެސް އެ ރަށު ކައުންސިލާ މަޝްވަރާކުރެއްވިއެވެ. އެ ދަތުރުފުޅުގައި ތިނަދޫއަށް ދިމާވެފައިވާ ފެންބޮޑުވާ މައްސަލައަށް ހައްލެއް ގެނައުމަށް ފެން ހިންދާ ނިޒާމު ގާއިމުކުރުމަށް ބަޔަކާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކުރައްވާފައެވެ.

އޭގެ އިތުރުން ތިނަދޫގެ ކުނި މެނޭޖުކުރާ މަރުކަޒުގައި އިންސިނެރޭޓަރެއް ބެހެއްޓުމުގެ މަސައްކަތްކުރުމަށް ބަޔަކާ ހަވާލުކުރުމުގެ އެއްބަސްވުމުގައިވެސް ވަނީ ސޮއިކޮށްފައެވެ. އަދި ތިނަދޫގައި ސޯލާ ފާމެއް ގާއިމުކުރުމަށް އެ ރަށު ކައުންސިލާއެކު އެމްއޯޔޫ އެއްގައި ވަނީ ސޮއިކުރައްވާފައެވެ.

ތިމާވެށީގެ ހާލަތު ބައްލަވާލެއްވުމަށް އެންވަޔަރަމަންޓް މިނިސްޓަރު މ. އަތޮޅުގެ ރައްތަކަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން--- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

އެ ސިލްސިލާ ދަތުރުތަކާ ގުޅޭ ގޮތުން މިނިސްޓްރީން ބުނީ އެ ދަތުރުތައް މިނިސްޓަރު ކުރައްވަނީ ރަސްމީ މަސައްކަތްތަކަށް ބުރޫ ނާރާނެހެން ސަރުކާރުގެ ރަސްމީ ބަންދު ދުވަސްތަކަށް ޝެޑިއުލްކުރައްވައިގެން ކަމަށެވެ.

މިނިސްޓަރު މިހާރުވެސް ގެންދަވަނީ ތިމާވެއްޓާއި ގުޅުންހުރި ގައުމީ އަދި ބައިނަލްއަގުވާމީ ބައްދަލުވުންތަކާއި ފޯރަމްތަކުގައި ބައިވެރިވެވަޑައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޒިރާރަތްކުރައްވައި އެ ރަށްރަށަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކަށް ހައްލެއް ހޯއްދަވައިދެއްވުމަށް ކެނޑިނޭޅި މަސައްކަތް ކުރައްވަމުންނެވެ.

comment ކޮމެންޓް