އަޑުއެހުމަށް ހާޒިރުވާން ފަނޑިޔާރު އާދަމް އުޒުރުވެރިވެވަޑައިގެންފި

ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ ސުލޫކީ މައްސަލަ ބެލުމަށް ބޭއްވި ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަލަމުންދާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ ސުލޫކީ މައްސަލައިގެ ދެވަނަ އަޑުއެހުން މިއަދު ބާއްވަން ތާވަލުކޮށްފައި ވަނިކޮށް އަޑުއެހުމަށް ހާޒިރުވާން އޭނާ އުޒުރުވެރިވެވަޑައިގެންފި އެވެ.

ފަނޑިޔާރު އާދަމް މުހައްމަދުގެ ސުލީކީ މައްސަލައިގެ އަޑުއެހުން ބާއްވަން ތާވަލު ކުރީ މިއަދު މެންދުރުފަހު 3:00 އަށެވެ.

ފަނޑިޔާރު އާދަމް އަޑުއެހުމަށް ހާޒިރުވާން އުޒުރުވެރިވެފައި ވާތީ މިއަދުގެ އަޑުއެހުން ކެންސަލް ކުރަން ނިންމާފައިވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފަ އެވެ. އެހެންނަމަވެސް، އެކޮމިޝަނުން އެކަމުގެ އިތުރު ތަފްސީލެއް ނުދެ އެވެ.

ފަނޑިޔާރު އާދަމްގެ އެދިވަޑައިގަތުމުވެ މަތިން އޭނާގެ ސުލޫކީ މައްސަލަ ކުރިއަށް ގެންދަން ނިންމާފައި ވަނީ އާންމުކޮށް ހުޅުވާލައިގެންނެވެ. އަދި ޖާގައޮތް މިންވަރަކަށް މީޑިއާތަކަށް އަދި އާންމުންނަށް ވެސް ފުރުސަތު ދޭނެ ކަމަށް ޖޭއެސްސީން ވަނީ ބުނެފަ އެވެ.

ޖޭއެސްސީން ބަލަމުން ގެންދަނީ ސިވިލް ކޯޓުން ކޮށްފައިވާ ހުކުމެއް ތަންފީޒުކުރުމުގެ ގޮތުން އެ ކޯޓުން ބަލަމުން ދިޔަ މައްސަލައެއްގެ ފައިލް ފޮނުވުމަށް އަންގައި، އަދި އެ ފައިލް ސިވިލް ކޯޓުން ސުޕްރީމް ކޯޓަށް ގެނައުމާ ގުޅިގެން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި ފަރާތަށް ގާނޫނުން ލިބިދީފައިވާ އިސްތިއުނާފުކުރުމުގެ ހައްގު ގެއްލި އަދި އަދުލު އިންސާފުގެ ހަމަޔާއި އުސޫލު ގެއްލޭކަމަށް ބުނެ ބެލި މައްސަލައަކާ ގުޅިގެން ޖޭއެސްސީން ފަނޑިޔާރު އާދަމްއަށް ދިން ނަސޭހަތް ގަބޫލު ނުކުރި މައްސަލަ އެވެ.

އެ މައްސަލަ ބެލުމަށް އެކުލަވާލި ކޮމިޓީގައި ތިއްބަވަނީ ޖޭއެސްސީގެ ނައިބު ރައީސް މަސްތޫރު ހުސްނީ އާއި އޭޓާނީ ޖެނަރަލް އިބްރާހިމް ރިއްފަތު އާއި ހިސާން ހުސައިންގެ އިތުރުން އަބްދުލްމާނިއު ހުސައިން އަދި ޑރ. އަލީ ޝަމީމް އެވެ.

މިއަދު ޖޭއެސްސީއިން ހާމަ ކުރި ގޮތުގައި އެކޮމިޝަނުން ދަނީ ފަނޑިޔާރު އާދަމްގެ 16 މައްސަައެއް ބަލަމުންނެވެ. އޭގެ އިތުރުން އުއްތަމަ ފަނޑިޔާރުގެ ޑރ. އަހުމަދު އަބްދުﷲ ދީދީގެ 18 މައްސަލައަކާއި، ފަނޑިޔާރު އަބްދުﷲ އަރީފްގެ 14 މައްސަލައަކާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ ތިން މައްސަލައެއް ޖޭއެސްސީއިން ދަނީ ބަލަމުންނެވެ.

comment ކޮމެންޓް