ސީރިއާގެ ވައިޓް ހެލްމެޓްސްގެ ބާނީ ތުރުކީގައި މަަރުވެފައި އޮއްވާ ފެނިއްޖެ

ސީރިއާގެ ވައިޓް ހެލްމެޓްސްގެ ބާނީ ޖޭމްސް ލެ މެޝުރާ ތުރުކީގައި މަަރުވެފައި އޮއްވާ ވަނީ ފެނިފަ -- ފޮޓޯ: ޓުވިޓާ

އަންކާރާ (ނޮވެމްބަރު 12): ސީރިއާގެ ހަނގުރާމައިގެ ތެރޭގައި އަނިޔާވާ ފަރާތްތައް ހޯދައި ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ވައިޓް ހެލްމެޓްސް އުފެއްދުމުގައި އިސް ދައުރެއް އަދާ ކުރި އިނގިރޭސިވިލާތުގެ އަސްކަރިއްޔާގެ ކުރީގެ އޮފިސަރެއް ކަމަށްވާ ޖޭމްސް ލެ މެޝުރާ ތުރުކީގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ވައިޓް ހެލްމެޓްސް ނުވަތަ ސީރިއާ ސިވިލް ޑިފެންސްގެ މެމްބަރުން ތަމްރީނު ކުރުމުގައި އެހީވި މޭޑޭ ރެސްކިއު ގުރޫޕުގެ ސީއީއޯ ކަމަށްވާ ލެ މެޝުރާ މަރުވެފައި އޮއްވާ ފެނުނީ އިސްތަންބޫލުގައި އޭނާ ދިރިއުޅޭ ގެ ކައިރީގަ އެވެ.

ތުރުކީގެ މީޑިއާތަކުގައިވާ ގޮތުން ލެ މެޝުރާގެ އެޕާޓްމެންޓު ކުރިމަތިން އޭނާގެ ހަށިގަނޑު ފެނުނު އިރު، އޭނާގެ ބޮލަށާއި ފަޔަށް އަނިޔާތަކެއް ލިބިފައި ހުއްޓެވެ. އަދި ފުލުހުން ލަފާ ކުރާ ގޮތުގައި ލެ މެޝުރާ މަރުވީ ބެލްކަނިން ވެއްޓުމުގެ ސަބަބުން ކަމަށާއި އޭނާ މަރުވީ އަމިއްލައަށް ކަމަށް ބެލެވޭ ކަމަށް ރޮއިޓާސްގައިވެ އެވެ.

އިސްތަންބޫލުގެ ގަވަރުނަރުގެ އޮފީހުން ވަނީ ލެ މެޝުރާގެ މަރު ތަހުގީގު ކުރަމުންދާ ކަމަށް ބުނެފަ އެވެ.

ވައިޓް ހެލްމެޓްސް އިން ވަނީ ލެ މެޝުރާގެ މަރާ ގުޅިގެން ހިތާމަފާޅުކޮށް، އާއިލާއަށް ހަމްދަރުދީ ފޮނުވާފަ އެވެ. އަދި އޭނާ ސީރިއާއަށް ކޮށްދިން މަސައްކަތްތައް އެގައުމުގެ ރައްޔިތުން ހަނދާން ނައްތާ ނުލާނެ ކަމަށް ބުނެފަ އެވެ.

ސީރިއާގެ ސަރުކާރާއީ ރަޝިއާގެ ފައުޖުތަކުން، އިދިކޮޅު ފަރާތްތަކުން ހިފާފައިވާ ސަރަހައްދުތަކަށް ދޭ ހަމަލާތަކުގައި އަނިޔާވާ ފަރާތްތައް ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ވައިޓް ހެލްމެޓްސް އިން ބުނާ ގޮތުގައި އެއީ ވަކި ފަރާތަކަށް ނުޖެހޭ ޖަމްއިއްޔާއެކެވެ.

ނަމަވެސް މިދިޔަ ހުކުރު ދުވަހު ރަޝިއާގެ ފޮރިން މިނިސްޓްރީން ވަނީ ވައިޓް ހެލްމެޓްސްއިން ޓެރަރިސްޓު ޖަމާއަތްތަކަށް އެހީތެރިވާ ކަމަށާއި ލެ މެޝުރާއަކީ އިނގިރޭސި ޖާސޫސީ އިދާރާ އެމް16ގެ ކުރީގެ އޭޖެންޓެއް ކަމަށް ތުހުމަތުކޮށްފަ އެވެ.

ނަމަވެސް އިނގިރޭސިވިލާތުން އދ.އަށް އައްޔަންކޮށްފައިވާ ޕާމަނަންޓް ރެޕްރެޒެންޓޭޓިވް ކޭރެން ޕިޔާސް ވަނީ އެތުހުމަތު ދޮގު ކުރައްވައިފަ އެވެ.

comment ކޮމެންޓް