މިމަސް ނިމުމުގެ ކުރިން 1.5 މިލިއަން ފަތުރުވެރިންގެ އަމާޒު ހާސިލްވާނެ: އެމްއެމްޕީއާރުސީ

އެމްއެމްޕީއާރުސީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި މަސް ނިމުމުގެ ކުރިން 1.5 މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އަންނާނެ ކަމަށް އެމްއެމްޕީއާރުސީ އިން ބުނެފި އެވެ.

އެމްއެމްޕީއާރުސީގެ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ މިއަހަރަށް ސަރުކާރުން އަމާޒުހިފާފައިވާ 1.5 މިލިއަން ފަތުރުވެރިންގެ އަމާޒު މިމަހުގެ ފަހު ހަފްތާގެ ތެރޭގައި ހާސިލްވާނެކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މިމަހުގެ އެންމެ ފަހު ހަފްތާގެ ތެރޭގައި ރާއްޖޭގެ ފަސްގަނޑުގައި 1.5 މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖޭގެ ފަސްގަނޑުގައި ފައި ޖައްސާނެ،" ތޮއްޔިބު ވިދާޅުވި އެވެ.

ތޮއްޔިބު ވިދާޅުވީ މިއީ ސަރުކާރަށް ލިބޭ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި މި ކާމިޔާބީ ކުލަގަދަކޮށް ފާހަގަ ކުރާނެ ކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރުސީ އިން މިއަހަރުގެ ތެރޭގައި ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް 21 މާކެޓެއްގައި ކުރިއަށްގެންދިޔަ 23 ފެއާއެއްގައި ރާއްޖެ ޕްރޮމޯޓުކޮށްފައިވާއިރު 33 ސިޓީއެއްގައި ރޯޑް ޝޯތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަން ތަޖުރިބާކުރުމުގެ ފުރުސަތު ބޭރުގެ ނޫސްވެރިންނާއި ބްލޮގަރުންނަށް ދީ، ރާއްޖެ އިޝްތިހާރު ކުރުމަށް މިއަހަރު ފަށާފައިވާ މީޑިއާ ފޭމް ޓްރިޕްސްގެ 16 ދަތުރެއް ކުރިއަށް ގެންގޮސްފައިވާއިރު ބޮޑެތި ކުންފުނިތަކާއި އެއާލައިންތަކާ ގުޅިގެން ފަސް ޕްރޮމޯޝަނެއްވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 15 އެވޯޑެއް ލިބިފަ އެވެ.

މިއަހަރުގެ ބާކީ އޮތް ދޮޅު މަސް ތެރޭވެސް ރާއްޖެ އިޝްތިހާރު ކުރުމަށް ގިނަ ހަރަކާތްތަކެއް ވަނީ ރާވާފަ އެވެ. އެގޮތުން އަށް ސިޓީއެއްގައި ދެ ރޯޑް ޝޯ އަކާއި ޔޫއޭއީގައި ވިޒިބިލިޓީ ކެމްޕެއިންތަކެއް އެއް މަސްދުވަހަށް ކުރިއަށް ގެންދަން ނިންމާފައިވާއިރު ނޭޝަނަލް ޖިއޯގްރަފިކް ޓްރެވަލް މެގަޒިން އާއެކުވެސް ހަރަކާތެއް ކުރިއަށްގެންދަން ވަނީ ނިންމައިފަ އެވެ.

މިއަހަރުގެ ބާކީއޮތް ދުވަސްތަކުގައި އެއް ފެއާއެއްގައި ބައިވެރިވާނެ ކަމަށާއި ފަސް މީޑިއާ ފޭން ޓްރިޕް ކުރިއަށްގެންދާނެ ކަމަށްވެސް އެމްއެމްޕީއާރުސީ އިން ވަނީ ބުނެފަ އެވެ.

އެމްއެމްޕީއާރުސީގެ އެމްޑީ ތޮއްޔިބު ވިދާޅުވީ ރާއްޖެއަށް ފަރުރުވެރިން އަންނަ ނިސްބަތް ކުރިއަރަމުން އަންނަ ކަމަށާއި މިއަހަރުގެ ތެރޭގައި ފަތުރުވެރިން އަންނަ ނިސްބަތް 16 ޕަސެންޓް ކުރިއަރާފައިވާ ކަމަށެވެ.

އަންނަ އަހަރުވެސް ރާއްޖެ އިޝްތިހާރު ކުރުމަށް ގިނަ މަސައްކަތްތަކެއް ރާވާފައިވާކަމަށް އެމްއެމްޕީއާރުސީ އިން ބުންޏެވެ. އެގޮތުން 27 އަށް ވުރެ ގިނަ ފެއާގައި ބައިވެރިވާނެ ކަމަށާއި 13 އަށްވުރެ ގިނަ ރޯޑްޝޯ ބާއްވާނެ ކަމަށް އެކުންފުނިން ބުންޏެވެ.

comment ކޮމެންޓް