މަސްތުވެ ހުރެ ދޯނި ދުއްވާ މީހާގެ ވީޑިއޯއަކީ ކުރީގެ ވީޑިއޯއެއް، އެކަމަކު ސުވާލުކޮށްފި

މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ މަސްތުގެ ހާލަތުގައި ހުރެ ފެރީ ދޯންޏެއް ދުއްވާ މީހާގެ ވީޑިއޯއަކީ ތަންކޮޅެއް ކުރީގެ ވީޑިއޯއެއް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ވީޑިއޯ ދައުރުވާން ފެށުމުން، އޭގެން ފެންނަ މީހާ އިއްޔެ ހޯދުމަށްފަހު، ފުލުހުންގެ މަރުކަޒަށް އޭނާ ހާޒިރުކޮށްފައިވާ ކަމަށެވެ.

އަދި އޭނާއަކީ އުޅަނދު ދުއްވުމުގެ ލައިސެންސް އޮންނަ މީހެއް ކަމަށާއި އުޅަނދުގެ ހުރިހާ ލިޔުމެއްވެސް ހަމައަށް ހުރި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

"ފުލުހުން މިހާތަނަށް ބެލި ބެލުމުން ވައިރަލްވެފައިވަނީ ތަންކޮޅެއް ކުރީގެ ވީޑިއޯއެއް،" ފުލުހުން ބުންޏެވެ.

އަދި ތުހުމަތު ކުރެވޭ ފަރާތަކީ މީގެ ކުރިން މަސްތުވާތަކެތި ބޭނުން ކުރި މީހެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި ފުލުހުން ވަނީ އޮޑިވެރި ފަރާތުގެ ސަމާލުކަމަށް މިކަން ގެނެސް އޮޑިވެރި ފަރާތަށް ނަސޭހަތްތެރިވެފައެވެ.

މި ވީޑިއޯ ދައުރުވާން ފަށާފައި ވަނީ މި ހަފްތާ ތެރޭގައެވެ. އަދި ސޯޝަލް މީޑިއާގައި ވީޑިއޯ ހިއްސާކުރި ފަރާތުން ބުނެފައި ވަނީ އެއީ ހުޅުލެ އާއި މާލެއާ ދެމެދު ދަތުރުކުރާ ފެރީއެއް ކަމަށެވެ.

ނަމަވެސް ފުލުހުން މިއަދު "ސަން" އަށް ވިދާޅުވީ އެއީ އެއާޕޯޓު ފެރީއެއް ނޫން ކަމަށެވެ.

comment ކޮމެންޓް